بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޔާސިރު ޢަބްދުއްލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޖަމްޝީދު މުޙައްމަދު، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް، މިރޭ ޒުވާނުންގެ އެވޯޑް ޙާޞިލުކުރި ހުރިހާ ޒުވާނުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިރާއްޖޭގެ މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން. އަދި މިރޭ ޒުވާނުންގެ އެވޯޑް ޙާޞިލު ކުރެއްވި ހުރިހާ ޒުވާނުންނަށް މަރުޙަބާ ދަންނަވައި، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަން.

އަޅުގަނޑުމެން ޒުވާނުންގެ ދުވަސް މިހާރު މި ފާހަގަކުރަނީ، ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ވަރަށް މުހިންމު ޙައްޤުތަކެއް، ދިވެހި ޒުވާނުންނަށް ލިބުނު ދުވަހެއްގައި. އެއީ، އުމުރުން 18 އަހަރުވުމުން، އިންތިޚާބުތަކުގައި ވާދަކުރުމާއި، އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު، ދިވެހި ޒުވާނުންނަށް ލިބިދިން، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރި ދުވަސް. އާދެ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް.

މި ދެންނެވި މުހިންމު ޙައްޤު، ޒުވާނުންނަށް ލިބިދިނުމުގެ ބޭނުމަކީ، ޤައުމު ބިނާކުރުމުގެ ކަންކަމުގައި ބައިވެރިވުމާއި، އެފަދަ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު، ބަސް ބުނުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުން. ރާއްޖޭގެ އާބާދީގެ ވަރަށް މަތީ އިންސައްތައަކީ ޒުވާނުން. ޤައުމުގެ ކުރިމަގު ނެގެހެއްޓުމާ ޙަވާލުވާން އޮންނަ ޖީލަކީ އެއިރެއްގައި ތިބި ޒުވާނުން.

އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ފަހުން، ރާއްޖޭގެ ސިޔާސީ އަދި ޑިމޮކްރެޓިކް ޙަޔާތުގައި މިއައި މުހިންމު ބަދަލުތައް ބުރަވެފައިވަނީ، ދިވެހި ޒުވާނުންގެ ނިންމުންތަކުގެ މައްޗަށް. މިއިން އެނގެނީ، ކޮންމެ ދާއިރާއަކުންވިޔަސް، އަމާން މިސްރާބަކަށް ރާއްޖެ ދަތުރުކުރުމަކީ، ޒުވާނުން އެންމެ ބޭނުންވާ ގޮތްކަން.

މިރޭ އެވޯޑް ޙާޞިލުކުރި 10 ޒުވާނުން، އެވޯޑް ޙާޞިލުކުރި ދާއިރާތަކުންއެ ކުރެއްވި މަސައްކަތްތަކުންވެސް، ޤައުމުގެ ކަންކަން ރަނގަޅު ކުރުމުގެ ޢަޒުމް، ދިވެހި ޒުވާނުންގެ ކިބައިގައި ވަރަށް ރަނގަޅަށް އެބަހުރިކަން ސާބިތުވޭ. މިރޭ އެވޯޑް ޙާޞިލުކުރި ދާއިރާތަކުގެ ތެރޭގައި، ތިމާވެށި ޙިމާޔަތްކުރުން، ދަނޑުވެރިކަން ކުރިއެރުވުން، އަދި މަސްވެރިކަމާއި ފަންނުވެރިކަމުގެ ދާއިރާވެސް ހިމެނޭ.

އެ ޒުވާނުންނާބެހޭ ވީޑިއޯ ތަޢާރުފެއް އަޅުގަނޑުމެންނަށް ދެންމެ ފެނިގެން އެދިޔައީ. އެ ވީޑިއޯއިން އެނގުނީ، މި ދެންނެވި ފަދަ ދާއިރާތައް ތަރައްޤީ ކުރުމުގައި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފް ކުރެއްވުމަށް، އެ ޒުވާނުން ކުރައްވާ މަސައްކަތް. ޒަމާނީ އާ ގޮތްތަކުން ޤައުމު ތަރައްޤީ ކުރުމުގެ ވިސްނުން ޒުވާނުންގެ ކިބައިގައި ހުރިކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ.

ހަޤީޤަތުގައި މިއީ އަޅުގަނޑުމެންގެ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުން. މަސްވެރިކަންވެސް އަދި ދަނޑުވެރިކަމާއި، އެހެނިހެން މަސައްކަތްތައްވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، މިހާރަށްވުރެ މާބޮޑަށް މާ ލުއިފަސޭހަކޮށް، ތަރައްޤީކޮށް ކުރިއެރުވޭނެ.

ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް މިއަދު އެބަކުރަން. އޭގެ ތެރެއިން އެއްކަމަކީ، މަސައްކަތުގެ ހުނަރު ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށްޓަކައި، މި އަހަރު ފަށައިގެން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް.

