ޢުމުރުން ދުވަސްވީ މީހުންގެ ކަންތައް ބެލެހެއްޓެވުމުގައި ސަރުކާރުން ޚާއްޞަ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަންފާ ސެންޓަރ އޮން އޭޖިންގގެ ފަރާތުން ހެދިގޮނޑުދޮށް ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޢިނާޔަތެއް ދެއްވުން ކަމަށާއި، ހަމައެއާއެކު، ޢުމުރުން ދުވަސްވީ މީހުންގެ ބޭސްފަރުވާގެ ކަންތައްވެސް ވަރަށް ކުޑަ ޚަރަދަކުން ކުރެވޭނެގޮތް ހަމަޖެއްސެވުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުން ދުވަސްވީ މީހުންނާމެދު ބަހައްޓަވާ އޯގާތެރިކަމުގެ ދަލީލެއްކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޢުމުރުން ދުވަސްވުމަކީ ކަންކަމުން ބަރީޢަ ކުރަންވީ ކަމެއް ނޫން ކަމަށާއި، ޤައުމު ހިންގުމުގަޔާއި އެކިއެކި ކަންކަން އިންތިޒާމު ކުރުމުގައިވެސް ދުވަސްވީ މީހުންގެ ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއެކު، ދުވަސްވީ މީހުންނަށް މުޖުތަމަޢުގައި ޚިދުމަތްކޮށް، މުޖުތަމަޢުގެ ކަންކަމުގައި މަސްއޫލުވެ އުޅެވޭނެ ގޮތްގޮތް ރާވަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމަށް ބޮޑެތި ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުން ބައެއްފަހަރު ވަރަށް ދެރަހާލުގައި އުޅުއްވާތަން ފެނުމަކީ، އަޅުގަނޑުމެން ލަދުގަންނަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވަމުން، ޢުމުރުން ދުވަސްވީ މީހުންގެ ޢިއްޒަތް ހިފެހެއްޓުމަށްޓަކައި ދައުލަތާއި މުޖުތަމަޢުގެ ފަރާތުން ކަންކަން ރާވާ ހިންގަން ޖެހޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވީ، ދުވަސްވީ މީހުންނަށް ދޭ ޚިދުމަތްތަކާއި، ކަންކަން ކުރުމަށް ހަމަޖެހިފައިވާ އިންތިޒާމުތައް ރަނގަޅުކޮށް ވަރުގަދަ ކުރުން ކަމަށާއި، މަންފާފަދަ ޖަމްޢިއްޔާތަކުގެ އެހީގައި ދުވަސްވީ މީހުންނަށް ދެއްވާ ޚިދުމަތްތައް ރަނގަޅުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.