بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޔޫތު މިނިސްޓްރީގެ އިސްވެރިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން އަދި އަޅުގަނޑުމެން އެބަޔަކަށްޓަކައި ފަޚުރުވެރިވާ އަޅުގަނޑުމެންގެ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑު އެންމެ ފުރަތަމަވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ޙަޤީޤަތުގައި
ތިޔަބޭފުޅުން، ފުޓްބޯޅަ ކުޅުންތެރިން ޚާއްޞަކޮށް، ނެޝަނަލް ޓީމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭ ބައެއް. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ބައެއް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފުޓްބޯޅަ ފެނިގެންދިޔައީ، އެކަކު އަނެކަކަށް ގުޅުވައިދޭ އެއްޗެއްގެ ގޮތުގައި. ދިވެހިރާއްޖޭގެ ރައްޔިތުން އެއްކަމަކަށް އެންމެ ބޮޑަށް ލޯބިކުރާ، އެއްކަމަކަށް އެންމެ ބޮޑަށް ސަޕޯޓްކުރާ ކަމަކަށް މިވަނީ އަބަދުވެސް ފުޓްބޯޅަ. އެގޮތުން، އަޅުގަނޑުމެންގެ ތެރެއިން ވަކިވަކި މީހުންނަށް ބެލިކަމުގައިވިޔަސް، އެކަމަކަށް ގޮސްފައި، ހުސްވާ އެއްކަމަކީ އަޅުގަނޑު ދަންނަވާނީ ފުޓްބޯޅައޭ. އަޅުގަނޑަށްވެސް ކުޑައިރުއްސުރެ ފެށިގެން އެންމެ ބޮޑަށް، އެއްކަމެއްގައި އުޅެވުނީ ފުޓްބޯޅައިގައި. ޢިމްރާންމެން، ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި، އަޅުގަނޑުމެންނާއެކީ އެ މަސައްކަތުގައި އުޅުނު.

ކޮންމެއަކަސް އަޅުގަނޑު ހަމަ މި ފުރުޞަތުގައި، މުބާރާތަކުން ކާމިޔާބު ހޯދުމަށްޓަކައި ތިޔަބޭފުޅުން އަނެއްކާވެސް ކުރިމަތިލައްވާއިރު، އަޅުގަނޑު މި ވަގުތު އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަދާކޮށްލަން ބޭނުންވަނީ ޝުކުރެއް. އެއީ، އަޅުގަނޑުމެންނަށް ވޭތުވެދިޔަ ސާފް ޗެމްޕިއަންޝިޕްގައި، ޙަޤީޤަތުގައި ފެނިގެންދިޔައީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށް އާދަޔާޚިލާފު އެ ސަޕޯޓް، އެ ބައިވެރިވުން ފެނުނީ. ކޮންމެ މީހެއްގެ ފަރާތުން ދިވެހިރާއްޖޭގެ ކޮންމެ ރަށަކާއި، މާލޭގައި އެވަގުތު ތިބި ހުރިހާ ފަރާތްތަކާއި ދަނޑުން އަޅުގަނޑުމެންނަށް އެކަންތައް ފެނިގެންދިޔަ.

އަޅުގަނޑު ދެން ނެޝަނަލް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ، އާދެ، ތިޔަބޭފުޅުންގެ މަސައްކަތް، ތިޔަބޭފުޅުން ވަރަށް ހިތްވަރު ކުރެއްވި. ވަރަށް ނަލަ ފުޓްބޯޅައެއް އަޅުގަނޑުމެންނަށް ދެއްކެވި. ކޮންމެ ފަހަރަކު، ހުރިހާ ޓީމަކަށް ކާމިޔާބެއްނުވާނެ. މުބާރާތެއްގައި ކާމިޔާބު ލިބިގެން މިދަނީ، ފައިނަލް މެޗުގައި ޓްރޮފީ މި ލިބެނީ އެއް ޓީމަކަށް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިގޮތަށް ދިމާވިޔަސް، ތަށި ނުލިބޭ ކޮންމެ ފަހަރަކީ އަޅުގަނޑުމެން ހިތްވަރު ބަލިކޮށްލަންޖެހޭ ފަހަރެއްނޫން. އަޅުގަނޑު ގަބޫލުކުރަނީ އެއީ އަނެއްކާވެސް ލިބޭ ފުރުޞަތެއްގެ ގޮތުގައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންނަށް އިތުރު ކާމިޔާބީއާ ހަމަޔަށް ދިޔުމަށްޓަކައި ހިތްވަރުކޮށް، އަޅުގަނޑުމެން މަސައްކަތްކޮށް ކާމިޔާބީ ހޯދޭނެ.

