ކުރިއަށް އޮތް ދެއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަމަކީ، ޖަމާޢަތުގެ މަސަލަސްކަން ހިފެހެއްޓުމަށްކަމަށާއި، ސަރުކާރުގެ ހުރިހާ ވަގުތަކާއި، މަސައްކަތްތަކާއި، ހަކަތައެއް ހުސްކުރާނީ ދިވެހިރައްޔިތުންގެ އުފާފާގަތިކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ސިޔާސީ ފަލްސަފާ ކުރިއަށްގެންދަވާ ގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިސަރުކާރުގެ ސިޔާސީ ފަލްސަފާ އަކީ، ދެބަސްވުމަށް އެއްބަސްވެ، ސިޔާސީ މައިދާނުގައި ހުރި ތަފާތުތަކާއި، ފުށުއެރުމާއި، ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި ސަރުކާރުން ވޭތުވެދިޔަ ތިންއަހަރު އިޖުތިމާޢީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ނޮވެންބަރު ނުވަވަނަ ދުވަހު ކަނޑައެޅުއްވި މިނިމަމްވޭޖާއި ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކަނޑައެޅުއްވި އެންމެ ކުޑަވެގެންދެވޭނެ އުޖޫރައަކީ މި ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނަށް ދެވޭ އެންމެ ބޮޑު ހަދިޔާގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށްވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާ ނަފާވެރިކަން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމުގައެވެ.

ހަމަ އެއާއެކު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާނެތް ފަރާތްތަކަށް ފަސޭހަކަމާއިއެކު ވަޒީފާ ހޯދޭނެ މަގު އޮންނަންޖެހޭނެކަމަށާއި ވަޒީފާދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއަށް މީހުން ނެގުމުގެ މަގުފަހިވެފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތަކީ ޖޮބް ސެންޓަރުގެ އޮފީސްތައް އަތޮޅުތެރޭގައި ޤާއިމްކުރުން ކަމަށާއި އަދި އެކަން ކުރުމަށް ބަޖެޓުގައި މިހާރު ފައިސާ ހިމަނާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މުޖުތަޢުގެ ހަމަޖެހުމަށްޓަކައި ސަރުކާރުން ކުރައްވާ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް މުޖުތަމަޢާ ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކޮމިއުނިޓީ ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު ބަޖެޓްކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސްކުރަންޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރު އެކަމަށް އިސްކަންދެއްވާނެ ކަމަށާ، ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އަންނަ އަހަރަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދެއްވައިގެން ބަޖެޓުކުރައްވާފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.