ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތ ވިލުފުށީ ކައުންސިލާއި މިއަދު މެންދުރުފަހު ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް ކައުންސިލާއި ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވިލުފުށީ ކައުންސިލުން ވަނީ އެރަށުގައި އަޅަންހަމަޖެހިފައިވާ ހޮސްޕިޓަލާ ބެހޭގޮތުންނާއި، އެއާރޕޯޓް އެޅުމާއި ބަނދަރު ފުންކުރުމާއި ގިރާސަރަޙައްދު ހިމާޔަތްކުރުމާއި އަދި ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާއާއި ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އެރަށުގެ ކައުންސިލާ ރައްޔިތުން ބޭނުންވާ ކަންކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑްގެ ޙާލަތާއެކު ކުރިމަތިވި ބަޖެޓުގެ ދަތިކަމާއެކު ބައެއް މަޝްރޫޢުތައް މަޑުޖައްސާލަން ޖެހުނުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވިލުފުށީގެ ގިނަ މަޝްރޫޢުތަކެއް ހިމެނިފައިވާކަން ފާހަގަކުރައްވައި ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އެގޮތުން އެރަށުގައި އަޅަންހަމަޖެހިފައިވާ ހޮސްޕިޓަލްގެ ފަންޑިންގ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައި އެއާރޕޯޓާއި، ބަނދަރު ފުންކުރުންފަދަ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ސަރުކާރުން ރާއްވަވާފައިވާ ގޮތްތަކުގެ މަޢުލޫމާތުވެސް ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. އަދި މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވިލުފުށީ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފު ބައިވެރިވެވަޑައިގެންނެވިއެވެ.