بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އޮޑިޓަރ ޖެނެރަލް އަދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް އަލްފާޟިލް ޙުސައިން ނިޔާޒީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެންނަށް ފެނުނީ، ޤައުމުތަކުގެ އިޤްތިޞާދު އިނދަޖައްސައިލި ވަބާއެއްގެ ގޮތުގައި. ނަމަވެސް ދޮޅު އަހަރަށްފަހު، މިހާރު ފެންނަނީ ދުނިޔޭގެ އިޤްތިޞާދު އަނެއްކާވެސް މަޑުމަޑުން ހަށިފޮޅާލާފައި ތެދުވަމުން އަންނަ މަންޒަރު. ރާއްޖޭގެ އިޤްތިޞާދުވެސް ހަމަ މިމޭރުމުން ހިންދެމިލާ މަންޒަރު މިއަދު އެބަ ފެނޭ.

އަޅުގަނޑުމެން މިރޭ މިތަނަށް އެއްވެ މިތިބީވެސް، މި ދެންނެވި އިޤްތިޞާދީ ބަދަލުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ފެށުމުގެ ގޮތުން. އާދެ، ޗާޓަޑް އެކައުންޓެންޓުންގެ މި އަހަރުގެ ފޯރަމް އިފްތިތާޙު ކުރުމުގެ ޖަލްސާއަށް. އެހެންކަމުން، މި ފޯރަމް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް، ޙުސައިން ނިޔާޒީއަށް އަދި އެ އިންސްޓިޓިއުޓްގެ އިންތިޤާލީ ކައުންސިލްގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވަން.

ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތައް، ޚާއްޞަކޮށް، ދައުލަތުގެ މާލީ މުޢާމަލާތްތައް، އޮޑިޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފެށިފައި ވަނީ، މީގެ ގާތްގަނޑަކަށް 67 އަހަރު ކުރިން. މިއަދާ ހަމައަށް އައިއިރު، އޮޑިޓިންގއާއި އެކައުންޓެންސީގެ ދާއިރާ މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. އަދި ކޮންމެވެސްވަރަކަށް ތަރައްޤީވެސް ވެފައި.

އެހެން ނަމަވެސް، މި ދާއިރާގައިވެސް ދިވެހިންނަށްވުރެ ގިނަކަމަށް ފާހަގަކުރެވެނީ، ބިދޭސީ އެކައުންޓެންޓުން. ދެންމެ އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައިވެސް ވިދާޅުވި ފަދައިން، މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން އެބަ މަސައްކަތް ކުރައްވާ. އަދި ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިންގ ދާއިރާގެ މީހުން.

ރާއްޖޭގެ އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު، ބޭންކިންގ ދާއިރާއާއި، އިޤްތިޞާދީ ޞިނާޢަތުގައި، އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އަންނަނީ އުފެދެމުން. ދައުލަތާއި ޕްރައިވެޓް ސެކްޓަރގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަންވެސް މިހާރުވަނީ ވަރަށް ބޮޑުވެފައި.

އެ ވަޒީފާތަކަށް ސަރުކާރުވެސް އަދި މި އިންޑަސްޓްރީވެސް ބޭނުންވަނީ، ކޮލިފައިޑް ޤާބިލް އެކައުންޓެންޓުން. އެހެންކަމުން، މި ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. މި ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި، މި އިންސްޓިޓިއުޓަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ. އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައްވެސް ތަނަވަސްކޮށްދޭނެ.

އެކައުންޓިންގ ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް. މި ދާއިރާ ހަރުދަނާވެ ފުޅާވިވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ.


ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފެށީ ވަރަށް މުހިންމު ބޭނުމެއްގައި. އެއީ، އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްޤީ ކުރުން. އަދި މި ދާއިރާއަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަސީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުން.

އެހެންކަމުން، އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް، މި އިންސްޓިޓިއުޓުން އަވަސް މަސައްކަތްތަކެއް ކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑު ދެކޭގޮތުގައި، އެ މަސައްކަތް އަވަސްކުރުމަކީ، އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަޤީންކަން ހޯދުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.

