بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލްގެ ތަޢުލީމީ ޙަޔާތުން 20 އަހަރު ވޭތުކުރުމުގެ އުފާވެރި މުނާސަބަތުގައި، އެ ސްކޫލްގެ ފަރާތުން ބާއްވަވާ ޖަލްސާއަށް އަޅުގަނޑަށް ދައުވަތު ދެއްވިކަމަށްޓަކައި އެ ސްކޫލްގެ ޕްރިންސިޕަލަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑުގެ މި ޝުކުރުގައި، ސްކޫލް އުފެއްދެވި މުއައްސިސް މެންބަރުންގެ ހުރިހާ ބޭފުޅުންނަށާއި އަދި އިދާރާ ހިންގަވަން ތިއްބެވި އިސްވެރިންވެސް ޝާމިލުކުރަން. ހަމައެއާއެކުގައި، މި ސްކޫލްގައި ތަޢުލީމު ޙާޞިލުކުރަމުންގެންދާ ދިވެހިރާއްޖޭގެ ލޮބުވެތި ޠާލިބުންނާއި ޠާލިބާއިންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، ސްކޫލެއްގެ ޙަޔާތުން 20 އަހަރު ވޭތުވެގެން ދިޔުމަކީ މާދިގު މުއްދަތެއް ނޫންކަމުގައި އަޅުގަނޑުވެސް ޤަބޫލުކުރަން. އެހެންނަމަވެސް، ރާއްޖެފަދަ ތަނެއްގައި އަމިއްލަ ފަރާތްތަކަކުން ނުވަތަ އަމިއްލަ ފަރާތަކުން މި ފެންވަރުގެ މަދަރުސާއެއް 20 އަހަރުދުވަސް ވަންދެން މެދުނުކެނޑި ހިންގެވުން އެއީ އަޅުގަނޑުހިތުން މާފަސޭހަ ކަމަކަށް ނުވާނެ. އާދެ އަޅުގަނޑުމެންނާ ކުރިމަތިވާ ކިތަންމެ އުނދަގޫތަކެއް، ކިތަންމެ ދަތިތަކެއް އެބަހުރި. ރާއްޖެއަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަފަދައިން، ތަރައްޤީވަމުން އަންނަ، ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ރާއްޖެއިން ލިބެން ހުންނަ ފަސޭހަތައް ވަރަށްވެސް މަދު. އަޅުގަނޑުމެންގެ ރައްޔިތުންގެ ޢަދަދު މަދު. އަޅުގަނޑުމެންގެ ތެރޭގައި އެކިކަންކަމަށް ޤާބިލު މީހުން މަދު. ފައިސާގެ ގޮތުންނާއި، އެކި ކަންތައްތައް ކުރަން ބޭނުންވާ ތަކެތީގެ ގޮތުން އަޅުގަނޑުމެންނަކީ ފަޤީރު ޤައުމެއް. މިކަންކަން މިހެން ހުރުމާއެކު، މިފަދަ ތަޢުލީމީ މުއައްސަސާއެއް 20 އަހަރު ދުވަސް ވަންދެން ހިންގެވިކަމީ، ޝައްކެއްނެތްގޮތުގައި އެކަމަށްޓަކައި މި ސްކޫލްގެ ހިންގުންތެރިންނަށާއި، ސްކޫލްގެ މުއައްސިސް މެންބަރުންނަށް އަޅުގަނޑުމެން އެންމެން އިޚްލާޞްތެރިކަމާއެކު ތަޢުރީފު އަދާކުރަންޖެހޭފަދަ ކަމެއް.

