”ކޮންމެ ޓީޗަރަކަށް ލެޕްޓޮޕެއް“ މިނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށްޓަވާ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ، މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރެއްވުމަށްޓަކައި މާލޭގެ މަދަރުސާތައް ގުޅިގެން ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގެ ގޯތިތެރޭގައި ރޭ ބޭއްވެވި ޙަފްލާއެއްގައެވެ. މިގޮތުން މާލޭގެ ކޮންމެ މަދަރުސާއެއްގެ އެއް ޓީޗަރަށް ރަމްޒީ ގޮތުން ލެޕްޓޮޕް ފޯމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމަށްފަހު، ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ހެޔޮއެދުންތައް ރައްދުކުރެއްވިއެވެ.