ޓައިމް މެގަޒިންގެ "ހީރޯޒް އޮފް ދި އެންވަޔަރަންމަންޓް 2009"ގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ނަންފުޅު ހިމެނިއްޖެއެވެ. މިލިސްޓް ޝާއިޢުކޮށްފައިވަނީ ޓައިމް މެގަޒިންގެ މިހަފްތާގެ ޢަދަދުގައެވެ. ތިމާވެށިގެ ދާއިރާގައި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ބަޠަލުން"ގެ ގޮތުގައި ތިމާވެށްޓަށް މަސައްކަތްކުރައްވާ ދުނިޔޭގެ ލީޑަރުންނާއި، ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސައިންސްވެރިންނާއި ވިޔަފާރިވެރިން މިލިސްޓްގައި ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާންޖެހޭ ޤައުމުތަކުގެ އިސް ސަފުގައިވާ ޤައުމެއްކަމަށާއި އަދި، ދުނިޔެއަށް އޮތް ހަމައެކަނި އުންމީދަކީވެސް ރާއްޖެ ސަލާމަތްކުރުން ކަމުގައި، ޓައިމް މެގަޒިނަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ސަލާމްތްވުމަށް ރައްކާތެރި ފިޔަވަޅުތަކެއް ސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ. މިގޮތުން، ސަރުކާރުގެ އަމާޒަކީ، ދުނިޔޭގައިވާ ކާރބަން ނިއުޓްރަލް ފުރަތަމަ ޤައުމަށް ދިވެހިރާއްޖެ ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރުގެ މާޗްމަހު އިޢްލާން ކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި، އ.ދ.ގެ އާންމު މަޖިލީހުގައާއި، އެއޯސިސް ސަމިޓުގައާއި، އ.ދ.ގެ ކްލައިމެޓް ސަމިޓްގައި ކުރެއްވި ތަޤްރީރުތަކުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކަލުން ސަލާމަތްވުމަށް މުޅި ދުނިޔެ މަސައްކަތް ކުރަންވެއްޖެކަމާއި، އެކަން އެގޮތަށް ނުކޮށްފިނަމަ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ތިމާވެށީގެ ބޮޑެތި ކާރިސާތަކާ ކުރިމަތިވާނެކަމުގައި ވިދާޅުވެފައިވެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، އ.ދ.ގެ ކްލައިމެޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަން ފުރުސަތު ލިބިވަޑައިގެންނެވި ދުނިޔޭގެ 8 ލީޑަރުންގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހިމެނިވަޑައިގެންނެވިއެވެ.