ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަރުތުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގައި ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށްޓަކައި ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމަވާފައިވާ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޝައިޚް ޙަސީނާއަށް އެމަނިކުފާނު ދަޢްވަތު ދެއްވިއެވެ.

ރާއްޖޭގެ މީހުން ބިނާކުރުމުގެ ދާއިރާއަށް ބަންގްލަދޭޝްއިން ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވައި، ރާއްޖެއަށް ބަންގްލަދޭޝްއިން އިތުރު ސްކޮލަޝިޕް ފުރްޞަތު ލިބޭނެ ގޮތްތަކާ ބެހޭގޮތުން ބަންގްލަދޭޝްގެ ބޮޑުވަޒީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

ބޮޑުވަޒީރު ޝައިޙް ޙަސީނާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމެއް ކަމަށާއި، ކުރިއަށް އޮތް ތާނގައިވެސް ރާއްޖެއަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.