ކޮޕް26ގެ ހަވާސާގައި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައިވެރިވެވަޑައިގެންފިއެވެ.

މި ވަށްމޭޒު ބައްދަލުވުމުގެ ބައިވެރިން ވަނީ 1.5 ޑިގްރީ ސެލްސިއަސްއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ނިންމުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެބޭފުޅުން ވަނީ އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޭނުންވާ 'ކްލައިމެޓް ފައިނޭންސިންގ ' އަށާއި، އެކަމަށް އަހައްމިއްޔަތުކަން ނުދެވިއްޖެނަމަ ކުރިމަތިވާނެ ގެއްލުންތަކަށާއި، އަދި އެކަމަށް އަހުލުވެރިވުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކުދި ޖަޒީރާ ރަށްތަކުން އެއްބައިވެ ހުށަހަޅަމުންދާ މައްސަލައަކީ މިހާރު އެއް މައްސަލައެއްގޮތަށް ފާހަގަކުރައްވާ އެކަން ޙައްލުކުރުމަށް އުންމީދު އާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މިބޭފުޅުން ވަނީ ކޮޕް26ގެ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ބެލެވޭ ކަންކަމާއިމެދުވެސް މަޝްވަރާކުރައްވާފައެވެ.

ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީންބައިވެރިވެވަޑައިގެންނެވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުވައި، އެފަދަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށް ރާއްޖޭން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.