بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ބާއްވަވާ ބައްދަލުވުމަކީ، ދެންމެ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ޖަމީލު އެ ވިދާޅުވިފަދައިން، މި ދޭތެރެއިން ރާއްޖެއަށް މި ކުރިމަތިވި ބޭރަށް ހިންގުމުގެ ރޯގާ ކޮންޓްރޯލް ކުރުމުގައި ބައިވެރިވި ސަރުކާރުގެ އޮފީސް އޮފީހާއި، މިނިސްޓްރީތަކުގެ މުވައްޒަފުންނާއި އަދި އެނޫންވެސް ގޮތްގޮތުން މި މަސައްކަތުގައި ބައިވެރިވި ނުވަތަ މާލޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ދަޢުވަތު ދެއްވައިގެން ބޭއްވެވި ބައްދަލުކޮށްލެއްވުމެއް.

އާދެ، މި ބުރަ މަސައްކަތުގައި، ސަރުކާރުގެ ގާތްގަނޑަކަށް ހަމަ ހުރިހާ އޮފީހަކުންވެސް މަސައްކަތް ކުރެއްވިއޭ ދެންނެވުމަކީ ދޮގަކަށްނުވާނެ. ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި، އޮފީސްތަކާއި އަދި އެތަންތާނގެ މުވައްޒަފުން މިކަމުގައި ބައިވެރިވީ، ވަރަށްވެސް އިޚްލާޞްތެރިކަމާއެކުގައި. އޭގެ އިތުރުން، ސަރުކާރުގެ ދާއިރާގެ ބޭރުން، އަމިއްލަ ފަރާތްތަކުންވެސް މި ބުރަ މަސައްކަތުގައި ބައިވެރިވީ، މި ބުރަ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމުގައި ދެކިގެން.

އާދެ، މާލޭގެ އަވަށް އަވަށް ކުރިއަރުވާ ކޮމިޓީތަކުގެ މެންބަރުންނާއި އަދި އަވަށް އަވަށުގެ އާންމުން މި ބުރަ މަސައްކަތުގައި ބައިވެރިވީ، މިދެންނެވި އިޙްސާސް އެމީހުންނަށް ލިބިފައިވާތީ. މިކަމަކީ ރާއްޖޭގެ އެންމެން އެއްބާރުލައިގެން މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ސަލާމަތްވެވެންނެތްކަހަލަ ކަމެއްކަން އެންމެންނަށް ޤަބޫލުކުރެވިގެން. އާދެ، މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ ނަން ނުވަތަ އޭގެތެރެއިން އެންމެ ބުރަކޮށް އުޅުއްވި ފަރާތްތަކުގެ ނަން، ދެންމެ މިނިސްޓަރ އޮފް ހެލްތު ހާމަކޮށްދެއްވައިފި. އަދި އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފި. އާދެ، އެ ޝުކުރަކީ އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ހަމައެކަނި މިނިސްޓަރ އޮފް ހެލްތު ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އަދާކުރެއްވި ޝުކުރެއް ނޫނޭ. އެ ޝުކުރަކީ ސަރުކާރުގެ ފަރާތުން އަދާކުރެއްވި ޝުކުރެކޭ. އެހެންވީމާ، އަޅުގަނޑު އޭނާ އެ ޝުކުރު އަދާކުރެއްވި ފަރާތްތަކުގެ ނަން އިތުރަށް ދަންނަވާކަށް ނެތިން. އަދި އޭނާ އެ އަދާކުރެއްވި ޝުކުރަކީ، ސަރުކާރުގެ ފަރާތުން އަދާކުރެއްވި ޝުކުރެއްކަމާއި އަދި އަޅުގަނޑުގެ ފަރާތުންވެސް އަދާކުރެއްވި ޝުކުރެއް ކަމަށް ޤަބޫލުކޮށް، އެހިސާބުން އެ ވާހަކަ އަޅުގަނޑު އޮތީ ނިންމައިލާހިތް.

