ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ލ. ގަމު ކައުންސިލާއި ބައްދަލުކުރައްވާ، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްޤީގެ ވިސްނުން އޮޅުންފިލުއްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުން ފަދަ ބިޔަ މަޝްރޫޢުތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްޤީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއްކަމުގައި ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަޝްރޫޢުތަކެއް ބަޖެޓްކޮށްފައިވާ އިރު މި މަޝްރޫޢުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވަނީ ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫޢާއި، ގިރާ ސަރަޙައްދު ޙިމާޔާތްކުރުމާއި، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮއްދެއްވުމަށާއި، ރަށުގެ ޞިއްޙީ ޚިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ޤާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަޙައްދުތައް ތަރައްޤީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކަންސިލަރުންނާ ހިއްސާކުރައްވައި، އަންނަ އަހަރު ކެންސަރ ހޮސްޕިޓަލާއި، ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެކަމަށާއި، މީގެ އިތުރުން ވެސް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.