އާދެ، އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަފަދައިން، މި މަދަރުސާ ފެށިގެން އައީ ވަރަށްކުޑަގޮތެއްގައި. އެހެންނަމަވެސް، 20 އަހަރު ދުވަހުގެ ރާސްތާ، މި މަދަރުސާ ކަޑައްތުކުރިފަހުން މިހާރު މިތަނަކީ ރާއްޖޭގައި ތަޢުލީމުދެވޭ ތަންތަނުގެ ތެރެއިން އަދި ޚާއްޞަކޮށް، އަމިއްލަ ފަރާތްތަކުން ތަޢުލީމު ދެވޭ ތަންތަނުގެތެރެއިން، ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭފަދަ ތަނަކަށްވެއްޖެ. އެހެންކަމާއެކު، މި މަދަރުސާ ފުރަތަމަ އުފެއްދެވި މުއައްސިސް މެންބަރުންނާއި އަދި މިހާރު މުއައްސިސް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް، އާދެ، އަލްފާޟިލް އަޙްމަދު މުޖުޠަބާ، އަލްފާޟިލް ޙަސަން މާހިރު، އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިން އަދި އަލްފާޟިލް މުޙައްމަދު ޝަރީފަށް ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމައެއާއެކު، މި ސްކޫލް ހިންގެވުމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށް އަދި ޚާއްޞަކޮށް، މިވޭތުވެދިޔަ 14 އަހަރު ދުވަހުގެތެރޭގައި އެބޭފުޅެއްގެ ޚިދުމަތް މެދުނުކެނޑި މި މަދަރުސާއަށް ލިބިފައިވާ އަދި މިހާރު އެ ސްކޫލްގެ ހެޑްމާސްޓަރުކަމުގެ މަޤާމު އަދާކުރައްވާ މިސްޓަރ ފެނާންޑޯއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަނީ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު.

އާދެ، 20 އަހަރު މި ސްކޫލު ވޭތިކުރަމުން މިގެންދިޔައީ، އަޅުގަނޑުމެންގެ ޅަދަރިންތަކަކަށް ތަޢުލީމުގެ ޚިދުމަތް އަދާކޮށްދިނުމުގައި. އެހެންކަމާއެކު، މިއަދު އެންމެ ބޮޑު އުފާވެރިކަމެއް އިޙްސާސް ކުރަމުންދާނީ ޝައްކެއްނެތްގޮތުގައި، މި ސްކޫލްގެ ފަރާތުން ތަޢުލީމު ލިބެމުންދާ ކުދިންނަށް. އަދި މީގެކުރިން ތަޢުލީމު ލިބިފައިވާ ކުދިންނާއި އަދި އެ ހުރިހާ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންކަމާމެދަކު ޝައްކެއްނެތް. އެހެންވީމާ، މިއަދު މި މަދަރުސާގެ ޠާލިބުންނާއި ޠާލިބާއިންނަށް، އަދި އެ ކުދިންގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށް، ހަމަ އެފަދައިން މީގެކުރިން މި މަދަރުސާގައި ތަޢުލީމު ޙާޞިލުކުރުމުގެ އުފާ ޙާޞިލުކޮށްފައިވާ ހުރިހާ ޠާލިބުންނާއި ޠާލިބާއިންނަށް އަދި އެކުދިންގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށްވެސް މިއަދުގެ މުނާސަބަތުގައި ތަހުނިޔާ އަދާކުރަން.

އާދެ، ދެންމެ ޕްރިންސިޕަލްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މި ސްކޫލް ފެށިގެން އައީ ވަރަށްކުޑަގޮތަކަށް. ފުރަތަމަ ތިބީ އެންމެ 60 ކުދިން. މިހާރު މި ސްކޫލްގައި ކިޔަވަމުންދާ ކުދިންގެ އަދަދު 1400 އަށް އަރައިފި. އޭނާވެސް ވިދާޅުވިފަދައިން، މުހިންމު ކަމަކީ ހަމައެކަނި ޢަދަދު ގިނަކުރުމެއް ނޫން. މުހިންމު ކަމަކީ މިތަނުން ދެވޭ ތަޢުލީމަކީ ރާއްޖެއަށް ފައިދާހުރި ތަޢުލީމެއް