އާދެ، މިފަހަރު އަޅުގަނޑުމެންނާ މިކުރިމަތިވި ރޯގާ ކޮންޓްރޯލް ކުރުމުގެ ކަންތައްތައް ދިޔަގޮތުން އަދި އެހާ އަވަސް ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް މި މަސައްކަތުން ފެނުމުން، އަޅުގަނޑުހިތުން އެއިން އަޅުގަނޑުމެންނަށް އެކަށީގެންވާ ފައިދާހުރި ފިލާވަޅެއް އެބަ ލިބޭ. އާދެ، އެ ފިލާވަޅަކީ ރާއްޖޭގެ އެންމެން އެކަތިގަނޑަކަށްވެގެން، އެންމެން އެއްބާރުލައިގެން މަސައްކަތެއްކޮށްފިނަމަ ﷲގެ ވާގިފުޅާއެކު އެ މަސައްކަތެއް ކާމިޔާބުވާނެކަން. މިހެން އަޅުގަނޑު މިދަންނަވާ ސަބަބަކީ، ބޭރަށް ހިންގުމުގެ ރޯގާއަކީ އަދި ޚާއްޞަކޮށް ބޭރަށް ހިންގުމުގެ ތެރެއިން އެކި ނުރައްކާތެރި ބާވަތްބާވަތުގެ ރޯގާތަކަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކެއްގައި ފެތުރިގެންދާ އަދި އަބަދުވެސް ފެތުރެމުންދާ ނުވަތަ އަބަދުވެސް އެތަންތާނގައި އުޅޭ ރޯގާތަކެއް. ޚާއްޞަކޮށް، ތިންވަނަ ދުނިޔެއޭ އަޅުގަނޑުމެން މިކިޔާ ޤައުމުތަކުގައި، ކުރިއަރަމުން އަންނަ ޤައުމުތަކުގައި، އެއީ އެތަންތާނގެ ޞިއްޙީ ކަންތައްތައް ހުންނަ ގޮތުން، މިބާވަތުގެ ރޯގާތައް އެއީ ވަރަށް ގިނައިން އެތަންތާނގައި ފެތުރޭ ރޯގާތަކެއް. އެހެންނަމަވެސް، އެމީހުންނަށް، އެހެން ޤައުމުތަކުގެ މީހުންނަށް މިފަދަ ރޯގާތައް ކޮންޓްރޯލް ކުރުމުގައި ޙާޞިލު ނުކުރެވޭފަދަ ކާމިޔާބީއެއް، އަޅުގަނޑުމެންނަށް ވަރަށްކުރު މުއްދަތެއްގެތެރޭގައި ޙާޞިލު ކުރެވިއްޖެ.

އާދެ، އެންމެ ފުރަތަމަ ޙަމްދާއި ޝުކުރު ކުރަންޖެހެނީ ހުރިހާ ނިޢުމަތްތަކެއްގެ ވެރިފަރާތަށް. اللّـه سبحـانـه وتعـالى އަށް. އެކަލާނގެ ތައުފީޤާއި ވާގިވެރިކަން އަޅުގަނޑުމެންނަށް ލިބިގެން، އަޅުގަނޑުމެންގެ މި މަސައްކަތްވެސް ކާމިޔާބީއާ ހަމައަށް މިގެންދެވުނީ. އޭގެފަހުގައި ޝުކުރު އަދާކުރަން ޖެހެނީ މުޅި ދިވެހި ޤައުމަށް. ޤައުމުގެ އެންމެންނަށް. މި މަސައްކަތް ކުރުމުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތެއް ނުވަތަ އެއްވެސް ބައެއް އިސްތިސްނާވެގެންނުވޭ. ކުރިން މިނިސްޓަރ އޮފް ހެލްތު އެ ވިދާޅުވި ފަރާތްތަކުގެ އިތުރަށް، އަމިއްލަގޮތުން މި މަސައްކަތުގައި ބައިވެރިވި ކިތަންމެ ފަރާތެއް އެބަތިބި. އާދެ، އެއީ ސަރުކާރުން އެމީހުންނަށް އެންގި އެންގުމަކާނުލައި، އެމީހުންނަށް މި މަސައްކަތުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކުން އެމީހުންނަށް އަންގައިގެންނެއް ނޫން. އަމިއްލައަށް، ހިލޭސާބަހަށް. އާދެ، އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރީ ހިލޭސާބަހަށް. އެހެންނަމަވެސް، މި ދަންނަވަނީ މިދެންނެވި ފަރާތްތަކުން މަސައްކަތުގައި ބައިވެރިވާން އައީ ސަރުކާރުން އެމީހުންނަށް އަންގައިގެންނެއް ނޫނޭ. އޭގެތެރޭގައި މާލޭގައި ހިންގާ ބައެއް މަދަރުސާތަކާއި، އިންސްޓިޓިއުޓްތަކުގެ ކުދިން އަޅުގަނޑު ފާގަކޮށްލަން.