އެ ޕްރޮގްރާމްގެ ދަށުން ދެ ކުންފުންޏަކުން ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްގެންދޭ. އަދި އިތުރު ކުންފުނިތަކާ މަޝްވަރާކޮށް، ކުރިމަތިލި ޒުވާނުން ޝޯޓްލިސްޓްކޮށް މަސައްކަތް ކުރުމަށް އެ ކުންފުނިތަކާއެކު އެދަނީ ކުރިއަށް ގެންދަމުން. މިއީ ތިންހާސް ރުފިޔާގެ އެލަވަންސެއް ދީގެން، ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ ހުނަރާއި ތަމްރީނު ހޯދައިދޭ ޕްރޮގްރާމެއް.

ޤައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫޙު ޒުވާނުންގެ މެދުގައި އާލާކުރުމުގެ ޕްރޮގްރާމެއްވެސް މިހާރު ކުރިއަށް އެބަދޭ. މި އަހަރު ފެށި ނޭޝަނަލް ވޮލަންޓިއަރސް ޕްރޮގްރާމްގައި، މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ. އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީނު ފުރިހަމަކޮށް މިހާރު އެ އަންނަނީ ޤައުމީ ކަންކަމުގައި ބައިވެރިވަމުން. ކޯވިޑް ފެސިލިޓީތަކުގައިވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ޚިދުމަތްތަކެއް އެބަ ކުރައްވާ.

ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މިއަދުވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް، އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މައްސަލަ. ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ، ވަށާޖެހޭ ޕްރޮގްރާމްތަކެއް، ވަރަށް އަވަހަށް ފެށުމަށް ހެލްތު މިނިސްޓްރީން އެ އަންނަނީ މަސައްކަތް ކުރަމުން.

ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަޤްޞަދަކީ، އިސްލާމްދީނަށް ލޯބިކުރާ، ދީނުގެ އަސާސްތަކަށް ޙުރްމަތްތެރިކޮށްހިތާ، އަދި ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން.

މި ބިލުގެ އަނެއް އަމާޒަކީ، ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުން. ޒުވާނުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުޞަތުތަކަށް މަގުފަހުކޮށްދިނުމަކީވެސް މި ބިލުގެ ވަރަށް މުހިންމު މަޤްޞަދެއް. މި ބިލުގެ ސަބަބުން، ޤައުމު ކުރިއަރުވައި، ރާއްޖެއަށް ޝަރަފާއި ފަޚުރު ހޯދައިދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ޤަބޫލުކުރެވޭ.

މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި. ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި.

އެނގިވަޑައިގަންނަވާނެ، މުޅި ރާއްޖޭގެ އަމާޒު މިހާރު ހުރީ، ކޯވިޑް-19ގެ ސަބަބުން ޤައުމަށް ލިބުނު އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް. ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް މިސްރާބު ޖަހާފައި ހުރީ، މި ދެންނެވި އަމާޒަށް. މިދުވަސްވަރު ޒުވާނުންނާމެދު ޚާއްޞަ ގޮތެއްގައި ވިސްނަންޖެހެނީ މި ސަބަބުތަކަށްޓަކައި.

އަޅުގަނޑުމެންގެ ތެރޭގައި، މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބަތިބި. ހަމައެއާއެކު، ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީންވެސް އެބަ ހަރަކާތްތެރިވޭ. މިއިން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުޞަތުތައް އެބަހުރިކަން.

ދެންމެ ކުޅުދުއްފުށީ ސިޓީގެ މޭޔަރ ޢާޠިފް ފާހަގަކުރެއްވި، ބޮޑުތިލަދުންމައްޗަށް، މި ސަރަޙައްދަށް އޮތް އެންމެބޮޑު އެއް މައްސަލައަކީ، ވަޒީފާގެ ފުރުޞަތު ނެތުންކަމަށް. ތެދުފުޅެއް، ތިބެދާނެ. މި ސަރަޙައްދަކީ، ބޮޑުތިލަދުންމައްޗަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޤްތިޞާދުގެ ވަރަށްކުޑަ މިންވަރެއް އަދި ޙިއްޞާކުރާ ތަނެއް. އަޅުގަނޑު މި ދެންނެވީ ޓޫރިޒަމްގެ ވާހަކަ. ސަރުކާރުގެ ސިޔާސަތެއް، އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފަތުރައިލުން. މިކަން ކުރެވެން އަންނަނީ، މިއަށްވުރެ ފަސޭހައިން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރެވިގެން.

