އ.ދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ރާއްޖެއާއެކު ގާތް ގުޅުން ބޭއްވުމަށް ބޭނުންވާ ޤައުމުތަކާއެކު ދިވެހި ސަރުކާރުން ގުޅުން ދަމަހައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އ.ދ. މަޖިލީހުގެ 64 ވަނަ ޢާންމު ބައްދަލުވުމުގައި ރޭ ތަޤްރީރު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރެއްވީ، ރާއްޖޭ ގަޑިން ރޭ ފަތިހު 4 ޖެހިއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިތަޤްރީރަކީ، އެމަނިކުފާނު އ.ދ.ގެ ޢާންމު މަޖިލީހުގައި ދެއްވި ފުރަތަމަ ތަޤްރީރެވެ. އަދި މިއީ، ޑިމޮކްރެޓިކް އުޞޫލުން އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އ.ދ.ގެ ޢާންމު މަޖިލީހުގައި ދެއްވާ ފުރަތަމަ ތަޤްރީރުކަންވެސް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ރަޙްމަތްތެރިކަމުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކާ ދެމެދު ޙަޤީގަތަށް ވާހަކަ ދެއްކުން ހިމެނޭ ކަމަށާއި، ވާހަކަ ދައްކައިގެންނާއި މަޝްވަރާއަކީ އެކަހެރިކުރުމުގެ ބަދަލުގައި ޞުލްޙައަށް އޮތް މަގުކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ އެއްގޮތްވާގޮތަށް، ފަލަސްޠީނުގެ އަމިއްލަ މުސްތަޤިއްލު ދައުލަތެއް އޮތުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، މިމަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އިޒްރޭލާއެކު ގުޅުން ބަދަހިކުރައްވަން ދިވެހި ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

މީގެކުރިން އ.ދ. މަޖިލީހުގެ ޢާންމު ބައްދަލުވުންތައް ހިނގާދިޔައިރު، އެދުވަސްތައް ރައީސުލްޖުމްހޫރިއްޔާ ހޭދަކުރައްވާފައިވަނީ ޖަލުގެ ކުޑަގޮޅިތަކުގައިކަން ފާހަގަކުރައްވަމުން، ރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙުތައް ގެނައުމަށްޓަކައި ބައިނަލްއަޤްވާމީ މުޖްތަމަޢުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށްޓަކައި އަދި ވެދެއްވާފައިވާ އެއްބާރުލެއްވުމަށްޓަކައި، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ދުނިޔޭގައި ފާހަގަކުރެވުނު އެންމެ ފުރަތަމަ ޑިމޮކްރަސީ ދުވަސް ދިވެހިން ފާހަގަކުރީ 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް ބަދަލުކޮށްގެންކަން ބަޔާންކުރައްވަމުން، މިއީ އ.ދ.ގެ ރަޙްމަތްތެރި ޤައުމުތަކުން ފަޚުރުވެރިވުން ޙައްޤު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޞްލާޙީ ބަދަލުތައް ގެނައުމުގައި ރާއްޖެއަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބުނުފަދައިން، ޑިމޮކްރަސީއަކީ ދިވެހިރާއްޖޭގެ ދާއިމީ ސިފައަކަށް ހެދުމުގައިވެސް ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން، މައިގަނޑު ތިން ދާއިރާއަކުން ރާއްޖެއަށް ބޭނުންވާ ކަމަށާއި، އޭގެތެރެއިން ފުރަތަމަ ދާއިރާއަކީ، ޑިމޮކްރަސީ ބިނާކުރުން ކަމުގައި ވިދާޅުވިއެވެ. އަދި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ހުންނަންވީ ސިފަތައް ވަރަށް ރަނގަޅަށް ދެނެގަނެ، އެސިފަތައް ވަރުގަދަ ކުރުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަން އެބަޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ދެވަނަ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެއްވީ، ރާއްޖޭގައި ރަނގަޅު އިޤްތިޞާދީ މާޙައުލެއް ޤާއިމުކުރެވިފައި އޮތުމެވެ. މިކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ހަނި އިޤްތިޞާދު ބިނާވެފައިވަނީ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ މައްޗަށް ކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން އެމަނިކުފާނުގެ ތަޤްރީރު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރެއްވުމަށް، އައި.އެމް.އެފް.އާއި ވަރލްޑް ބޭންކުގެ ލަފައާއި މަޝްވަރާގެ މަތިން، ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވަން ފަށްޓަވާފައިވާކަން ހާމަކުރެއްވިއެވެ. އަދި އިޤްތިޞާދީ ދަތިތަކުން އަޅުގަނޑުމެން ސަލާމަތްވެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގައި، ރާއްޖެއާއި ރަޙްމަތްތެރި ޤައުމުތަކުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ޙައްލެއް ހޯދުމަށް މިއަދު ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ނުރައްކާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަމުގެ އަސަރު ފޯރާ އެންމެ ކުރީ ސަފުގައި ހިމެނޭ ރާއްޖެފަދަ ޤައުމުތައް ޙިމާޔަތް ކޮށްދެއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ތިމާވެށީގެ ނުރައްކަލުން ސަލާމަތްވުމަށް ރާއްޖެއިން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވިދާޅުވެ، އެފިޔަވަޅުތަކުގެ މައްޗަށްވެސް ރައިސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ބަރުމާގެ ވާދަވެރި ލީޑަރު އަންގ ސަން ސޫޗީ އެއްވެސް ޝަރުޠަކާނުލާ އަވަހަށް ދޫކޮށްލުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދުކުރައްވައި، އެގޮވާލެއްވުން ތަކުރާރު ކުރެއްވިއެވެ. އަދި އެމަނިކުފާނު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ސޫޗީގެ ހިތްވަރާއި ޢަޒުމްވެގެން ދިޔައީ، އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރުފުޅަކަށް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ބައިނަލްއަޤްވާމީ މުޖްތަމަޢުން އެމުޖްތަމަޢު ސަލާމަތްކުރުމަށް އަޒުމް ކަނޑައަޅާފައިވާ މިންވަރު އެނގިގެންދާނީ، މިއަހަރުގެ ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވޭ ސަމިޓުންކަން ވިދާޅުވަމުން، މިސަމިޓު ކާމިޔާބު ސަމިޓަކަށް ހެދުމަށް ހުރިހާ ފަރާތްތަކަކުންވެސް ވަރަށް ބޮޑަށް ބާރު އެޅުއްވުމަށް ގޮވާލެއްވިއެވެ. އަދި، މިސަމިޓު ކާމިޔާބު ސަމިޓަކަށް ހެދުމަށް މިހާރުއްސުރެ ފަށައިގެން މަސައްކަތް ކުރަމުން ގެންދިޔުމަށްވެސް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރު ނިންމަވާލެއްވީ، ތިމާވެށީގެ ނުރައްކާތަކުން ދުނިޔެ ސަލާމަތް ކުރުމަށް އެދޭނަމަ، ދިވެހިރާއްޖެއަކީ އެ މަސައްކަތް ފެށުމަށް ރަނގަޅު ތަނެއް ކަމަށް ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤްރީރަށް ވަރަށްބޮޑު ތަރްޙީބެއް ލިބިވަޑައިގެންނެވިއެވެ. އަދި ޤައުމުތަކުގެ ވެރިންނާއި، ވަފްދުތަކުގެ ބޭފުޅުން އެމަނިކުފާނަށް ވަރަށްހޫނު ތަހުނިޔާއެއް ދެންނެވިއެވެ.