ކަމުގައިވުން. އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައިވެސް މި މަދަރުސާގެ ފަރާތުންވެސް، އެކަށީގެންވާ ޚިދުމަތްތަކެއް އަދާކުރައްވާފައިވާކަން އެއީ އަޅުގަނޑުހިތުން މިއަދު އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ޝައްކުކުރާނެ ކަމެއް ނޫން. މިކަމުގެ ހެތްކަކީ ހަމަ ޕްރިންސިޕަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، މީގެ 7 އަހަރު ކުރިން ދިވެހިރާއްޖޭގެ ތަޢުލީމަށް އެބޭފުޅަކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޙަސަން މާހިރަށް ދައުލަތުގެ ފަރާތުން ވަރަށް ޚާއްޞަ އިނާމެއް ދެވިފައިވާކަން. އަދި އެ އިނާމު ދައުލަތުގެ ފަރާތުން ޙަސަން މާހިރަށް އެރުވީ، އޭނާ މި ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމަށް ކުރައްވާފައިވާ ޚިދުމަތްތަކަކީ، އެ ޚިދުމަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރަންޖެހޭފަދަ ޚިދުމަތްތަކެއް ކަމުގައި ސަރުކާރުން ޤަބޫލުކުރާތީ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގައި މަދަރުސާއެއް ހިންގުމަކީ މާފަސޭހަ ކަމެއްނޫން. އެއީ ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި ދަތިތައް އެގޮތަށް ހުރުމާއެކު، އަދި ޚާއްޞަކޮށް، މަދަރުސާއެއް ހިންގާނެތަން، މަދަރުސާއެއް ހިންގުމަށް ތަނެއް ހެދުމަށް ޚަރަދުކުރަންޖެހޭނެ ފައިސާ، މަދަރުސާގައި ކިޔަވައިދޭނެ، ކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މުދައްރިސުން، އަދި ޒަމާނުގެ ތަޢުލީމު ދަރިވަރުންތަކަކަށް ގެނެސްދިނުމަށްޓަކައި ބޭނުންވާ އެކިއެކި ތަޢުލީމީ އެހީއާއި، އެކިއެކި ސާމާނު، މި ހުރިހާ ކަންތައްތަކެއް ހުންނަލެއް ދަތިކަމުން، 20 އަހަރު މެދުނުކެނޑި ތަޢުލީމުގެ ދާއިރާއަށް ރާއްޖޭގައި ޚިދުމަތްކުރުމަކީ ވަރަށްވެސް ދަތިކަމަކަށްވާނެކަން ކަށަވަރު.

އާދެ، އަޅުގަނޑު މި ވާހަކަ ދަންނަވަނީ ހަމައެކަނި މި ވަގުތު އަޅުގަނޑު ޙަވާލުވެހުރި މަޤާމުގެ ގޮތުން، އަޅުގަނޑަށް މިކަން އެނގޭތީއެއް ނޫން. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިންވެސް މިކަން އިޙްސާސް ކުރެވޭތީ. އާދެ، އަޅުގަނޑަކީ އަމިއްލަ މަދަރުސާތަކުގައި ކޮންމެވެސްވަރަކަށް ކިޔަވައިދިނުމުގެ އުފާ މީގެކުރިން ޙާޞިލުކޮށްފައިވާ މީހެއް. އެހެންކަމާއެކު، އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން އެނގޭ، ރާއްޖޭގައި ސްކޫލްތައް ހިންގުމުގައި ހުރި ދަތިތައް. އެ ދަތިތައް ހުރަސްކޮށް ނުވަތަ ގިރާކޮށް ކާމިޔާބު ގޮތެއްގައި 20 އަހަރު ހޭދަކުރެވޭނީ، އެ ސްކޫލެއް ހިންގާ ބައެއްގެ ހިތުގައި ވަރަށް ވަރުގަދަ ޢަޒުމެއް އޮވެގެންކަން، އަދި އެމީހުން އެކަން ކުރިއަށް ގެންދަނީ އިޚްލާޞްތެރި ހެޔޮނިޔަތުގައިކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑަށް އިޙްސާސްކުރެވޭ ފަދައިން، ތިޔަ ހުރިހާ ބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ ޙަޤީޤަތެއް.