އެގޮތުން އެނގިވަޑައިގަންނަވާނެ، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، ރާއްޖޭގައި ފަށާ ހައި ސްޕީޑް ފެރީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓް ފެށިގެން މި އަންނަނީ ބޮޑު ތިލަދުންމަތިން. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި ހައި ސްޕީޑް ފެރީގެ މަސައްކަތްވެސް ފެށިގެންދާނެ. ޓޫރިޒަމާއި އަދި އޭގެއިތުރުން، މި ރަށުގައި މި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، އަދިވެސް އެނޫން ކަންތައްތަކުގެ ސަބަބުން މި ރަށުގަޔާއި، މި ސަރަޙައްދުގައި އިތުރު ވަޒީފާތައް އުފެދިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން.

ކުރިންވެސް ދެންނެވި ފަދައިން، ކޯވިޑް-19 އިން އަރައިގަނެ، އިޤްތިޞާދު އާރާސްތު ކުރުމަށް މިކުރާ މަސައްކަތުގައި، ރާއްޖޭގެ ރިޒޯޓުތައް އެދަނީ ހުޅުވެމުން. ވަޒީފާ އިންތިހާއަށް ބޭނުންވޭ. ކުރިއަށް އޮތ ސީޒަނަކީ ރާއްޖެ އިރާދަކުރެއްވިއްޔާ މިއިން ދުވަހަކު ނުދެކޭވަރުގެ ރަނގަޅު ޓޫރިސްޓް ސީޒަނަކަށް ވެދާނެކަމުގެ ޢަލާމާތްތައް، ފޯކާސްޓް މިއަދު އެބަ ކުރެވޭ. އަޅުގަނޑުމެން ޒުވާނުން ނުކުމެ ރިޒޯޓުތަކުގަޔާއި އަދި މިއާ ގުޅުންހުރި ކަންތައްތައްކުގައި، ހިތްވަރާއެކު މަސައްކަތް ކުރަން ޖެހިފައި އޮތް ވަގުތެއް މިވަގުތަކީ.

ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރާނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިފަން ފެށުމަށް. ޒުވާނުން ވިސްނަންވީ، ތިޔައީ މި ޤައުމުގެ ހިންގުމާ މާދަމާ ޙަވާލުވާން ތިބި މީހުން ކަމަށް. ރާއްޖެ ކުރިއަރުވައި ތަރައްޤީ ކުރުމުގެ ހުރިހާ ޒިންމާއަކާ، މާދަމާ ޙަވާލުވާން ތިބީ މިއަދުގެ ޒުވާނުން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެ ދުވަސް އަންނަންވާއިރަށް، ތިޔަ ޒުވާނުންނަކީ މި ދެންނެވި ޤައުމީ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް ބަޔަކަށް ހެދުމަށް.

ހުރިހާ ޒުވާނުންވެސް ވިސްނަންވީ، މިހާރު ތިޔަ ހޭދަކުރަނީ ޢުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަން. އެ މީހެއްގެ ޙަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާކުރެވޭނީ، ޒުވާން ޢުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން. ރާއްޖޭގެ ކޮންމެ ޒުވާނެއްގެ ކިބައިގައިވެސް ތަފާތު ހުނަރުތަކަކާއި، ތަފާތު ޤާބިލުކަމެއް އެބަހުރި. ޤައުމު މިއަދު އެދި ގޮވަނީ، ތިޔަ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުން، އަދި އުފެއްދުންތެރި ވިސްނުންތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމަށް.

އަޅުގަނޑު އަދި ވާހަކަ ނިންމާލުމުގެ ކުރިން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ އިޝާރާތް ކުރެއްވި އެއް ކަންތައް، މި ރަށުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކައަށް އަޅުގަނޑު ކުޑަ އެއްޗެއް ދަންނަވާލާނަން.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން ޚަރަދުކޮށްގެން، 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު، އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އެބަ ހިންގަން. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުން އެކަނި ސީދާ މި ރަށަށް 400 ހައުސިންގ ޔުނިޓް މިހާރުވާނީ ރިޒަރވް ކޮށްފައި. އަދި އޭގެއިތުރުން، ބޭރުގެ ފަރާތަކުން މަޝްވަރާ ކުރެވި، މިރަށުގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތުގެ މަޝްވަރާ ކުރެވި، ނިމުމަކާ ހިސާބަށް އައިސްފައި އޮތް ވާހަކަވެސް، މިވަގުތު ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމަށް ޚިދުމަތްކުރާ މީހަކަށްވުމުގެ ޢަޒުމް، ތިޔަ ޒުވާނުން މިއަދުން ފެށިގެން ކަނޑައެޅުމަށް. ދިވެހި ޒުވާނުންގެ ހިތްތަކުގައި، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފައްދައި، ދެ ދުނިޔޭގެ ކާމިޔާބީއަށް، ދިވެހި ޒުވާނުންނަށް މަގު ފަހިކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ކުރިއެރުމާއި ތަރައްޤީއާއި ތިޔާގިކަން ދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.