އާދެ، އެސް.އީ.ސީ.ގައި ކިޔަވާ ބައެއް ކުދިން، އެމް.އީ.އެސް.ގައި ކިޔަވާ ބައެއް ކުދިން. މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގައި ކިޔަވާ ބައެއް ކުދިން. އަދި އެލައިޑް ހެލްތުގައި ކިޔަވާ ބައެއް ކުދިން. އެމީހުން އަމިއްލައަށް އައިސް މި މަސައްކަތުގައި ބައިވެރިވާން އެދިގެން ބައިވެރިވީ. އެހެންވީމާ، އެއިންވެސް ދައްކާ އެއްޗަކީ، މި މަސައްކަތަކީ ރާއްޖޭގައި ހުރިހާ އެންމެން އިޚްލާޞްތެރިކަމާއެކު ބައިވެރިވި މަސައްކަތެއްކަން. މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި، އެކުދިންގެ ނަން ހިމެނިފައިނުވުމާއެކު، މިދެންނެވި މަދަރުސާތަކާއި، އިންސްޓިޓިއުޓްތަކުގެ ކުދިންނަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދެކެން.

އާދެ، ދެން އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ ފަރާތްތަކެއް އަދި އެބަހުރި. އެއީ ރާއްޖެއިން ބޭރުގެ ފަރާތްތަކެއް. މިކަހަލަ ކޮންމެ ކަމެއް ދިމާވުމުން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުން ވަރަށް ދީލަތި އެހީތަކެއް ވަމުންގެންދޭ. އާދެ، މިދިޔަ އޭޕްރީލް މަހުގެ ދިހަވަނަ ދުވަހުން ފެށިގެން ބާރަވަނަ ދުވަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް ކުރިމަތިވި ވަރަށްބޮޑު އެހެން ނުރައްކަލެއް އެއީ ރާޅުއެރުމުގެ ނުރައްކާ. މާލެއަށާއި ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށަށް ރާޅުއަރައި، ވަރަށް ގިނަ ގެއްލުންތައް އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބުނު. އެ ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުން ވަރަށް އެދެވޭ އެހީތަކެއް ވެދިން. ހަމައެފަދައިން އޭގެފަހުން އަޅުގަނޑުމެންނަށް މިދިމާވި އަނެއް ބޮޑު ކަންތައް، އާދެ، އެއީ އާދަޔާ ޚިލާފު ބޭރަށް ހިންގުމެއް މާލޭގައި ފެށިގެން ފެތުރިގެންދިޔަ ކަންތައް. ރާއްޖެތެރެއަށްވެސް ހިސާބަކަށް ފެތުރިގެންދިޔަ.

އެހެންވީމާ، މި ރޯގާ ކޮންޓްރޯލް ކުރުމުގައިވެސް ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އެހީތަކެއް ލިބުނު. އާދެ، އޭގެތެރޭގައި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި، އަވަށްޓެރި ނޫނަސް ދިވެހިރާއްޖެއާ އެކުވެރި ގުޅުމުން ގުޅިފައިވާ ޤައުމުތައް ހިމެނޭ. އެ ޤައުމުތަކުގެ އިތުރަށް، ބައިނަލްއަޤްވާމީ އެތައް ޖަމާޢަތެއްވެސް ހިމެނޭ. އޭގެތެރޭގައި ޔޫ.އެން.ޑީ.ޕީ. އަދި އަންޑްރޯ ހިމެނޭ. ހަމަ އެފަދައިން ޑަބްލިޔޫ.އެޗް.އޯ، ޔުނިސެފް. މި ފަރާތްތައްވެސް ހިމެނޭ. މި ހުރިހާ ފަރާތްތަކުން މި ދެންނެވި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަދި އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުން ލިބުނު ދީލަތި އެހީއަށްޓަކައި، އެ ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައި އަޅުގަނޑު މިރޭ ޝުކުރު އަދާކުރަން.

