ސަރުކާރުން މިއަދު އެންމެބޮޑު އިސްކަމެއް ދެއްވަނީ، ތަޢްލީމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. މިގޮތުން ކުރައްވާ އެއްމަސައްކަތަކީ، ތަޢްލީމުގެ މަންހަޖު އިޞްލާޙު ކުރެއްވުމުގެ މަސައްކަތް ކަމަށް ވިދާޅުވެ، އެކަމަށް އިޝާރާތް ކުރައްވަމުން، މިދަނޑިވަޅުގައި ހުރިހާ ބޭފުޅުންގެވެސް ޚިޔާލު ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، މާފަންނު މަދަރުސާގެ ރިހި ޔޫބީލް މުނާސަބަތުގައި، ރޭ ޣިޔާޘުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މާފަންނު މަދަރުސާއަށް އެކި ރޮނގު ރޮނގުން ޚިދްމަތް ކޮށްދެއްވި ބޭފުޅުންގެ ޚިދްމަތްތައް ފާހަގަކުރައްވައި، އެހުރިހާ ބޭފުޅުންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އަވަށު މަދަރުސާތައް ހިންގުމުގެ ނިޒާމު ރޭވުނީ، މީގެ ވަރަށް ކުރީގެ ދުވަސްވަރެއްގައިކަން ބަޔާންކުރައްވަމުން، މި ނިޒާމަށްވެސް މިހާރު ބައެއް އިޞްލާޙުތައް ގެންނަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ސްކޫލް ކުރިއަށް ގެންދިއުމުގައި، އާޚިޔާލު އަޅުގަނޑުމެން ގެންގުޅެންޖެހޭ ކަމަށް ވިދާޅުވެ، އަމިއްލަ ފަރާތްތަކާ ގުޅިގެން، ސްކޫލްތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ނައިބު ރައީސް، ރޭ ދެއްކެވި ވާހަކަފުޅުގައި، ޕްރީސްކޫލް ތަޢްލީމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޕްރީސްކޫލް ހިންގުމަކީ ވަރަށް މުހިންމު ޚިދްމަތެއް ކަމަށާއި، ޕްރައިމަރީ ސްކޫލް އަދި ސެކަންޑަރީ ސްކޫލް ކާމިޔާބު ކުރަން ފަސޭހަވަނީ، ޕްރީސްކޫލް ފުރިހަމަކޮށްގެން ކަމަށާއި، މިއީ ތަޖުރިބާއިންނާއި އެހެނިހެން ހޯދުން މިހާރު ފެންނަން ހުރި ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ޙަޤީޤަތުގައި އެންމެ ތަޖުރިބާކާރު، އެންމެ ޤާބިލް ޓީޗަރުން ތިބެންވާނީ، ޕްރީސްކޫލް ފެންވަރުގައި ކަމަށާއި، އަޅުގަނޑުމެން އަޅަން ބޭނުންވާ ބިންގާ އެޅޭނީ އޭރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޕްރީސްކޫލް ޓީޗަރުންނަށް ދޭންޖެހޭ އަހަންމިއްޔަތު މިހާރަށްވުރެ ބޮޑުވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްކޫލް ދައުރަކީ ހަމައެކަނި ކިޔެވުމުގެ ދައުރު ނޫންކަމާއި، ސްކޫލް ދައުރަކީ ކުދިންގެ ހަށިގަނޑަށާއި ސިކުނޑިއަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން އެންމެބޮޑަށް ފާހަގަކުރެއްވޭ އެއްކަމަކީ، ބެލެނިވެރިން ފިޔަވައި ވަރަށްގިނަ ޢަދަދެއްގެ ކުދިންނާއެކު މުޢާމަލާތު ކުރުމުގެ ފުރްޞަތު، ސްކޫލް ދައުރުގައި ދަރިވަރުންނަށް ލިބިގެންދާ ދިއުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ބޮޑެތިވަމުން އަންނަ ކުދިންނަށް، އެންމެ ބޮޑަށް ނުފޫޒުފޯރަނީ، އެކުދިންގެ ރަށްޓެހި އެހެން ކުދިންގެ ފަރާތުން ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުދިން ބޮޑެތިވެގެން އަންނައިރު، އެކުދިންގެ ކުރިމަތީގައި އޮންނަ ރާސްތާއަކީ ތެދު ރާސްތާއެއް ނޫން ކަމަށާއި، ނަމަވެސް ކުއްޖާއަށް ދިމާވާ އެކިއެކި ތަޖުރިބާގެ ސަބަބުން، އެކިއެކި މަގު ޚިޔާރު ކުރުން އެއީ، އޭގެ ސަބަބުން އެކުއްޖެއްގެ މުޅި ޙަޔާތަށް އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ކުދިންގެ ޙަޔާތުގައި އެކުދިންނަށް ދިމާވާ ކަންކަމާއި، އެކުދިންގެ ޝުޢޫރުތަކާއި އިހްސާސްތައް މައިންބަފައިން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަން އެގޮތަށްވާނީ ދަރިވަރުންނާއި ކުދިންގެ މައިންބަފައިންނާ ދޭތެރޭގައި މުވާޞަލާތުގެ ދޮރު ހުޅުވިފައި އޮވެގެން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ”ދިމާވާ ކަމެއްގެ ސަބަބުން ދަރިފުޅާ ވާހަކަ ދެއްކުން ހުއްޓާލައިފިނަމަ، އެކަމެއްގެ ސަބަބުން ވަރަށް ނުރައްކާތެރި ކަންތައްތަކާ ކުރިމަތިވާނެ. ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް، ކުދިންނާ ވާހަކަ ދެއްކުން ހުއްޓާލައި، އެކުދިން އެކަހެރިކޮށްލުމަކީ، އެކުދިންގެ މުސްތަޤްބަލަށް ދެވޭ ވަރަށްބޮޑު ގެއްލުމެއް.“ ނައިބު ރައީސް ވިދާޅުވިއެވެ.

މާފަންނު މަދަރުސާއަށް ގިނަ ދުވަހު ޚިދްމަތް ކޮށްދެއްވި ބޭފުޅުންނަށް، ރޭގެ ޖަލްސާގައި ޝީލްޑް ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އަދި މިމުނާސަބަތުގައި ޝާއިޢު ކުރެއްވި ފޮތް ނެރުއްވައި ދެއްވުމާއި، އަހަރީ ކޭކު ފަޅުއްވައިދެއްވީވެސް އެމަނިކުފާނެވެ.

މިޖަލްސާގައި، އެމަދަރުސާގެ ރިހި ޔޫބީލް މުނާސަބަތުގައި ނައިބު ރައީސަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ އެރުވީ ސްކޫލްގެ ދެކެޕްޓަނުން ކަމަށްވާ ޢަބްދުﷲ ނަޝީދާއި، ވަފާ ޚާލިދެވެ.