بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއީ ވަރަށް އުފާވެރި ރަސްމިއްޔާތެއް. އަޅުގަނޑުގެ ކުރިމަތިން ފެންނަމުން މިދަނީ، ވަރަށް އުފާވެރި މޫނުތަކެއް. ޙަޤީޤަތުގައިވެސް މިއީ ތިޔަ ކުދިން އުފާކުރަންވީ ދުވަހެއް. މިކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންވެސް އުފާކުރަންވީ ދުވަހެއް.

އާދެ، ތިޔަ ދަރިވަރުން ތިޔަ ހޯދި ކާމިޔާބަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ކިޔަން. އަދި ތިޔަ ކުދިންގެ ކާމިޔާބީގެ ފަހަތުގައި ތިއްބެވި، ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނާއި، މުދައްރިސުން ކޮށްދެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ޝުކުރު ދަންނަވަން.

މިރޭ ތިޔަ ކުދިން ތިޔަ ޙާޞިލްކުރީ އެތައް އަހަރެއްގެ ބުރަ މަސައްކަތުގެ ފޮނި މޭވާ. އަޅުގަނޑަށް ހަމަ ޔަޤީން، މިހާރު ތިޔަ ކުދިންގެ އުންމީދަކަށް އޮންނާނީ، ޘާނަވީގައި ލިބުނު ކާމިޔާބަށްވުރެ މާ ފުރިހަމަ ކާމިޔާބެއް، މަތީ ޘާނަވީގައި ހޯދުން. ދިވެހި ޤައުމުވެސް ތިޔަ ކުދިންގެ ފަރާތުން ކުރަނީ ހަމަ އެ އުންމީދު.

މިރޭ އިނާމު ޙާޞިލްކުރާ ކުދިންގެ ނަތީޖާއަށް ބަލާއިރު، އެކަން ޙާޞިލް ނުކުރެވޭނެ ހަމަ އެންމެ ދަރިވަރަކުވެސް މިތަނަކު ނެތް. މި ކުދިންގެ ތެރޭގައި، މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރުން އެބަތިބި. ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ 42 ދަރިވަރަކު އެބަތިބި. ތިޔައީ ވިސްނުން ތޫނު މޮޅު ކުދިން.

ޘާނަވީ އިމްތިހާން ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، މިކަމުގައި ފާހަގަކޮށްލެވޭ އެހެން ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އެއީ، ޘާނަވީ އިމްތިޙާން ނިންމާ ކުދިންގެ ތެރެއިން، މަތީ ޘާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވާ މައްސަލަ.

މިދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ޘާނަވީ އިމްތިޙާން މި ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން. އޭގެ ތެރެއިން، މަތީ ޘާނަވީއަށް މި ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިން. އާދެ، ޘާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓް. މީގެ މާނައަކީ، ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ޘާނަވީ ހަދަން ބޭނުންނުވާކަން.

މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަންޏެއް ނޫން. އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް. އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް.

ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރާ ތަނެއް ނޫން. ޤައުމު ތަރައްޤީ ވަނީ ޤައުމުގައި އުޅޭ މީހުން ތަރައްޤީވެގެން. ޤައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ޤައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން.

ތިޔަ ކުދިންނަށްވެސް އެނގޭނެ، ވަރަށްދަތި އުނދަގުލުގެ ތެރޭގައި، އަޅުގަނޑުމެން ދޮޅު އަހަރެއްހާ ދުވަސް ހޭދަކޮށްފިން. ތިޔަ ކުދިންގެ އެއް އަހަރުގެ ކިޔެވުންވެސް، ދޮޅު އަހަރެއްހާ ދުވަހަށް ދެމިގެންދިޔައީ. ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، ތިޔަ ކުދިންނަށް އޮންލައިން ކްލާސްތައް ނަންގަވައިދެއްވި ޓީޗަރުންގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަންޖެހޭނެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ސްކޫލަށް ހާޒިރުވެގެން ކިޔަވައިދެއްވުމުގައިވެސް، ޓީޗަރުން ކުރެއްވީ، ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް.

ކޯވިޑް-19ގެ ދަތިތައް އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ފިލައިގެނެއް ނުދޭ. މިހާރުވެސް އަޅުގަނޑުމެން މިއުޅެނީ، އެ ދަތިތަކާއި ނުރައްކަލުގެ ތެރޭގައި. ނަމަވެސް، އަޅުގަނޑުމެން ހިތްވަރާއެކު މަސައްކަތް މި ކުރަނީ، އެ ދަތިތަކުން އަރައިގަނެވޭތޯ. ޤައުމު ބިނާކުރެވޭތޯ.

ހަމަ އެ ޢަޒުމުގައި، ދުނިޔޭގެ މިސްރާބުވެސް މިހާރުހުރީ ވަރަށް ބޮޑެތި ބަދަލުތަކަކާ ދިމާޔަށް. މިއިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ، ޒަމާނީ ޓެކްނޯލޮޖީގެ ބަދަލުތަކެއް، ވަރަށް އަވަހަށް ފެންނަން ފަށާނެ. ތިޔަ ކުދިންވެސް މިއަދު ވިސްނުން އަމާޒުކުރަންވީ، ދުނިޔެއަށް އަންނަ ބަދަލުތަކަށް. ތިޔަ ކުދިން މިއަދު ފިކުރު ހިންގަންވީ، މާދަމާ ކުރާނެ މަސައްކަތަކާ ދޭތެރޭގައި.

ކޮންމެ ކުއްޖަކުވެސް، އެ ކުއްޖެއްގެ ކުރިމަގާމެދު ކޮންމެވެސް ވިސްނުންތަކެއް ގެންގުޅޭނެ. އެއީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމާވެސް ގުޅިފައި އޮންނަ ވިސްނުމެއް. މި މަރުޙަލާއަށް ކުދިން ދާއިރުވެސް ބެލެނިވެރިންގެ ދައުރަކަށްވާންވީ، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން.

ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުމަކީ، ބައެއްފަހަރަށް ވަރަށް ހިތި ނަތީޖާވެސް ނުކުމެދާނެ ކަމެއް. އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، ހާޞިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ. އެ ކުއްޖާއާއި ޢާއިލާއަށް ލިބޭ އުފާވެރިކަންވެސް މާބޮޑުވާނެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، ދަރިވަރުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުން. އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިއްޖެ. ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުޞަތުގައި، ހީނުކުރާހާ ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރުވެސް އަންނަނީ ކިޔަވަމުން. ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއް.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތަސް، އެކަމަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ އެބަ ދެވޭ. ދަރިވަރުންގެ ސްކޫލް މަރުޙަލާގައި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. 2019 ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިންގ ޕްރޮގްރާމުން އެކަން ޙާޞިލް ކުރެވޭނެ.

އުނގެނުމުގަޔާއި، އެނޫން ގޮތްގޮތުންވެސް ޚާއްސަ އެހީއަށް ބޭނުން ކުދިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. ތަޢުލީމު ޙާޞިލް ކުރުމުގައިވެސް އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް. އަޅުގަނޑުމެން އުފެއްދި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން އެކަމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުން.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް ތަންފީޒު ކުރަން ފެށީ، ހިނގަމުންމިދާ 2021 ވަނަ އަހަރުގެ ތެރޭގައި. މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ޢަމަލުކުރަން ފެށީވެސް، ހަމަ މި އަހަރުގެ ތެރޭގައި. މިއީވެސް މުޅިން އަލަށް ރާއްޖޭގައި ޢަމަލުކުރަން ފެށި ޤާނޫނެއް.

އާދެ، މި ދެ ޤާނޫނުގެ ބޭނުމަކީވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި ފުރިހަމައަށް ކަށަވަރުކޮށްދިނުން. އެއްވެސް ތަފާތުކުރުމެއްނެތި، ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނުދީ، އިސްލާމީ ޢަޤީދާއާއި، އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަކީވެސް މި ޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއް.

ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން، ޔުނެސްކޯގެ އެހީގައި އެކުލަވައިލި އައި.ސީ.ޓީ. މާސްޓަރ ޕްލޭންވެސް މިހާރު އޮތީ ނިމިފައި. އިރާދަކުރެއްވިއްޔާ، މި އަންނަ ޖަނަވަރީ މަހުގެ ތެރޭގައި، އެ މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށޭނެ.

މިއަހަރުގެ ތެރޭގައިވެސް މުޅިން އައު ކަމެއް ތަޢުލީމީ ދާއިރާއަށް އެބަ ތަޢާރަފް ކުރަން. އެއީ ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުން. ސްކޫލްގައި ކިޔަވާ ޢުމުރުގެ ކުދިން މަދުވުމުން، ސްކޫލް ނެތް ތިން ރަށެއްގައި، މި އަހަރުގެ 2 ވަނަ ޓާރމްގައި، މި ޕްރޮގްރާމް ފެށޭނެ. އާދެ، އެއީ ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫ.

އޭރުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން.

މިފަދަ މުހިންމު ބަދަލުތައް ތަޢުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ޤައުމު ތަރައްޤީ ކުރާނެ މީހުން ބިނާކުރުން. ޤައުމު ތަރައްޤީ ކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭފަދަ، ޢިލްމީ އަދި ޖިސްމާނީ ޤާބިލްކަން ދަރިންނަށް ހޯދައިދިނުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ.

އަޅުގަނޑުގެ އުންމީދަކީ، މިރޭ އެވޯޑް ޙާޞިލްކުރާ ހުރިހާ ދަރިވަރުންނަކީވެސް، މަތީ ޘާނަވީ ފުރިހަމަކޮށް އަދި މަތީ ތަޢުލީމުގެ މަރުޙަލާތައްވެސް ފުރިހަމަކޮށްގެން، ޤައުމު ކުރިއެރުވުމަށްޓަކައި، ޤައުމުގައި ޚިދުމަތް ކުރާނެ ކުދިންތަކެއް ކަމުގައިވުން. ޒަމާނީ ތަރައްޤީގެ ތެރެއަށް ރާއްޖެ ގެންގޮސްދިނުމަށްޓަކައި، ތިޔަ ކުދިންގެ ޚިދުމަތަށް ޤައުމު އޮތީ ވަރަށް ބޮޑަށް ބޭނުންވެފައި.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުން، މިރޭގެ ޙަފްލާގައި އިނާމުތައް ޙާޞިލްކުރާ ހުރިހާ ދަރިވަރުންނަށް، އަދިވެސް އެއްފަހަރު މަރުޙަބާ ކިޔަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރުމަށް ތިޔަ ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބާއި ހެޔޮގޮތްތައް މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރައްވައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.