ފްލައިޓް ޓްރެއިނިންގ ސްކޫލް ފެސިލިޓީސް ލީސް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގަމު ވައިގެ ބަނދަރުގެ ވީ.އައި.ޕީ ލައުންޖުގައި އޮތް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވަނީ، ދެކުނުގެ ދެ އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ 4 ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު އައްޑޫ ސިޓީ ގަމަށް ފައިބާވަޑައިގެންނެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫ ސިޓީ ހުޅުމީދުއަށް ވަޑައިގެން އެ ރަށުގައި އަލަށް އިމާރާތްކުރަމުންދާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަނުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒަށް ވަޑައިގެން، އެ ސެންޓަރުގެ ހާލަތު ބައްލަވާލައްވާފައެވެ.