بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެމް.ޑަބްލިއު.އެސް.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހު، ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، އެމް.ޑަބްލިޔު.އެސް.ސީ.ގެ ބޯޑު މެންބަރުން، ދައުލަތުގެ، ސަރުކާރުގެ ކުންފުނިތަކުގެ އެމް.ޑީ.އިންނާއި ސީ.އީ.އޯ.އިން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިކަހަލަ އުފާވެރި ޙަފްލާއެއްގައި ތިޔަބޭފުޅުންނާ ބައްދަލުކުރެވޭތީ، އަޅުގަނޑު އެކަމާ އުފާކޮށް، ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ޙަޤީޤަތުގައި ތިޔަބޭފުޅުންނަކީ ޚާއްޞަކޮށް، ކުންފުނިތަކުގެ އިސްބޭފުޅުންނަކީ، އަޅުގަނޑުމެންނާ ވަރަށް ގާތުން މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެން ދުވަހުންދުވަހަށް، އެ ކުރާ މަސައްކަތުގައި ހަމަ ވަރަށް ބޮޑު ހިއްސާއެއް، ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގެ އިސް ބޭފުޅުންގެ ފަރާތުންނާއި އަދި އެ މުވައްޒަފުންގެ ފަރާތުން އަޅުގަނޑުމެންނަށް އެކަމުގައި ލިބިގެންދޭ. އެކަމަށްޓަކައި އަދި އެ ބޭފުޅުން ކެނޑިނޭޅި އެ ދެއްވާ އެއްބާރުލުމާއި، އެހީތެރިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެމް.ޑަބްލިޔު.އެސް.ސީ.އަކީ ދިގު ތާރީޚެއް އޮތް ކުންފުންޏެއް. ވަރަށް މުހިންމު މަސައްކަތެއް، ވަރަށް މުހިންމު ޚިދުމަތެއް ދެމުންގެންދާ ކުންފުންޏެއް. އާދެ، އިންސާނަކަށް ދިރިހުރުމަށްޓަކައި އެންމެ ބޭނުންވަނީ ކޯޗެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެންނަށް، ރާއްޖޭގެ ގިނަ ބަޔަކަށް އެ ޚިދުމަތްދޭ އެއް ކުންފުންޏަކީ، އަޅުގަނޑު ދަންނަވާނީ އެމް.ޑަބްލިޔު.އެސް.ސީ.އޭ.

އާދެ، އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެން މިއަދު އެންމެ ހަރުއަޑުން އެންމެ ބާރަށް، މުޅި ދުނިޔޭގެވެސް ހުރިހާ ލީޑަރުންނާއި، ހުރިހާ ފަރާތްތަކުންވެސް ދައްކަމުންދަނީ، އަޅުގަނޑުމެންގެ މޫސުމަށް އަންނަ ބަދަލުތަކާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ ވާހަކަ. އާދެ، އަޅުގަނޑުމެން ދިރިތިބުމަށްޓަކައި ކުރާ ކޮންމެ ކަމަކުންވެސް، އަޅުގަނޑުމެންގެ ތިމާވެށްޓަށް ނޭދެވޭ އަސަރުތަކެއް ކުރޭ. އެހެންވީމާ، އަޅުގަނޑުމެންގެ އުޅުމުގައި އަޅުގަނޑުމެން ވަކިން ޚާއްޞަކޮށް، މިކަހަލަ ކުޑަ ޖަޒީރާ ޤައުމެއްގައި، ބިން ތިރި ޤައުމެއްގެ ރައްޔިތުން ވަރަށް ބޮޑަށް އެކަމާ ވިސްނަންޖެހޭނެ.

އާދެ، ފެނަކީ އަޅުގަނޑުމެންނަށް ފަހަރެއްގައި ހީވެދާނެ، ހަމައެކަނި އަޅުގަނޑުމެންގެ މައްޗަށް އެ ކޮންޒިއުމް ވެގެންދަނީ، އަޅުގަނޑުމެންގެ ބުއިމަށާއި ނުވަތަ އަޅުގަނޑުމެން ހަމަ އެމީހެއްގެ އެހެނިހެން ބޭނުންތަކަށް އެ ބޭނުންކުރާ ފެންހެން. އެކަމަކު އެކަންތައް އޮތީކީ އެހެނެއް ނޫން. އަޅުގަނޑުމެންނަށް ނުފެނިވެސް އަޅުގަނޑުމެންގެ ބޭނުންތަކަށް ވަރަށް ގިނަ ކަންތައްތަކަށް ފެން ބޭނުންކުރެވޭ.

