ދީނީ ޢިލްމު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ ޢިލްމު އުނގަންނައިދީ ފެތުރުން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށިގެން އަންނައިރު ޙާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ. ރީތި ރާގުތަކަށް ޤުރްއާން ކިޔެވުމަކީ އޭގެ ސަބަބުން އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމަށް ހިތްވަރުދެއްވިއެވެ. އަދި ހަމައެއާއެކު ކީރިތި ޤުރްއާނުން ހިފޭނެ ގިނަގުނަ ބޭނުންތައް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކީރިތި ޤުރްއާނުން އިތުރު ބޭނުންތައް ހިފޭނީ ޢަމަލީ ދިރިއުޅުމުގައި ކީރިތި ޤުރްއާން ތަންފީޒުކުރަން ދަސްކޮށްގެން ކަމަށާއި ކީރިތި ޤުރްއާނުގެ އަޚްލާޤު އުނގެނި ދަސްކުރުމުން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ޤުރްއާނުގެ އަޚްލާޤުން ހައްލު ލިބެން އެބަހުރި ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރުތަކަކީ، އިސްލާމީ ތަރުބަވީ އަޚްލާޤު ދަންނަ އެއްޗެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިސްލާމް ދީނުން ފެންނަން އޮތީ، އިޖްތިމާޢީ ޢަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުޞޫލުތައް ކަމަށާއި ބައިބައިވުމާއި ވަކިވަކިވުން ނޫންކަން ފާހަގަކުރެއްވިއެވެ.
މިރޭގެ ހަފްލާގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމުގައި ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ. މި ހަފްލާގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.