އާދެ، ތަޢުލީމުގެ ބޭނުން، އެކަމާ ދޭތެރޭގައި އަޅުގަނޑުހިތުން މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ޚިޔާލުތަފާތުވާނެ މީހަކު ނުހުންނާނެ. މި ސްކޫލްގެ ފަރާތުން ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް މިއަދު އެ ނުކުތާވެސް ފާހަގަކުރައްވައިފި. އާދެ، ސްކޫލްގެ މުއައްސިސުންގެ ތެރޭގައި ހިމެނޭ އަލްފާޟިލް މުޙައްމަދު ޝަރީފްގެ ވާހަކަފުޅުގައިވެސް އަދި ސްކޫލްގެ ދަރިވަރުންގެ ތެރެއިން މިއަދުގެ ޖަލްސާގައި ވާހަކަދެއްކި ކުދިންގެ ވާހަކައިގައިވެސް އަދި އެންމެފަހުން މި ސްކޫލްގެ ހެޑްމާސްޓަރ މިސްޓަރ ފެނާންޑޯގެ ވާހަކަފުޅުގައިވެސް އެކަންވަނީ ފާހަގަކުރައްވާފައި. އާދެ، ތަޢުލީމުގެ ބޭނުމަކީ ހަމައެކަނި، އަޅުގަނޑުމެން ޒުވާން ކުދިންތަކަކަށް ތަފާތު ދާއިރާތަކާބެހޭ މަޢުލޫމާތުތަކެއް ހޯދައިދިނުމެއް ނޫން، އެ ކުދިންގެ ސިކުނޑިތައް ތަފާތު މަޢުލޫމާތުތަކަކުން ފުރައިދިނުމެއް ނޫން. އޭގެ ފަހަތުގައި އެއަށްވުރެ މާބޮޑު މަޤްޞަދެއް އޮވޭ. އޮންނަންޖެހޭނެ.

އާދެ، ތަޢުލީމީ ފަލްސަފާއަކީ، އެހެނިހެން ދާއިރާތަކެކޭ އެއްފަދައިން، އެ ދާއިރާގައިވެސް ކަމުގެ މާހިރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ދާއިރާއެއް. އެގޮތަށް ތަޢުލީމީ ފަލްސަފާއާ ދޭތެރޭގައި ތަނުގެ މީހުންގެ މެދުގައި ޚިޔާލުތަފާތުވެފައި އޮތްކަމުގައިވިޔަސް، އަޅުގަނޑުހިތުން ތަޢުލީމުގެ މަޤްޞަދާ ދޭތެރޭގައި ހުރިހާ އެންމެންވެސް އެއްބަސްވޭ. އާދެ، ތަޢުލީމުގެ މަޤްޞަދަކީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމަށް ބޭނުންހިފޭ ރަނގަޅު މުވާޠިނުންތަކެއް އުފެއްދުން. އެކަން އޮތީ އެހެން ކަމަށްވުމާއެކު، ދުނިޔޭގެ އެކި ތަންތާނގައި ތަޢުލީމުދެވޭ ގޮތްތަކާއި ވަސީލަތްތައް ތަފާތުވާނެ. އާދެ، ހުރިހާ ޤައުމެއްގައި ގެންގުޅެނީކީ އެއް އުޞޫލެއް ނޫން. ދީނީގޮތުން ބަލާއިރު، ތަފާތު ޤައުމުތައް ދުނިޔޭގައި އެބަހުރި. މުސްލިމް ޤައުމުތައް އެބަހުރި. ހަމަ އެއާއެއްގޮތަށް ޣައިރު މުސްލިމް ޤައުމުތައްވެސް އެބަހުރި. އަދި ދީން ނަގާފައި، ދުނިޔަވީ ކަންތައްތަކުގައި ނުވަތަ ދައުލަތް ހިންގުމުގައި ނުވަތަ އިޖުތިމާޢީ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި، ތަފާތު އުޞޫލުތައް ޤަބޫލުކުރާ ޤައުމުތައް، ދުނިޔޭގައި އެތަން މިތާނގައި ހުރީ. އެކަން އޮތީ އެހެންކަމަށްވުމާއެކު، ތަޢުލީމުގެ ކަންތައްތަކުގައި، އެކި