ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޯވިޑް މެނޭޖްކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ އެންމެހާ ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވައިފިއެވެ. އެ މަނިކުފާނު އެފަރާތްތަކަށް ޝުކުރުދެންނެވީ މިއަދު ހަވީރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ސަރވިސް އެކްސެލަންސް ޕްރޮގްރާމް ފަށްޓަވައިދެއްވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ކޯވިޑްގެ ދަތި ޙާލުން އަރައިގަތުމަށް ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވި ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާ، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތަކުން ލިބޭ ތަމްރީނާއި އޭގެން ދަސްވާ އެއްޗެއްގެ އެންމެ ފުރިހަމަ ބޭނުން ހިފަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި މަސައްކަތު މާހައުލުގައި އޮންނަ ދޭދޭ ގުޅުންތައް ވަރުގަދަކޮށް އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ސަރވިސް އެކްސެލަންސް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށް ފަށްޓަވާފައިވާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އޭ.އީ.އެޗްގެ މުވައްޒަފުންނަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭ.އީ.އެޗްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވަނީ މަސްޖިދުލް ވާލިދައިނީގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ.