ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލު ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ފަށްޓަވައިދެއްވުމާއި، ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވުމަށާއި، ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މިއީ 2020 ވަނަ އަހަރުގައި ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް  ރައީސުލްޖުމްހޫރިއްޔާ ނިންމެވި ފަހުން މި ފެންވަރުގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ދިވެހިރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ ޢުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ.