މަތީ ޘާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ ޤައުމު އާރާސްތުކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރަންވީ މަރުޙަލާކަމަށާއި، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާ މެދު އެ ކުދިން ވިސްނާއިރު ސަރުކާރުން އޮތީ އެ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް އެ ކުދިން ގެންގޮސްދޭން ތައްޔާރަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަނަ ވަނަ އަށް އައި ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގައި ހުރެގެން ވިޔަސް އަދި ރާއްޖޭން ބޭރުން ވިޔަސް، އެކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު މިހާރު ހުޅުވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، އެކާވީސް ވަނަ ސައްތައިގެ ތަޢުލީމުގެ އަމާޒަކީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖްތަމަޢަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭ ފަދަ ދަރިންތަކެއް އުފެއްދުންކަމުގައި ވިދާޅުވުމާއެކު، އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކާވީސް ވަނަ ސައްތައިގެ ތަޢުލީމު އަމާޒު ހިފާފައިވަނީ، އެ ކުދިންގެ ޙަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް އެ ކުދިން ތައްޔާރުކޮށްދިނުމަށްކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއްކަމުގައެވެ. އަދި، މުސާރައަކީ ވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާ ، އުފެއްދުންތައް ނެރެވޭ ފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ޤާބިލްކަން ހޯދައިގެންކަމަށާއި، ކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުޞަތުތައް، ކުދިންގެ ފަހަތުން އަންނަ ފަދަ ބަޔަކަށް ވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ޤައުމުގެ ހިންގުމާ ޙަވާލުވާނީ، ވަކި ތައްގަނޑަކަށް ޤައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީއާ ފައިހަމަވާ ގޮތަށް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް. މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުން ޙާޞިލްކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމަށާއި، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައް މިހާރު ހުރި ގޮތާ ބެހޭ ޢިލްމީ ދިރާސާއެއް ކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.