އާދެ، މިބާވަތުގެ ރޯގާތައް ފެށިގެން އަންނަނީ ސަބަބުތަކެއްވެސް އޮވެގެން. މިފަހަރު މި ރޯގާ ފެތުރިގެން މިއައީ މާލެއިން. ރޯގާ ފެށުނީ މާލެއިން. މާލެއިން ރާއްޖެތެރެއަށް ދިޔައީ. އެހެންވީމާ، އަޅުގަނޑުމެން ކުޑަކޮށް ވިސްނާލަން އެބަޖެހޭ، ކީއްވެގެންކަން މާލޭގައި މިކަހަލަ ރޯގާތައް ފެތުރެނީ. އަދި މާލެއިން ރާއްޖެތެރެއަށް ދާގޮތްވަނީ. އާދެ، އަޅުގަނޑުހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އެކަން އެހެން ދިމާވާ ސަބަބަކީ މާލެއަށް އެކަށީގެންވާވަރަށްވުރެ ގިނަމީހުން، މިވަރުގެ ޖަޒީރާއަކަށް އެކަށީގެންވާ ވަރަށްވުރެ މާގިނަ އަދަދެއްގެ މީހުން، މި ޖަޒީރާގައި ދިރިއުޅެން ދިމާވެފައިވާތީ.

އާދެ، މާލޭގެ އެކިއެކި އަވަށްތަކާއި ގޭގޭގައި ދިރިއުޅޭ މީހުންގެ ޢަދަދަށް ބަލާއިރު، އެންމެފަހުގެ ބޯހިމެނި ހިސާބު ދައްކާގޮތުންވެސް، ސާޅީސް ފަސްހާހަށް އަރާ. އަދި އޭގެފަހުން މިހާރު ދެ އަހަރު ދުވަސްވެއްޖެ. އެހެންވީމާ، އަޅުގަނޑުހިތުން އެ ޢަދަދު މިހާރު ފަންސާސް ހާސް ވެދާނެ. ނުވަތަ ފަންސާސްހާހާ ކައިރިކުރާނެ. ކޮންމެއަކަސް އެހާ ގިނަ ޢަދަދެއްގެ މީހުން މިހާ ކުޑަކުޑަ ޖަޒީރާއެއްގައި ދިރިއުޅެން ދިމާވުމަކީ ޝައްކެއްނެތްގޮތުގައި، ޞިއްޙީގޮތުން ވަރަށް ބޮޑެތި ނުރައްކާތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވާނެ، އަދި ވަމުންދާކަމެއް. އެއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއަކީ، މިހާ ކުޑަކުޑަ ތަންކޮޅެއްގައި މިހާ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅެމުން ދާންޖެހުނީމާ، އެއިން ނުކުންނަ އެކިއެކި ބޮޑެތި އިޖުތިމާޢީ މައްސަލަތަކާއި، ޞިއްޙީ މައްސަލަތައް. އާދެ، އެންމެ ބޮޑަށް ފާހަގަކޮށްލަންޖެހޭކަމަކީ، މާލޭގެ ބައެއް ގޭގޭގައި އެކަށީގެންވާ ޢަދަދަށްވުރެ ގިނައިން މީހުން ދިރިއުޅެމުންދާކަން.

އާދެ، އަޅުގަނޑުވެސް އެއްބަސް، މާލޭ އުފަން މާލޭގެ ރަށްވެހިން، އެމީހުންގެ ޢާއިލާތައް ބޮޑެތިވަމުން ދިޔައިމާ، ޢާއިލާގެ މީހުން އިތުރުވަމުން ދިޔައިމާ، އެމީހުން ހަދާނެ އެހެންގޮތެއް ނޯންނާނެ. އެމީހުންގެ ގޭގައި އެ ހުރިހާ އެންމެންވެސް ދިރިއުޅެން މަޖުބޫރު. އެހެންނަމަވެސް، މިދެންނެވި ގޮތުގެ އިތުރަށް، މިހާރު އާމްދަނީ ހޯދުމަށް މީހުންކުރާ މަސައްކަތަކަށްވޭ، ކުއްޔަށް އެމީހުންގެ ގޭގެއިން ތަންތަންކޮޅުދީގެން، ކޮޓަރިދީގެން އެގޮތަށް ދިރިއުޅެމުން ގެންދިޔުން. އާމްދަނީ ހޯދާނެ ގޮތެއްގެ ގޮތުގައި، މިކަން ކުރަމުން ގެންދަނީ. އެހެން ގެންދިޔުން އަޅުގަނޑުހިތުން މިކަމުގެ ސަބަބަކަށްވެފައި އޮންނަނީ. އެގޮތަށް އަޅުގަނޑުމެން ދިރިއުޅޭ ގެއިން ނުވަތަ ގޯތިން ބައެއް، ނުވަތަ ބައިތަކެއް މީސްމީހުންނަށް ކުއްޔަށްދީގެން، އަޅުގަނޑުމެންގެ ގޭގައި، އަޅުގަނޑުމެންގެ ގޯތިތެރޭގައި އެކަށީގެންނުވާ ގިނަ ޢަދަދަކަށް މީހުން ދިރިއުޅެން ދިމާވުން އެއީ މިފަދަ ރޯގާތައް މާލޭގައި ފެތުރެން ދިމާވާ އެންމެބޮޑު ސަބަބަކީ.

