ސަރުކާރުން ކަނޑައަޅުއްވާ މުއްދަތެއްގެ ތެރޭގައި، އެދިގެން ވަޒީފާއިން ވަކިވާ މީހުންނަށާއި، ސަރުކާރުގެ ވަޒީފާއިން ވަކިކުރައްވާ މީހުންނަށް ސަރުކާރުން ދެއްވަން ނިންމެވި ޢިނާޔަތްތަކަށް ވާރލްޑް ބޭންކުން އެހީތެރިވުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެވަޑައިގެންފިއެވެ. ވާރލްޑް ބޭންކުން އުސޫލެއްގެ ގޮތުން މިއެހީ ދެއްވުމަށް އެއްބަސްވެވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ވޮޝިންގޓަނަށް ވަޑައިގެން، ވާރލްޑް ބެންކްގެ މައި އޮފީހުގައި، ވާރލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސް މިޒް އިޒެބެލް ގެރޭރޯއާއެކު ކުރެއްވި މަޝްވަރާތަކުގައެވެ.

ވާރލްޑް ބޭންކުން އެހީތެރިވުމަށް ނިންމެވީ، ސަރުކާރުން ޢިނާޔަތް ދެއްވުމަށް ކަނޑައެޅުއްވި ތިން ދާއިރާގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހާއަށް ފަސްލައްކަ ރުފިޔާއާ ހަމައަށް ސަރުކާރު މެދުވެރިވެވަޑައިގެން ދޫކުރައްވާ ލޯނަށާއި، އަމިއްލަ ގޮތުން މަތީ ތަޢުލީމު ހޯދަން ބޭނުންވާ މީހާއަށް ތަޢުލީމު ހާސިލު ކުރުމަށް ފަސްލައްކަ ރުފިޔާއާ ހަމައަށް ސަރުކާރު މެދުވެރިވެވަޑައިގެން ދޫކުރައްވާ ލޯނަށެވެ.

ސަރުކާރު ވަޒީފާއިން އަމިއްލައަށް ވަކިވާ ފަރާތްތަކަށް ކަނޑައަޅުއްވާފައިވާ ތިންވަނަ ޢިނާޔަތަކީ، ވަޒީފާ ހޯދުމަށް ބޭނުންވާ ތަމްރީނު ލިބިދިނުމަށްޓަކައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ(ޓިވެޓް) ޕްރޮގްރާމްގެ ދަށުން ހަމަސްދުވަހާއި އަށްމަސްދުވަހާ ދެމެދުގެ މުއްދަތުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ޚަރަދު ދެއްވުމާއި، ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި ޕޮކެޓްމަނީ ދެއްވުމެވެ.

ކުޑަ ސަރުކާރަކުން ރައްޔިތުންނަށް ދެއްވަން ބޭނުންވާ ޚިދުމަތްތައް ފޯރުއްވައިދެއްވުމާއެކު، ޕްރައިވެޓް ސެކްޓަރ ފުޅާކުރުމަށް މަގު ތަނަވަސްކޮށްދެއްވުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު މިހާރު ބިނާކުރައްވާފައިވާ މައިގަނޑު ދާއިރާތައް އިތުރަށް ފުޅާކުރައްވައި، އިޤްތިޞާދީ އިތުރު ދާއިރާތައް ތަރައްޤީ ކުރެއްވުމަކީ، ސަރުކާރުގެ ސިޔާސަތުކަމަށް މި ސެޕްޓެމްބަރ 9 ވަނަ ދުވަހު ސަރުކާރުންވަނީ އިޢުލާން ކުރައްވާފައެވެ. ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުންދާ ވަރަކުން ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލު ގެންނެވުމަކީ، ސަރުކާރުގެ ސިޔާސަތުކަމަށްވަނީ ހާމަކުރައްވާފައެވެ.

މި ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ދެއްވި ރޭޑިއޯ ޚިތާބުގައި ވިދާޅުވެފައިވަނީ، "އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރަން މިއަޅާ ފިޔަވަޅުތަކުގެ ސަބަބުން، ހިންގާ މަޝްރޫޢުތަކުގެ ސަބަބުން، ކޮންމެހެންނެއް ދަތިތަކެއް ކުރިމަތިވެގެނެއް ނުދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދީ، އަޅުގަނޑުމެންގެ ރާއްޖޭގެ އިދާރީ ހިންގުންވެސް އަދި ރާއްޖޭގެ މާލިއްޔަތުވެސް ހަރުދަނާ ކުރުމަށްޓަކައި އެންމެ ބޭނުންވާ އެއްކަމަކީ، ލިބޭ އެއްޗަކުން ކޮންމެ އަހަރަކުވެސް ފުއްދޭގޮތަށް ދިރިއުޅެމުން ގެންދިޔުން. އެ ސަބަބަށްޓަކައި ސަރުކާރު މުވައްޒަފުންގެ ޢަދަދު އެބަ މަދުކުރާންޖެހޭ" ކަމަށެވެ.

މި ޕްރޮގްރާމްގެދަށުން ޢިނާޔަތްތަކާއެކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން އެދޭ މީހުން، 1 އޮކްޓޫބަރ 2009 ން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކަން އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަކަށް އަންގަންޖެހެއެވެ. އަދި ސަރުކާރުން މި ޕްރޮގްރާމް ފަށްޓަވަން ނިންމަވާފައިވަނީ 1 ޑިސެމްބަރ 2009 ގައެވެ.