ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، މިހާރު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެން އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްއިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަމަށާއި އެކަންކަން ބަލަންޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރގެ ވާހަކަފުޅުގައި މިއަހަރުގެ މާރިޗު މަހު ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރެއްވުމާއި ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރުމުގެ އިޙްތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ބޭހޭގޮތުންވެސް މަޝްވަރާކުރެއްވެވިއެވެ. އެގޮތުން މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޝިޕިންގ އަދި ޓެކްނިކަލް ޓްރައިން ދިނުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގައި ރަޖިސްޓަރވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، އަދި ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެބޭފުޅުން ވަނީ އެބޭފުޅުންނާއި ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަފުދުގެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ޝަރަފުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްވި ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނު ބަންގްލަދޭޝްއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހުރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާއެކު އެޤައުމުގެ ފޮރިން މިނިސްޓަރ ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްހަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ވަނީ ބަންގަބަންދު ދާރުލްއާޘާރަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެތަނަށް ޒިޔާރާތްކުރައްވާ ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އެއަށްފަހު، އެމަނިކުފާނު ވަނީ ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) އަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މިތަނުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، ޢިމްރާން އަޙްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބީ.ކޭ.ޓީ.ޓީ.ސީ.އަށް ކުރެއްވި ޒިޔާރަތުގައި، އެތަން ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ ރާއްޖޭގައި ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ޚާއްޞަކޮށް ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.