އާދެ، އެއީ އަޅުގަނޑުމެން މިވަގުތު ވަރަށް ބޮޑަށް ވިސްނަންޖެހިއްޖެ ކަމެއް. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަންވެއްޖެ ކަމެއް. އަޅުގަނޑުމެން ދިރިއުޅެންވާނީ ޞިއްޙީގޮތުން ކަމުދާގޮތަކަށް. ކޮންމެ ގެއެއްގައިވެސް ދިރިއުޅެންވާނީ، އެ ގެޔަކަށް އެކަށީގެންވާ ޢަދަދަކަށް މީހުން. އަދި އެމީހުންނަށް ދިމާވާ އެކިއެކި ބޭނުންތައް ފުއްދާނެ ގޮތްތައް، އެ ގެއެއްގައި ހަމަޖެހިފައި އޮންނަންވާނެ. މިދެންނެވީ ނިދުމުގެ ކަންތައްތައް، ކައިބޮއި އުޅުމުގެ ކަންތައްތައް. ފާޚާނާކުރުމާއި، ފެންވެރުމުގެ ކަންތައްތައް. އަދި މިނޫންވެސް ދިރިއުޅުމަށް ބޭނުންވާ އަސާސީ ކަންތައްތައް ފުދޭގޮތަށް އަޅުގަނޑުމެންގެ ގެދޮރު ހުންނަންވާނީ. ޚާއްޞަކޮށް، މީސްމީހުންނަށް އަޅުގަނޑުމެން ގޭގެއިން ކޮޓަރިކޮޓަރި ނުވަތަ ބައިބައި ކުއްޔަށްދޭ ކަމަށްވަންޏާ، އެ ކުލި ދީގެން ތިބޭ މީސްމީހުންނަށްވެސް، މިދެންނެވި ކަހަލަ މުހިންމު ބޭނުންތައް ޞިއްޙީ ފެންވަރެއްގައި، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފުއްދޭނެ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭންވާނެ. އެނޫންގޮތަކަށް އެކަން ކުރާ ކަމުގައިވަންޏާ އަދި މިހާރު އަޅުގަނޑުމެންނަށް މި ދިމާވާ ނުރައްކަލަށްވުރެ މާބޮޑެތި ނުރައްކާތައް މުސްތަޤްބަލުގައި ދިމާވާނެ. އެއީ އަޅުގަނޑު މިރޭ ތިޔަ ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވާލަން ބޭނުންވާ އެންމެ ބޮޑު ނުކުތާއަކީ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަށް ﷲގެ ވާގިފުޅާއެކުގައި، މި ރޯގާ ކޮންޓްރޯލް ކުރުމުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ. ދުނިޔޭގެ އެއްވެސް ތަނެއްގައި އަޅުގަނޑުހިތުން މިބާވަތުގެ ރޯގާއެއް ފެށިފައި، ކޮންޓްރޯލް ނުކުރެވޭހާ އަވަހަށް އަޅުގަނޑުމެންނަށް މިކަން ކުރެވިއްޖެ. އެންމެ ސާޅިސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ރޯގާ ކޮންޓްރޯލް ކުރެވިއްޖެ. އެންމެ ފުރަތަމަ ނުރައްކާތެރި ބޭރަށް ހިންގުމުގެ ކަމެއް އަޅުގަނޑުމެންނަށް ފެނުނީ، އެޕްރީލް މަހު 18 ވަނަ ދުވަހު. އެންމެފަހުން އޭގެ ކަމެއް ފެނުނީ، މޭ މަހުގެ 27 ވަނަ ދުވަހު. އެހެންވީމާ، ހަމަ ބަރާބަރު 40 ދުވަސް އެއީ. 40 ދުވަހުގެ ތެރޭގައި މިކަން ކުރެވުނީ، ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުގެ ހުރިހާ ފަރާތްތަކަކާއި އަދި ސަރުކާރު ފިޔަވައި އަމިއްލަ ފަރާތްތަކުގެވެސް އެއްބާރުލެއްވުން މިކަމުގައި ލިބިގެން. އަޅުގަނޑު ދަންނަވާނީ، މިހާ ކުރު މުއްދަތެއްގެތެރޭގައި މި މުހިންމު ލަނޑުދަނޑިއާ ހަމައަށް އަޅުގަނޑުމެންނަށް މިދެވުނީ، ރެޔާއިދުވާލު އެއްވެސް އަރާމެއްނެތި، މުޅި ޤައުމު މިކަމުގައި ހޭލާއޮވެގެންނޭ. އެހެންނޫންނަމަ އެއްވެސްޙާލެއްގައި އަޅުގަނޑުމެންނަށް މިހާފަސޭހައިން ރޯގާ ކޮންޓްރޯލެއް ނުކުރެވުނީސް.

