‎ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫ.އެން.އެފް.ޕީ.އޭ) ގެ އެހީގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު " އުފަންވެނި ޞިއްޙަތު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައިފިއެވެ.

‎މަޒުކަޒު އިފްތިތާޙްކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
‎ އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކާއެކު މި ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން
‎ޚިދުމަތްތައް ހޯދި އަދަދު 3 ލައްކައާ ގާތްކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ކަންކަމުން
‎އެނގެނީ އެހޮސްޕިޓަލުގެ ޚިދުމަތްތަކަށް ރައްޔިތުން އިތުބާރުކުރާ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ޚިދުމަތްތަކަކީ
‎މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ވެސް ބޭނުންވެފައިވާ ޚިދުމަތްތަކެއްކަމަށެވެ.
‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި،
‎ބަލިވެގެންހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ މީހުން ނަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއެކީ ކަންތައްތައް ފަހިކޮށްދީ އެހީތެރިވެދިނުމަށް އެދިވަޑައިގެންނެވިއެވެ.

‎މިއަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާޙްކުރި “އުފަންވެނި ޞިއްޙަތު"މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ.
‎މި މަރުކަޒުގެ ސަބަބުން ދަރިމައިވުމާ ގުޅޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ލިބިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މަރުކަޒު އިފްތިތާޙުކޮށްދެއްވައި އެ މަރުކަޒު ބައްލަވާލައްވާފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލެއްވިއެވެ.