ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުޅުދުއްފުށި ސީޓީކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައ، އެ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ކުޅުދުއްފުށި ސިޓީކައުންސިލުގައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ކުޅުދުއްފުށިސިޓީއަށް ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިޔަށްގެންދިއުމާ ގުޅޭގޮތުންނާއި ސިޓީގެ ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފަރާތުން ވަނީ އެ ސްކޫލްތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް ޢުމްރާނީ މަސްރޫޢުތައް ފެށުން ލަސްވެގެންދިއުމާއި ކުރިޔަށްދާ ބައެއް މަޝްރޫއުތަކާ ގުޅިގެން ސްކޫލްތަކުން ހުރި ކަންބޮޑުވުންތައް ވެސް މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައިވެއެވެ. މީގެ އިތުރުން ބައެއް ސްކޫލްތަކުން ވަނީ މުހިންމު މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމުގައި ދިމާވާ ދަތިތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.
މި ކަންކަމުގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މިހާރު ކުރިޔަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާކަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީފެންވަރަށް މަތިކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދަވާ ކަމަށާ ޚާއްޞަކޮށް ފާއިތުވި 3 އަހަރަކީ އެ ހޮސްޕިޓަލަށް އެންމެގިނަ ކުރިއެރުންތައް ލިބިގެންދިޔަ މުއްދަތުކަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޞިއްޙީ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދެއްވާކަމަށާއި ވަކިން ޚާއްޞަކޮށް ރީޖަނަލް ހޮސްޕިޓަލުތަކުގެ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުން ގެންދާކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސިޓީކައުންސިލުން ފާހަގަކުރެއްވި ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށާއި އަދި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެެއްވި ކަންކަންމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.