ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ މި އަހަރުގެ ތެރޭގައި ދެ ޤައުމުގެ އެންމެ އިސް އޮފިޝަލުން އެކި ފަހަރު މަތިން ބައްދަލުވެ ކުރެވުނު މުޢާމަލާތްތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ މި އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަން ރޭވިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ކޯވިޑްއަށްފަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައި ވުމާއި ކޯވިޑް-19 ޕެންޑެމިކް މެނޭޖްކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ވަކި ޤައުމެއްގެ ބަޔަކު ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ރާއްޖެއިން ނިންމި ނިންމުމަށް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ތަޢުރީފުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީ ވެސް ޞިއްޙީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ޙައްލުތަކެއް ހޯދުމަށް މަގުފަހިކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއެކު، ޞިއްޙީ ޚިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެ ލާމަރުކަޒުކޮށް ހިންގުމަށް ކުރާ މަސައްކަތުގެ އެންމެބޮޑު އަމާޒު ހިފާފައި ވަނީ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތަށް ގެނެސްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަރަޙައްދީ ވިޔަފާރިއާއި ގުޅުންތައް އިތުރުކުރުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ އެ ޤައުމުގެ ފޮރިން ސާވިސް ގައި އަލަށް އުފެއްދި އިންސްޓިޓިއުޓްގައި ތަމްރީނު ހެދުމަށް ރާއްޖޭގެ ފޮރިން ސާވިސްގެ މުވައްޒަފުން ފޮނުވުމަށް ރާއްޖެއަށް ދައުވަތު ދެއްވާފައެވެ. މި ދަޢުވަތު ޤަބޫލުފުޅުކުރައްވައި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދާދިފަހުން ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ޤާނޫނު ތަޞްދީޤު ކުރައްވާފައިވާކަން ފާހަގަކުރައްވައި އެ ޤާނޫނުގެ ދަށުން ފޮރިން ސަރވިސް އިންސްޓިޓިއުޓެއް އެ މިނިސްޓްރީގެ ދަށުން ހިންގުމަށް މަގުފަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދާދިފަހުން އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ވަފުދަށް ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް ބަދަހިކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