މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކުރައްވައި ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ2021 ވަނަ އަހަރުގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގެ ވޯލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި އިއްޒަތްތެރިންނާ ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ޙިއްޞާކުރައްވަމުން ރާއްޖޭގެ ރަށަކަށްފަހު ރަށެއް ފެނުއަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ޚިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރެވޭކަމަށާ މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަޤީޤަތްކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދުނިޔޭގެ ފިނިހޫނުމިން 1.5 ގައި ހިފެހެއްޓިފައި ނުވާކަން ފާހަގަކުރައްވައި ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީއަށް މައްޗަށް ދިޔަ ނަމަވެސް، ރާއްޖެ ދެމިއޮތުމަށް ހިޔަނި އެޅިގެންދާނެކަމަށާއި އަދި ހަމަ ދުނިޔޭގެ އެހެން ޤައުމުތަކާވެސް އެ ހަޤީޤަތާ ކުރިމަތިލާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކަލުގެ ޙާލަތުން ހަމައެކަނި އެއް ޤައުމަކުން ކުރާ މަސައްކަތުން ޙައްލެއް ނުހޯދޭނެ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ޤައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށާއި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕެރިހުގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް ވެސް ގޮވާލައްވާފައެވެ. އެހެންނަމަވެސް ކުރިންދީފައިވާ ޔަޤީންކަމާއި އެއްގޮތަށް ކަންކަން ފަހިކުރުމުގެ ގޮތުން، ހުރަސްތައް ނައްތާލުމާއި ކުރަންޖެހޭ ދިރާސާތައްކުރުމާއި ލިޔެކިޔުންތައް ތައްޔާރުކުރުންފަދަ ކަންކަން، ކުރިން ކުރެވިފައި ނެތުމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ޙާލަތުގެ ނާޒުކުކަން އިޙްސާސް ކުރެވިފައި ނުވާކަން އަންގައިދޭކަމަށާއި އަދި އެއީ ހިތާމަކުރައްވާކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ޤައުމުތައް އެއްގަލަކަށް އަރައި، އެންމެ ނާޒުކު ޤައުމުތަކަށް އެހީތެރިވާން ޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ރާއްޖެފަދަ ނާޒުކު ޙާލަތުގައިވާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެއްބަސްވެފައިވާ ގޮތަށް ޒިންމާދާރުކަމާއެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުން އެއްބަސްވެވަޑައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާން ނިންމަވާލައްވަމުން ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ކުރިމަތިލާޖެހިފައިވާ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ލިބޭ އެންމެ ފަހު ފުރުޞަތުކަމަށް ވެދާނެކަން ދުނިޔޭގެ ލީޑަރުންނަށް ހަނދާންކޮށްދެއްވައި މި ފުރުޞަތު ބޭކާރުވެގެން ދިޔަނުދިނުމަށް އިލްތިމާސްކުރައްވާފައެވެ.

2019 ވަނަ އަހަރު ބޭއްވި އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގެ ޖަލްސާގައި، ރާއްޖެއިން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ވާޞިލްވުމަށް ނިންމާފައިވާކަމުގެ އުންމީދީ ޕްލޭން ހާމަކޮށްފައެވެ. އަދި ޢާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔެ ހޫނުވަމުންދިއުމާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މުއްސަނދި ޤައުމުތަކުން ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް، އެޤައުމުތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

އަދި ރާއްޖެއަކީ ޕާލޭ ފޮރ ދަ އޯޝަންސް "ފިއުޗަރ އައިލެންޑް ނޭޝަން" ޕްރޮގްރާމުގެ ފައުންޑިން މެންބަރެއްގެ ގޮތުގައި އޮވެ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން މަދުކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅައި އަދި 2023 ވަނަ އަހަރުގެ ނިޔަލަށް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން އަމާޒު ކަނޑައަޅާފައިވާ ޤައުމެކެވެ.

ރާއްޖޭގެ، "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގައި މައިގަނޑު 11 ދާއިރާއެއް ހިމެނެއެވެ. މި މޮޑެލްއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް، އެފަދަ ޤައުމުތަކަށް ޙާޞިލުކުރެވޭނެ ފަދަ ލަނޑުދަނޑިތައް ހިމަނައިގެން ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލްއެކެވެ. މި ޕްލޭންގައި އެންމެ އިސްކަމެއް ދެނީ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދުތައް ޙިމާޔަތްކޮށް، އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތަކަށް އަވަހަށް ބަދަލުވެ، ނާޒުކު އިކޯސިސްޓަމްތައް ދެމެހެއްޓެނިވި މުޖުތަމަޢަކާ އެއްގޮތަށް ބިނާކުރުމަށެވެ.