އަލްޖީރިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ނޫރެޑިން ބަރުދާދު-ދައިޒް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަލްޖީރިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، ރާއްޖެއާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ސަފީރަށް މަޢްލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޒްރޭލާއެކު ރާއްޖެއިން ގުޅުން ޤާއިމްކުރެއްވި ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، އިޒްރޭލުގެ ހުރިހާ ޢަމަލަކަށް ދިވެހިރާއްޖެއިން ތަރުޙީބެއް ނުދޭނެ ކަމުގައި ވިދާޅުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި އަލްޖީރިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ.