بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، މި ޙަފްލާ އިންތިޒާމު ކުރައްވާ އިސްބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ގޯލްޑް ހަންޑްރެޑް އެވޯޑް ޙާޞިލްކުރި ވިޔަފާރިތަކުގެ، އަގުހުރި ޚިދުމަތްތައް ފާހަގަކުރުމަށް މިރޭ މި ބާއްވާ ޙަފްލާގައި، ތިޔަބޭފުޅުންނާ މުޚާޠަބުކޮށް އެއްޗެއް ދެންނެވުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފާކުރަން.

އަޅުގަނޑުމެން މިއަދު ދިރިއުޅެމުން މި އަންނަނީ، މީގެ ދެ އަހަރު ކުރިން ދުނިޔެ އޮތް ޙާލަތާ އަޅައިބަލާއިރު، ވަރަށް ތަފާތު ދުނިޔެއެއްގައިކަން އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ. ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރި، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި. ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދު ފުނޑުފުނޑުވެގެންދިޔަ. ރާއްޖޭގެ ކުޑަކުޑަ އިޤްތިޞާދުވެސް މިކަމުން ސަލާމަތެއްނުވި.

އާދެ، ރާއްޖޭގައި މިއޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، ރާއްޖޭގެ ރިޒޯޓުތަކާއި ގެސްޓްހައުސްތައްވެސް ފަޅުވެގެންދިޔަ. ފުރަބަންދަކަށްފަހު ފުރަބަންދެއް އިޢުލާނު ކުރުމުން، ހޮޓާތަކާއި ރެސްޓޯރަންޓްތައްވެސް ބަންދުކުރަން ޖެހުނު. ވިޔަފާރިތައް ހީނަރުވެގެންދިޔަ.

މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން. ނަމަވެސް، އުންމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނޭ. މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ، ކޯވިޑުގެ ކުރިން ޢާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު 70 އިންސައްތައިގައި.

ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ މަޑުމަޑުން އެބަ ފެނޭ. އިޤްތިޞާދީ އަޑިގަނޑުގައި އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބީކީ ނޫން. އައު ވިޔަފާރިތައްވެސް އަންނަނީ މަޑުމަޑުން އުފެދެމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މި އަންނަނީ އިޤްތިޞާދު އަލުން އިޢާދަކުރަމުން.

ކޯވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދިނިން. ބޮޑެތި ވިޔަފާރިތަކަށާއި، ކުދި ވިޔަފާރިތަކަށްވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައިން. އަދި ހަމަ އެ ދަތި ހާލުގައިވެސް، އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް، ވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.

އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި.

މިރޭގެ މި ޙަފްލާގައި އެވޯޑް ޙާޞިލްކުރާ ވިޔަފާރިތަކަކީ، ކާމިޔާބު ހަރުދަނާ ވިޔަފާރީގެ ނަމޫނާތަކެއް. އެއީ، ހަމައެކަނި ފައިދާއަށްޓަކައި ހިންގާ ވިޔަފާރިތަކެއް ނޫން. އެއީ، އީޖާދީ އުފެއްދުންތެރިކަމާއެކު، ކުރިމަގަށް ވިސްނައިގެން ހިންގާ ވިޔަފާރީގެ ނަމޫނާތަކެއް.

މި ޙަފްލާގައި، އެ ވިޔަފާރިތަކުގެ އަގު ވަޒަންކުރެވިގެން އެދަނީ، މި މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކޮށްފައިވާތީ. އެ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޤައުމީ ތަރައްޤީއަށް ކޮށްފައިވަނީ، ގުނައި ޢަދަދު ނުކުރެވޭހާ ގިނަ ފައިދާތަކެއް. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންނަށް ލިބުނު މަންފާއާއި ލާބަ ވަކިން ބޮޑު.

މި ޙަފްލާގައި އެވޯޑް ޙާޞިލްކުރާ ވިޔަފާރިތަކަކީ، ވަރަށް ފުރިހަމަ އަދި ކާމިޔާބު ވިޔަފާރިތަކެއް ކަމުގައި އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ތިޔަ ހުރިހާ ވިޔަފާރިވެރިންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

ނިންމާލުމުގެ ކުރިން، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ކޯޕަރޭޓް މޯލްޑިވްސްއިން އިސްނަންގަވައިގެން ކުރައްވާ މިންނެތް މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ކުރައްވާ މަސައްކަތުގެ ސަބަބުން ކާމިޔާބު ވިޔަފާރިތަކުގެ އަގު ވަޒަންކުރުމުގެ އިތުރުން، އައު ވިޔަފާރިތަކަށް ހިތްވަރު ލިބިގެންދޭ.

މިރޭ މި އެވޯޑުތައް ޙާޞިލް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި ހުރިހާ ވިޔަފާރިތަކަށް، އަދިވެސް އެއްފަހަރު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.