ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާ ސަފީރުކަމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިއާއި ސަލާމަތީ ކަންކަމާއި، ކައުންޓަރ ޓެރަރިޒަމާއި، ތަޢުލީމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުންފަދަ ކަންކަމާ ގުޅޭގޮތުން ތުރުކީގެ ސަފީރާއެކު މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާ ތުރުކީވިލާތާ ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި މި އަހަރަކީ މި ދެ ޤައުމު ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރޭ އަހަރެވެ. މި ދެ ޤައުމުގެ ގާތްގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދޭކަން ފާހަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ތުރުކީގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިބައްދަލުކުރެއްވުމުގައި ތުރުކީ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ ތުރުކީގެ ކުންފުނިތަކަށް ކުރިމަތިވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ ޢަމަލުތައް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވައި މި މައްސަލަތައް ހައްލުކުރުމުގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމާއި، ކަނޑުފޭރުމާއި، ރޭވިގެން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ތުރުކީއާއި އެކުވެރި އެހެން ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ތުރުކީވިލާތުގެ ސަފީރުވެސް ވަނީ މި ދާއިރާއިން ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތުރުކީގެ ތަޢުލީމާގުޅޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހިންނަށް ތަމްރީނާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތަމްރީނު ކުރެއްވުމުގައި ތުރުކީ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ އައު ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާފައެވެ.