އެއްވެސް ބަޔަކަށް މި ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމީ ޙިދާޔަތުގެ ނަސީބުކަމަށާއި، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް ހިނދު ދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވެވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ މިފަދަ ދުވަހެއް ފާހަގަކުރާއިރު އިސްލާމް ދީނުން ލިބިދޭ ފިލާވޅުތަކަށް ވިސްނާ ފިކުރުކުރަންޖެހޭކަމަށާއި، އަދި ދުނިޔެއާއި އާޚިރަތުގެ ނަސީބު ލިބިގަތުމަށް މަސައްކަތްކުރަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އިސްލާމް ދީން ދައްކުވައިދެނީ ސީދާ ވެގެންވާ ތެދުމަގުކަމަށާއި އިސްލާމް ދީނުން އެންމެ އަހަންމިއްޔަތުކަމެއްދޭ ސިފައަކީ ރިވެތި އަޚްލާޤު ކުރިއެރުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އެހީތެރިވުމާއި، އޯގާތެރިވުމާއި، ނުބައިކަންކަމުން ދުރުހެލިވެ ހެޔޮ ޢަލަމުކުރުމަށާއި، މުޖުތަމަޢު ތެރޭގައި އެއްބައިވަންތަކަން އާލާކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަވަނަ ވެފައިވާ ދުނިޔެ އެއްގައި އުޅޭ އިރު ބޭރުގެ އެކި އެކި ފަރާތްތަކުން ދަސްވާ ނޭދެވޭ ކަންކަން ދޫކޮށް އެދެވޭ ޢަމަލުތަކުގައި ހިފުމަށާއި ދަރިން ތަރުބިއްޔަތުކުރުމުގައި މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަންދިނުމަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޙަޔާތުގައި ދިމާވާ ކޮންމެ ކަމަކުން ފިލާވާޅުލިބިގަތުމަށް ވެސް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހުރިއްޔާގެ ނައިބުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުން މި ޖަލްސާގައި ތިއްބެވިއެވެ. މި ޖަލްސާގައި ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދުޢާއެއް ކުރެއްވިއެވެ. އިސްވެ ދުޢާކޮށްދެއްވާފައި ވަނީ އައްޝައިޚް ނަޞްރުﷲ ޢަލީ އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.