އާދެ، ހަމަމިއާއެކު ދަންނަވަންޖެހޭ، އަޅުގަނޑުމެންނަށް މިފަހަރު ކަންދިމާވިގޮތުން އަދި ﷲގެ ރަޙްމަތާއި ވާގިފުޅުން މިކަން މިހެން ކުރެވުނު ކަމުގައިވިޔަސް، ކޮންމެ ފަހަރަކު މިހާފަސޭހައިން ނުވަތަ މިގޮތަށް މިކަން ކުރެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތުގައި ބާއްވައިގެންނުވާނެ. އެއާ ޚިލާފަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ، މިފަދަ އެހެނިހެން ރޯގާތައް ރާއްޖޭގައި ނުއުފެދޭތޯ އަދި ނުފެތުރޭތޯ. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅުގޮތަކަށް ޞިއްޙީގޮތުންނާއި، އިޖުތިމާޢީގޮތުން މިހާރަށްވުރެ ކަމުދާގޮތަކަށް އަޅުގަނޑުމެން ހަމަޖައްސައިގެން.

އާދެ، އަޅުގަނޑުގެ ވާހަކަ މިރޭ ދެން މާދިގުކުރާކަށް ނެތިން. މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ސަރުކާރުގެ ނަމުގައި، މި މަސައްކަތުގައި ތިޔަބޭފުޅުންގެ އިޚްލާޞްތެރިކަމާއެކު ފަރުވާތެރިކަމާއެކު ބައިވެރިވެވަޑައިގެން ދެއްވިކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކުގައި މިތަނަށް ވަޑައިނުގެންނެވުނު ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އާދެ، އެބޭފުޅުންގެ މަސައްކަތްޕުޅުތައް، ދިމާވިގޮތުން ރޯގާ ކޮންޓްރޯލް ކުރުމުގެ އެންމެ އިސްކޮމިޓީގެ އެއް ބޭފުޅަކަށް މިރެޔަކު މިތަނަކަށް ވަޑައެއްނުގެންނެވުނު. ހަމައެފަދައިން، މިކަމުގައި އުޅުއްވި ބައެއް އެހެން ވަޒީރުންނަށްވެސް ވަޑައިނުގެންނެވޭ. އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކުގައި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުން ކަމުގައިވާ ރާއްޖެތެރޭގެ ރައްޔިތުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ދެންމެ މިނިސްޓަރ އޮފް ހެލްތު އެ ވިދާޅުވިފަދައިން، ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން، އަދި ރާއްޖެތެރޭގެ އާންމު ރައްޔިތުން އަޅުގަނޑުމެންގެ މި ބުރަ މަސައްކަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އެއްބާރުލެއްވި. އެ ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުން ލިބިގެން އަޅުގަނޑުމެންނަށް ﷲގެ ރަޙްމަތްފުޅުން މި މަސައްކަތް މި ކާމިޔާބު ކުރެވުނީ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ ހެޔޮއެދުންތަކާއި ޝުކުރު ރައްދުކުރަމުން އަޅުގަނޑު ވަކިވެލަން.

والسّــلام عليكم ورحمـة اللّـه وبركاته.