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެބަޖެހެއޭ، އަޅުގަނޑުމެން ކަންތައްތައް ކުރުމުގައި އިސްރާފު ކުޑަކުރަން. ވަކިން ޚާއްޞަކޮށް، ފެނަކީ އަގުހުރި އެއްޗެއްކަން ދަނެގެން. ދުނިޔޭގެ އެތައް ޤައުމެއްގައި، އަޅުގަނޑުމެންނަށް މި ލިބޭގޮތަށް ފެން ނުލިބި އެތައް ބަޔަކު ތިބިކަން ދަނެގެން، އިސްރާފު ކުޑަކޮށް އަދި އެނޫނަސް، އަޅުގަނޑުމެންގެ އުޅުމުގައި މި ދެންނެވި ގޮތަށް، އޭގެ ސަބަބުން ޚާއްޞަކޮށް ތިމާވެށްޓަށާއި، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް، ގެއްލުން ލިބޭނޭ ހުރިހާ ކަމެއް ކުޑަކޮށް، އެކަންތައްތައް މަދުކުރަން.

އާދެ، އެމް.ޑަބްލިޔު.އެސް.ސީ.އަށް ބަލައިފި ކަމަށްވަންޏާ، ހަމައެކަނި އެ ބޭފުޅުން ކުރާ މަސައްކަތްތަކުގެ އިތުރަށް، ވަރަށް ގިނަ މަސައްކަތްތަކެއް، ވަރަށް ގިނަ ކަންތައްތަކެއް، ރާއްޖޭގެ އެކިއެކި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތަކާއި، އެނޫނަސް ބޭނުމެއް ޖެހިފައި ތިބި ވަރަށް ގިނަ ފަރާތްތަކަށް ކޮށްދޭ ކުންފުންޏެއް. އާދެ، މިއީ މިއަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކުންފުނިތަކުން ފެންނަމުންދާ މަސައްކަތްތައް. އެބަޔަކު ކުރަން ކަނޑައެޅިފައި އޮންނަ ކަމެއްގެ އިތުރުން، ވަރަށް ގިނަ ކަންތައްތައް، އަޅުގަނޑު ނަމުން ދަންނަވާވަރަށްވުރެ ތަންކޮޅެއް ގިނަ. ހަމަ އެންމެ މޭޒެއްގައިވެސް ނެތް، އެ މަސައްކަތްކޮށްނުދެއްވާ ބޭފުޅެއް.

އެހެންވީމާ، ވަކިވަކިން ކުންފުނިތަކުގެ ނަންތައް އަޅުގަނޑު ދަންނަވާ ކަމަށްވަންޏާ، ދަންނަވަން އޮތީ، ޖުމްލަކޮށް ހުރިހާ ކުންފުންޏަކުންވެސް، ވަރަށް މުހިންމު މަސައްކަތްތައް، މީހުން ބިނާކުރުމަށްޓަކައި، އަޅުގަނޑުމެން އެކިއެކި ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި، ވަރަށް މުހިންމު ކަންތައްތައް، އޭގެތެރޭގައި، ގުރައިދޫ މަރުކަޒުގެ ޚާއްޞަ އެހީއަށް ބޭނުންވާ، ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް، އެ ބޭނުންވާ ކަންތައްތަކާއި، އަދި ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ކަންތައްތަކާއި، މާލޭގެ ޚާއްޞަކޮށް، މާލޭ އޭރިއާގައި ދިރިއުޅޭ ފަރާތްތަކަށް އެކިގޮތްގޮތުން ބޭނުންވާ ކަންތައް، އާދެ، ބަސް ޓަރމިނަލްތަކާއި އަދި އެއީ ޓެކްސީ ސްޓޭންޑްތަކަށްވީނަމަވެސް، އެކަންތައްތައްވެސް ވަރަށް ގިނަ އަދަދަކަށް ކުރަމުން އެބަގެންދޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ކުޑަ ވާހަކައެއް ދަންނަވައިލާނަން. އާންމުކޮށް ދެން އަޅުގަނޑަކީ މިކަހަލަ ކަންތައްތައް އެގޮތަށް ފާހަގަކޮށް، އެހެން ވާހަކަދައްކާ މީހެއްވެސް ނޫން. އެހެންނަމަވެސް، ކުޑަކުޑަ އެއްޗެއް މިރޭ އަޅުގަނޑަށް ހީވަނީ އަޅުގަނޑު ދަންނަވާލަންވީހެން. މީގެ އަހަރުތަކެއް ކުރިންވެސް، އަޅުގަނޑު ކަނބާއައިސަރަނި ހިނގުމުން އަންނައިރު، އައި.ޖީ.އެމް.އެޗް.ގެ އާ ބިލްޑިންގ ކައިރިން ފެންނާނެ، މާބަނޑު އަންހެނުން، ވިހައިގެން ޑިސްޗާޖް ކުރީމާ، ތުއްތު ދަރިފުޅު ގޮވައިގެން ގެޔަށްދާ މަންޒަރު. ޚާއްޞަކޮށް އަންހެން ބޭފުޅުން ތެމިގެން ޓެކްސީ ނަގަން ތިބޭ މަންޒަރު. މީގެ ހަ އަހަރު ކުރިން، ދެ ދުވަހެއްގައި އަޅުގަނޑުގެ ކާރުގައިވެސް، އެގޮތަށް ތިބި ބަޔަކު ގެޔަށް ލައިދިނިން.

އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ އެފަދަ ފަރާތްތަކަށް، ހިޔާވަހިކަމެއް އެތަނުގައި ލިބޭނޭ ގޮތަކަށް. ކޮންމެވެސް ދުވަހަކުން އެކަންތައް ފެންނާނޭކަމުގެ އުންމީދު އަޅުގަނޑުގެ އޮތް. ދެން އަޅުގަނޑުމެންނަށް މިއަދު މިއޮތީ އެކަންތައްތައް ކުރުމުގެ ފުރުޞަތު ލިބިފައި. އަޅުގަނޑު އެމް.ޑީ. ޝާހަށް ދެންނެވިން އެއްދުވަހު، މި މަސައްކަތް ކޮށްލަން އެބަޖެހެއޭ. ދެން އެ ދުވަހުން ފެށިގެން ހަމަ ވަގުތުން އެ މަސައްކަތްކޮށް، އެކަންތައް ކޮށްދެއްވީ. ފަހަރެއްގައި ވެދާނެ އެއީ ކުޑަކުޑަ ކަމަކަށް. ވަރަށް ކުޑަކުޑަ ޕްރޮޖެކްޓަކަށް ވެދާނެ. މިއީކީ އެކަމަކު ހަޖޫޖަހާ ކަހަލަ ކަންތައްތަކެއް ނޫން. ވަރަށް މުހިންމު، މުހިންމުވަނީ ކަންތައްތައް ހަމައެކަނި ބޮޑުވެގެންނެއް ނޫން. ވަރަށް ކުދިކުދި ކަންތައްތަކަކީވެސް މީހުންނަށް މުހިންމުވެދާނޭ ކަންތައްތައް. އެހެންވީމާ، މިއީ އިންސާނިއްޔަތަށްޓަކައި އަޅުގަނޑުމެން ކުރާ ކަންތައްތައް. އެހެންވީމާ، އެކަމުގެ ހަޖޫޖަހައި. އެކަހަލަ ވާހަކަ އެއްވެސް ބޭފުޅަކު ދެއްކުމަކީ އެއީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެހެންވީމާ، އަޅުގަނޑު ހަމަ އެކަންތައް ފާހަގަކޮށްލީ.

އަޅުގަނޑުމެންނަށް މި ސަރުކާރުގައި ހަމަ ކޮންމެ ކަމެއްވެސް މުހިންމުވޭ. ކުދިކުދި ކަންތައްތައްވެސް މުހިންމުވޭ. ބޮޑެތި ކަންތައްތައްވެސް އަޅުގަނޑުމެންނަށް މުހިންމު. އެއީ މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރު ހިންގަވަން ބޭނުންފުޅުވާ ގޮތަކީ. އާދެ، އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި ދައުރު ނިމޭއިރު އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތެއް، ބައެއް ރަށްރަށުގައި ޕްރޮޖެކްޓް ވަރަށް ކުޑަ. ފެނާއި ނަރުދަމާ ކުޑަ ރަށެއްގައި ވެއްޖިއްޔާ އެއީ ވަރަށް ކުޑަ ކަމެއް. ބޮޑު ރަށެއްގައި ބޮޑު. އެހެންނަމަވެސް، އެއްކަލަ ބޮޑުރަށުގެ މީހުންނަށް މުހިންމުވާ މިންވަރަށް، ކުޑަ ރަށުގައި ތިބޭ މީހުންނަށްވެސް ކަންތައްތައް މުހިންމުވެގެންދާނެ.

