ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، އެއޯސީސް ކްލައިމެޓް ޗޭންޖް ސަމިޓުގަޔާއި، އަދި ޔޫ.އެން. ކްލައިމެޓް ޗޭންޖް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ ރާއްޖެ ވަޑައިގަތުމާ ގުޅިގެންނާއި، ”ޓައިމް މެގަޒިންގެ ހީރޯޒް އޮފް ދި އެންވަޔަރަންމަންޓް 2009“ގެ ލިސްޓުގެ އެންމެ ކުރީގައި އެމަނިކުފާނުގެ ނަންފުޅު ހިމެނުމާ ގުޅިގެން، އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ރައީސުލްޖުމްހޫރިއްޔާ ފައިބާވަޑައިގަތުމުން، އެމަނިކުފާނަށް ރަތް ދޫލައިގެ މަރްޙަބާއެއް ދެންނެވިއެވެ. އެމަނިކުފާނުގެ އިސްތިޤްބާލުގައި، ނައިބު ރައީސާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓާއި، ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، އެކި މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ އިސްބޭފުޅުން ތިއްބެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމާއެކު، މާލޭ ރަސްމީ ފާލަމުންވެސް ވަރަށް ކުލަގަދަ މަރްޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ. މާލޭ ރަސްމީ ފާލަމަށް ފައިބާވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިސްތިޤްބާލުގައި ރައްޔިތުންގެ މަޖިލީހުގެ މާލޭ ބައެއް މެންބަރުން ތިއްބެވިއެވެ. އަދި ސަރުކާރުގެ އިސްބޭފުޅުންނާއި، ޢާންމުންގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަމުން ގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މާތްރަސްކަލާނގެ އިރާދަފުޅާއެކު މިދަތުރުފުޅުގައި ރާއްޖެއަށް ވަރަށް ރަނގަޅު ފުރްޞަތުތަކެއް ހުޅުވިގެންދިޔަ ކަމަށާއި، މީގެކުރިން ރާއްޖެއަށް ލިބިފައިނުވާފަދަ މަގާމެއް މިފަހަރުގެ ދަތުރުފުޅުން ރާއްޖެއަށް ލިބުނު ކަމަށް ވިދާޅުވިއެވެ. އަދި ޙަޤީޤަތުގައި މިކަން މިހެން ވެގެން މިދަނީ، މިމަގާމު ހޯދުމަށްޓަކައި ރާއްޖޭގެ ރައްޔިތުން، ޚާއްޞަ ގޮތެއްގައި މިވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެޔާއެކު، ރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއަށް މިހާރު ހުޅުވާލެވިފައިވާ މިންވަރާއި، ރާއްޖެއަށް ޘަނާކިޔައި މަރްޙަބާ ކިޔާ މިންވަރު މިހާރު މާބޮޑުތަނުން ތަފާތު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ތެރެއިން ފާހަގަކުރެވޭ އެއްކަމަކީ، މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެބޮޑު މިންވަރަށް ގެއްލުން ލިބޭ އެއްޤައުމަކީ، ދިވެހިރާއްޖެ ކަމަށް ސައިންސްވެރިންނާއި ބައިނަލްއަޤްވާމީ ދުނިޔެ ގަބޫލު ކުރާއިރު، އެކަންކަމާ ގުޅިގެން ރާއްޖެ ދެކޭގޮތް ދުނިޔޭގެ ޤައުމުތަކަށް މިއަދު މުހިންމުވެއްޖެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. މިގޮތުން، ދަތުރުފުޅުގެ ކާމިޔާބީއާ ބެހޭގޮތުންނާއި، އިޒްރޭލާއެކު ރާއްޖެ ގުޅުން ޤާއިމު ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ބެހޭގޮތުންނާއި، ވާރލްޑް ބޭންކާއެކު ކުރެއްވި މަޝްވަރާތަކާ ބެހޭގޮތުންނާއި، އަދި މިނޫންވެސް ދަތުރުފުޅާ ގުޅޭ އެހެން ބައެއް ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާ އަރިހު ސުވާލު ދެންނެވިއެވެ.