އެކައުންޓިންގގެ މަސައްކަތަކީ، ދައުލަތުގެ މުޅި ނިޒާމު އޭގައި ލާމެހިފައިވާ މަސައްކަތެއް. ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި، ދައުލަތުގެ ބޭންކިންގ ނިޒާމާއި، ވިޔަފާރިތަކާއި، މުޅި އިޤްތިޞާދީ ނިޒާމު އޭގައި ޝާމިލުވާ މަސައްކަތެއް. މި ސަބަބަށްޓަކައި، އެކައުންޓެންސީއާއި އޮޑިޓް ދާއިރާއިން ދިމާވާ މައްސަލަތައް، މި ދާއިރާގެ އެންމެހައި ފަރާތްތަކާ މަޝްވަރާކޮށްގެން، ޙައްލުކުރުމަކީ ވަރަށް މުހިންމު ކަމެއް.

މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަކީވެސް، ރާއްޖެއަށް ބޭނުންވާ ފަންނީ ދާއިރާތަކުން ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރޭގައި، މިހާރުވެސް އެކައުންޓިންގ ދާއިރާގެ ކޯސްތައް އެބަ ހިމެނޭ. އަދި މީގެއިތުރުންވެސް، ތިޔަބޭފުޅުންގެ މަޝްވަރާއާ އެކީގައި، މި ދާއިރާއަށް މީހުން ބިނާކުރުމުގައި، މި ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ކޮށްދީ، މަގުފަހިކޮށްދޭނަން.

ރާއްޖޭގެ ތަރައްޤީގެ ދުވެލި، މާތް ﷲގެ ވާގިފުޅާއެކު މިހާރު ހުރީ ރަނގަޅު މިޞްރާބުގައި. ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް ކުރިއަރަމުން އަންނަނީވެސް އުންމީދު އާކޮށްދޭ ގޮތެއްގައި. އަޅުގަނޑު ދެކޭގޮތުގައި މިއަދު ރާއްޖެ މިއޮތީ، ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައި.

އެކައުންޓިންގ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓެންސީ ކޯސްތަކާމެދު ޒުވާނުން ޝައުޤުވެރިކުރުވައި، ގިނަ ޒުވާނުން މި ދާއިރާއަށް ނެރުމަކީ، މި އިންސްޓިޓިއުޓުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް. އެކަމަށް ހުރި ގޮންޖެހުންތަކާމެދު މި ފޯރަމްގައި މަޝްވަރާ ކުރައްވައި، ޙައްލުތަކެއް ހޯއްދެވުމަކީވެސް ވަރަށް މުހިންމު ކަމެއް.

އާދެ، އެކައުންޓެންސީ ދާއިރާއާމެދު ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަކީ، މި އިންސްޓިޓިއުޓްގެ ފަރާތުން އަޅުގަނޑުމެން އެދޭ ވަރަށް ބޮޑު އެދުމެއް. މި ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް، އެކައުންޓެންޓުންގެ ފަންނީ އަދި އަޚްލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެން.

މި ފޯރަމަކީ، ރާއްޖޭގައި މަސައްކަތް ކުރައްވާ އޮޑިޓަރުންނާއި އެކައުންޓެންޓުން އެއްތަނަކުން ބައްދަލުވެ، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެއް. އަދި އެ ކަންބޮޑުވުންތަކާމެދު، މި ދާއިރާގެ ޙިއްޞާދާރުންނާ އެކުގައި މަޝްވަރާ ކުރައްވައި، އެއްބަސްވެވޭ ޙައްލަކަށް މިޞްރާބު އަމާޒުކުރެވޭނެ ފޯރަމަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިއީ ވަރަށް ކާމިޔާބު ފޯރަމަކަށްވުމުގެ އުންމީދުގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން. އަޅުގަނޑުގެ ދުޢާއަކީ، އެކި ރޮނގުރޮނގުން ރާއްޖޭގެ ހިންގުމުގެ ދާއިރާ އިޞްލާޙު ކުރުމަށް މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. ރާއްޖޭގައި ތިޔާގިކަމާއި ބާއްޖަވެރިކަން ޢާންމުކުރައްވައި، ޞުލްޙަޔާއި އަމާންކަމުގައި ދިރިއުޅުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.