އަޅުގަނޑު މީގައި ހަމަ ހުރިހާ ކުޅުންތެރިންނަށް ދަންނަވާލަން ބޭނުން. އެނގިވަޑައިގަންނަވާނެ، މިއަދުގެ ސަރުކާރުން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުޅިވަރަށް ލޯބިކުރައްވާ. އެއީ ޒުވާނުންނަށްޓަކައި، މުޅި ޤައުމަށްޓަކައި. އެހެންވީމާ، މި ސަރުކާރު ފެށިގެން އައީވެސް އެނގިވަޑައިގަންނަވާނެ، ކުޅިވަރުގެ އެކިއެކި ކަންތައްތަކުން. ބޭނުންވަނީ، އެއިން ދޭން ބޭނުންވާ މެސެޖަކީ، ދައްކުވައި މިދެނީ، ޒުވާނުންނާ އެކީގައިކަން ޤައުމެއް ބިނާވެގެންދަނީ. ޒުވާން އުމުރުގައި، ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިކުރާ އެއްކަމެއްގެ ގޮތުގައި މި އޮންނަނީ ކުޅިވަރު. ކުޅިވަރަކީ އަޅުގަނޑުމެންގެ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތްކޮށް، ރައްޓެހިންނާ އެ އޮންނަންޖެހޭ ގުޅުން ބަދަހިކޮށް، އެކަމަށް ލިބޭ ފުރުޞަތެއް.

އެހެންވީމާ، މިއަދު އަޅުގަނޑު ޚާއްޞަކޮށް، ސީނިއަރ މެންބަރުންނަށް، އެފް.އޭ.އެމް.ގެ ބޭފުޅުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެން އަދިވެސް އިތުރު މަސައްކަތްތައް ކުރަން އެބަޖެހެއޭ. ރާއްޖޭގެ އެކި ރަށްރަށުގައްޔާއި، ރާއްޖޭގައި ކުރީގައި އަތޮޅުތެރޭގައިވެސް އެ ހިނގަމުން އައި ފުޓްބޯޅަ މުބާރާތްތައް ބާއްވަވައި، މިއަށްވުރެ މާ ކުރިއަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދެވޭނެ. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ހަމަ ހުރިހާ ފަރާތްތަކުންވެސް، ހުރިހާ އެންމެންވެސް ދެކެން ބޭނުންވާ ދުވަހެއް.

އިރާދަކުރެއްވިއްޔާ، ފުޓްބޯޅަ ތަރައްޤީ ކުރުމަށްޓަކައި، ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްވެސް ސަރުކާރުން ކުރަމުންދާނަން. ހަމަ މި ފުރުޞަތުގައި، ކޯޗަށްވެސް އަޅުގަނޑު މަރުޙަބާ ދަންނަވަން، އަޅުގަނޑުމެންނާ ޖޮއިން ކުރީތީ. އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެންނަށް ލިބިގެންދާ ކޮންމެ އެކްސްޕަރޓީސްއަކީ އެއީ، ޤައުމަށް ލިބިގެންދާ އެއްޗެއް ކަމަށް. އެހެންވީމާ، އޭގެ ސަބަބުންވެސް އިތުރު ފައިދާތަކެއް ކުރާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އިރާދަކުރެއްވިއްޔާ، ކުރީގައިވެސް ތިބިގޮތަށް އަޅުގަނޑުމެންގެ ރައްޔިތުން މިތިބީ. ޤައުމުގައި ކުޅުނަސް، ޤައުމުން ބޭރުގައި ކުޅުނަސް، އަޅުގަނޑުމެން އެ ޖަހާ އަތްތިލަބަޑިތަކުގެ އަޑު އިރާދަކުރެއްވިއްޔާ، މަޑުވެގެންނެއް ނުދާނެ. ދިވެހި ހުރިހާ ރައްޔިތުންގެ، މުޅި ދިވެހި ސަރުކާރުގެ އެ ސަޕޯޓް، ދިވެހި ކުޅުންތެރިންނަށް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މުބާރާތުގައިވެސް ފެނިގެންދާނެ.

އަޅުގަނޑުމެންގެ ހުރިހާވެސް އެދުމަކީ، ތިޔަބޭފުޅުން ޤައުމަށް ރީތި ނަމެއް ހޯއްދަވައިދެއްވުން. ދިވެހިންގެ، އެ އުންމީދު އިރާދަކުރެއްވިއްޔާ، ސްރީލަންކާގައި ކުރިއަށް މިއޮތް، ހަތަރު ޤައުމުގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތުގައިވެސް ފެނިގެން ދިޔުން. އެ މުބާރާތުގައި ކާމިޔާބު ލިބިގެން ދިޔުން. އަޅުގަނޑުމެންގެ ދުޢާއަކީ، އެ ކާމިޔާބު ލިބި، ދިވެހިރާއްޖެއަށް އިރާދަކުރެއްވިއްޔާ، އެ ތަށި ގެނައުން.

އަޅުގަނޑު ނިންމާލަމުންވެސް، ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އަޅުގަނޑު ހަމަ ޝުކުރު އަދާކުރަން. އެންމެފަހުން ނިމިގެން މިދިޔަ ސާފްގެ މުބާރާތުގައި، ޚާއްޞަކޮށް، އެ މުބާރާތުގައި ތިޔަބޭފުޅުން ކުރެއްވި ހިތްވަރަށްޓަކައި، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަމުން، ތިޔަބޭފުޅުންނާއި މުޅި ޤައުމަށް ކާމިޔާބަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.