ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ނ. ވެލިދޫ ކައުންސިލާއި ބައްދަލުކުރައްވާ، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކުރައްވާފައެވެ.

ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމާއި ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށްވެސް ބިން ދޫކުރުމުގައި ހުރި ދަތިކަމުގެ އިތުރުން ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަށް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.