ދިވެހިރާއްޖެއިން ބޭނުންވަނީ މިނިވަން އަދި އަމާން ފަލަސްޠީން ދައުލަތެއް އޮތުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހާ މިއަދު މެންދުރުފަހު ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"އަޅުގަނޑަކީ އަބަދުވެސް، އަޅުގަނޑުގެ މުޅިހަޔާތުގައިވެސް، ފަލަސްޠީނަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެއް. އަދި އަޅުގަނޑުމެން އެދެނީ ފަލަސްޠީނަށް މިނިވަން އަދި އަމާން ދައުލަތެއް،" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަރިހުގައި ވިދާޅުވިއެވެ.

އިޒްރޭލާއެކު ރާއްޖެއިން ވާހަކަދައްކާއިރު، ފަލަސްޠީނު ސަރުކާރުން، ހުށަހަޅުއްވަން ބޭނުންފުޅުވާ އެއްވެސް ކަމެއް އޮތްތޯ، ފަލަސްޠީނު ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އެއްސެވުމުން، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައި، ދެކަމެއް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ކަމުގައި ފަލަސްޠީނުގެ ރައީސް ވިދާޅުވިއެވެ. އެއްކަމަކީ، އިޒްރޭލުން ފަލަސްޠީނުގެ ބިންތަކުގައި ގެދޮރު ބިނާކުރަމުން ގެންދާގެންދިޔުން ކަމަށާއި، އަނެއްކަމަކީ ފަލަސްޠީނުގެ ސަރުކާރުން، ހުއްޓިފައި އޮތް ހިސާބުން، އިޒްރޭލާއެކު މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ބޭނުންފުޅުވުން ކަމުގައި މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ.

މަޙްމޫދު ޢައްބާހަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން މިގުޅުއްވާލެއްވީ، އިޒްރޭލާއެކު ގުޅުން އަލުން އާކޮށް، އެގުޅުން ބޭނުންކުރައްވައިގެން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް އޮތުމަށް ވަކާލާތުކުރައްވާނެކަމަށް ދިވެހި ސަރުކާރުން ޢިއުލާން ކުރައްވާފައިވާ ދަނޑިވަޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ ޢާންމު މަޖިލީހުގެ 64 ވަނަ ބައްދަލުވުމުގައި ދެއްވި ތަޤްރީރުގައާއި، އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ބަޔަކާ ވާހަކަ ނުދައްކައި، އެކަހެރިކޮށް ބޭތިއްބުމަކީ، އެއްވެސްކަމަކަށް އޮތް ޙައްލެއްނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ސުލްޙަ ހޯދުމަށްޓަކައި، މަޝްވާރާއާއި ބިނާކުރަނިވި މުޢާމަލާތަކީ، އެކަހެރިކުރުމަށްވުރެ މޮޅު އިތުރުގޮތެއް" ކަމުގައި އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓެލެފޯންކޯލް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފަލަސްޠީނަށް ޒިޔާރަތެއް ކުރެއްވުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވިއެވެ. އަދި، ފަލަސްޠީނުގެ ރައީސް، ރާއްޖެއަށް ޒިޔާރަތެއްކުރެއްވުމަށް ރައީސް ނަޝީދު، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް ދަޢުވަތު އެރުވިއެވެ.