އާދެ، އަޅުގަނޑު ފާހަގަކޮށްލާނަން އެއް ކަމެއް. މިއަދަކީ މިއީ، މިފަދަ ބައެއް ކުދި ރަށްރަށަށް، އެހެންނަމަވެސް، ވަރަށް މުހިންމު ކަންތައްތަކެއް ފެށިގެންދިޔަ ދުވަހެއް. ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ކަންތައްތައް ކުރިއެރުވުމަށްޓަކައި، ހަރުދަނާ ކުރެއްވުމަށްޓަކައި އެ ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ތަޢުލީމުގެ ފުރުޞަތު ރަށުގައި ތިބެގެން ލިބެން ނެތް، ވަރަށް ކުޑަކުޑަ ދެތިން ރަށެއްގައިވެސް މިއަދު ވަނީ، ވަކި ނިޒާމެއް ޤާއިމުކުރެވިގެން، އެ މަސައްކަތް ފަށްޓާފައި. އަދި ހަމައެއާއެކު، އޭ ލެވެލްގެ ފުރުޞަތުވެސް ނެތް ހަމައެކަނި އަތޮޅަށް މިއަދުވަނީ އެ ފުރުޞަތުވެސް ހޯދައިދީފައި. މިއީ އެފަރާތްތަކަށް ވަރަށް މުހިންމު ކަމެއް. ވަރަށް ބޭނުންތެރި ކަންތައްތަކެއް. އެހެންވީމާ، އަޅުގަނޑު ހަމަ ޖުމްލަގޮތެއްގައި، ތިޔަބޭފުޅުން ކޮށްދެއްވާ ކުދިކުދި ކަންތައްތަކަށާއި، ބޮޑެތި ކަންތައްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، ކުންފުނިތަކުގެ މެދުގައި ވަރަށް އެކުވެރިކަން. ސަރުކާރާއެކު، ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ވަރަށް އެކުވެރިކަމާއެކުގައި އެބަ ކުރެވޭ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް ނަމޫނާ ދައްކައިގެން، މި އެކުވެރިކަމާއެކު، ރައީސުލްޖުމްހޫރިއްޔާ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްކޮށް އެ ވަޑައިގެންފައިވާ ވަޢުދުތަކާއި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންތައްތައް، އެނޫންވެސް ހުރި ކުދިކުދި ކަންތައްތަކާއި، ބޮޑެތި ކަންތައްތައް ކުރުމުގައި އަޅުގަނޑުމެން އެންމެން އެކީގައި ގުޅިގެން އެ މަސައްކަތް ކުރުމަށް.

އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އަޅުގަނޑު ބަލަނީ، މިކަހަލަ ތަންތަނަށް އާދެވުން. މިކަހަލަ އެހާ ބޮޑުނޫނަސް، ތަންކޮޅެއް ކުޑަކުޑަ ޙަފްލާތަކުގައި ބައިވެރިވެލައި، ތިޔަބޭފުޅުންނާ ބައްދަލުވެ ވާހަކަދައްކައިލުމުގެ ފުރުޞަތު ލިބުމަކީ، އެއީ އަޅުގަނޑަށް ވަރަށް ބޮޑު ކަމެއް. ހިތްހަމަޖެހުމެއްވެސް ލިބޭ ކަމެއް. އެހެންވީމާ، އެކަމަށްޓަކައި އަދިވެސް އެއްފަހަރު، މި ފުރުޞަތު ލިބުނީތީވެ، އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ، މާދަމާއަކީ، ޚާއްޞަ ދުވަހެއް. އާދެ، އަޅުގަނޑުމެން މިހާރު ކިޔައިއުޅެނީ ތިންވަނަ ފަހަރު. މިއީ އެފަހަރު. އަޅުގަނޑު ހުރިހާ ބޭފުޅުންގެ ފަރާތުން އެދެނީ، އަޅުގަނޑުމެންގެ ޤައުމީ ޓީމަށް ޤައުމިއްޔަތު، އަޅުގަނޑުމެންގެ ދިވެހި ޓީމަށް، ދިވެހިންގެ ކާމިޔާބު، މި ހޯދުމަށްޓަކައި ކުންފުނިތަކާއި، އަދި އަޅުގަނޑުމެން އެންމެން އެކީގައި، ޓީމަށް ހިތްވަރުދީ، ކާމިޔާބީއާ ހަމައަށް ދިޔުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް، ކުޅުންތެރިންނަށް، ވަކިވަކިންނާއި، މުޅި ޓީމަށް އެ ސަޕޯޓާއި އެ ހިތްވަރު ދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން، ތިޔަބޭފުޅުން ކުޑަކޮށް ކޮއްޅަށްވެސް ތެދުވެވަޑައިގަންނަވަން އަޅުގަނޑު ބޭނުންވޭ. ދިވެހި ޓީމަށް، ޤައުމީ ޓީމަށް ސާބަސް ދިނުމުގެ ގޮތުން ކުޑަކޮށް ހަމަ އަތްތިލަބަޑި ޖައްސަވައިލެއްވުމަށް.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެންނަށް މިއަށްވުރެ، މާ ފަހި ދުވަސްތަކެއް ލިބި، މާ ރަނގަޅަށް އަދި މަސައްކަތް ކުރެވިގެން ދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް، މުޅި ޤައުމަށް އަދަށްވުރެ ފަހި މާދަމާއެއް ދައްކަވައި، އަޅުގަނޑުމެންގެ ހުރިހާ އެންމެންނަށް ކާމިޔާބީ މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.