ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނެޕާލްގެ ބޮޑުވަޒީރު މަދަވް ކުމާރާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ނެޕާލްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވީ، އެމަނިކުފާނު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ ދޯހާގައި މަޑުކޮށްލެއްވި ވަގުތުކޮޅުގެ ތެރޭގައެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނެޕާލާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާ ބެހޭގޮތުން، ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާގައި މަޑުކޮށްލެއްވުމަށްފަހުގައެވެ. އެމަނިކުފާނު ސްރީލަންކާއަށް ވަޑައިގަތީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.