ޤައުމުތަކުގައި ގެންގުޅޭ ސިޔާސަތު ތަފާތުވާނެކަމާމެދަކު ޝައްކެއްނެތް. އެހެންނަމަވެސް، އެ ހުރިހާ ތަނަކުންވެސް އެއްބަސްވާ އުޞޫލެއް އަޅުގަނޑު ދެންނެވީ. އެ އުޞޫލަކީ އަޅުގަނޑު މިތާނގައި ދަންނަވާ އެއްޗެއް ނޫން. އެ އުޞޫލަކީ އަޅުގަނޑު މިއަދު މިތާނގައި ދަންނަވާ އެއްޗެއް ނޫން. އެ އުޞޫލަކީ މި ސްކޫލްގެ މުއައްސިސުންވެސް ޤަބޫލުކުރައްވާ އަދި މި ސްކޫލްގެ ދަރިވަރުންވެސް އެކަމަށް ހެކިދޭ އުޞޫލެއް.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މިނިވަން ބައެއް. އެހެންވީމާ، ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތައް ކުރިއަށް ގެންދިޔުމާއި، އަޅުގަނޑުމެންގެ ޤައުމީ ކަންތައްތައް ކުރިއަށް ގެންދިޔުން، ޝައްކެއްނެތްގޮތުގައި ހިމެނިފައި އޮންނަންވާނީ އަޅުގަނޑުމެންގެ ޅަދަރިންނަށާއި، ޒުވާނުންނަށްދޭ ތަޢުލީމުގެ ވަރަށް މުހިންމު ބައެއް ކަމުގައި. އެކަން އެހެން އޮތްކަން، މި ސްކޫލްގެ ހުރިހާ ފަރާތްތަކުންވެސް ޤަބޫލުކުރައްވާ. އަދި އެކަމުގެ ހެކިތައް އަޅުގަނޑުމެންނަށް ފެންނަމުން ގޮސްފައިވޭ. އޭގެތެރެއިން އެންމެ ބޮޑު އެއް ހެތްކަކީ ރާއްޖޭގައި ބާއްވާ އެކިއެކި ޤައުމީ މުބާރާތްތަކުގައި، އީ.ޕީ.އެސް ސްކޫލްގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ބައިވެރިވަމުންދާކަން. ހަމައެކަނި ބައިވެރިވަނީކީ ނޫން. އެފަދަ މުބާރާތްތަކުގައި އެކިފަހަރު މަތިން ތާރީފުކުރުން ޙައްޤުވާފަދަ މަޤާމުތައްވެސް ވަނީ މި މަދަރުސާގެ ދަރިވަރުން ހޯދާފައި.

އާދެ، އެކަމަކީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ މުބާރާތެއް ކަމުގައިވިޔަސް ނުވަތަ ޤުރްއާން ކިޔެވުމުގެ މުބާރާތެއް ކަމުގައިވިޔަސް ނުވަތަ ދިވެހިބަހުގެ މުބާރާތެއް ކަމުގައިވިޔަސް، މަޟުމޫނު ލިޔުން، ވާހަކަދެއްކުން، ޅެންހެދުން، މިހެންގޮސް އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، ޤައުމިއްޔަތާއި އަދި ރާއްޖޭގެ މާޙައުލާ ގުޅިފައިވާ ހުރިހާ ކަމަކާ ބެހޭގޮތުން ބޭއްވޭ އެކިއެކި ޤައުމީ ކަންތައްތަކުގައި، އީ.ޕީ.އެސް ސްކޫލްގެ ފަރާތުން ބައިވެރިވަމުން އައިސްފައިވަނީ ވަރަށްވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި. އަދި އެ ހުރިހާ ކަމެއްގައި މި ސްކޫލްގެ ދަރިވަރުން އެކިފަހަރުމަތިން ޙާޞިލުކޮށްފައިވާ ކާމިޔާބީތަކަކީ މިއަދު ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލާ ކާމިޔާބީތަކެއް.

އާދެ، ތަޢުލީމީ ފަލްސަފާގައި އެކަމުގެ މާހިރުންގެ ތަފާތު ވާހަކަ އަޅުގަނޑަށް ދެންމެ ދަންނަވައިލެވިއްޖެ. އަޅުގަނޑަކީ އެ ދާއިރާއާބެހޭ މާގިނަ މަޢުލޫމާތުތަކެއް ލިބިފައިވާ މީހެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުވެސް ހިސާބަކަށް ފޮތްބަލައި ކަންތައްކޮށްއުޅޭ މީހަކަށްވާތީ، އެކަމާ ބެހޭގޮތުން ކުޑަނަމަވެސް މަޢުލޫމާތުކޮޅެއް ވަނީ ލިބިފައި. އަޅުގަނޑު ބެލިބެލުމުގައި އެނގިފައިވާ ގޮތުގައި، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމުގެ ކަންތައްތައް، އެ ޤައުމުގެ ރައްޔިތުން ޤަބޫލުކުރާ އުޞޫލުތައް ކުދިންނަށް ދަސްކޮށްދީ، އެ ގޮތުގެމަތިން ކުދިން ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ. އެންމެ މިނިވަން ތަޢުލީމެއް އޮތްކަމަށް އަޅުގަނޑުމެންނަށް މިއަދު ޤަބޫލުކުރެވޭ ތަނަކީ އެމެރިކާ. އެމެރިކާގައިވެސް އެތާނގެ ސަރުކާރުގެ ފަރާތުން ކަނޑައެޅިގެން ވަކި މުޤައްރަރުތަކެއް ކަނޑައަޅައި، ވަކި މާއްދާތަކެއް، ވަކި އުޞޫލެއްގެމަތިން ކިޔަވައިދިނުން، ހުރިހާ މަދަރުސާތަކަށް ނެތްކަމުގައިވިޔަސް، ވަރަށް މުހިންމު މާއްދާއެއް ކިޔަވައިދިނުން އޮންނަނީ މަޖުބޫރުކޮށްފައި. އާދެ، އެއީ އެމެރިކާގެ ތާރީޚު. ކީއްވެތޯ އެމެރިކާގެ ތާރީޚު، އެތާނގެ މަދަރުސާތަކުގައި ކިޔަވައިދިނުން އެއީ އެތާނގެ ސަރުކާރުގެ ފަރާތުން މަޖުބޫރުކޮށްފައި އޮތް ކަމަކަށް ވާންޖެހެނީ. ޝައްކެއްނެތް، އެއީ އެމެރިކާ އުފެދިގެން އައިގޮތާއި، އެމެރިކާ އުފެއްދި ކާބަފައިން ޤަބޫލުކުރި އުޞޫލުތަކާއި، އެމެރިކާ މީހުން އެކި ކަންކަމުގައި ޤަބޫލުކުރާ އުޞޫލުތައް، އަދި އެ އުޞޫލުތައް ދެމެހެއްޓުމަށްޓަކައި، އެ އުޞޫލުތައް، އެމެރިކާގެ ހުރިހާ ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް އަންގައިދީ، އެ އުޞޫލުތައް އެކުދިންގެ ހިތްތަކުގައި އަށަގެންނެވުން. އެ މަޤްޞަދުގައި އެމެރިކާގައި އެކަން އެހެން ކުރަމުން ގެންދަނީ.

އާދެ، އަޅުގަނޑުމެން ކިޔާފަދައިން ޤައުމީ ކަންތައްތަކޭ، ނުވަތަ ޤައުމުގެ ޘަޤާފަތާބެހޭ ކަންތައްތަކޭ، އެމެރިކާގައި ނުކިޔައި ހިނގައިދާނެ. އާދެ، އެމީހުން ފަހަރެއްގައި ކިޔާފާނެ، އެމެރިކަން އައިޑިއާޒް ނުވަތަ އެމެރިކަން ވޭ އޮފް ލައިފް. އެއީ، އެމެރިކާ މީހުން ޤަބޫލުކުރާ އުޞޫލުތަކާއި، އެމެރިކާ މީހުންގެ ދިރިއުޅުން ބިނާވެފައި އޮންނަ ގޮތްތައް. މިކަހަލަ ޢިބާރާތެއް ބޭނުންކުރިކަމުގައިވިޔަސް، އެއްޗަކީ ހަމަ އެކައްޗެއް. އެހެންވީމާ، އަޅުގަނޑުމެން މިއަދު އެކަން ދެނެގަންނަން އެބަޖެހޭ. އެމެރިކާ ފިޔަވައި ދުނިޔޭގައި ހުރި އެހެން ތަންތާނގައިވެސް މިކަން އޮތީ ހަމަ މިހެން. މިސާލެއް ދަންނަވަންޏާ، އިނގިރޭސިވިލާތް އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި އެމެރިކާ ނަގާފައި، ވަރަށް ގިނަ ކަންތައްތަކުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމު. އިނގިރޭސިވިލާތުގެ މަދަރުސާތަކުގެ ތެރެއިންވެސް، ތަނަކަށްވާކަހަލަ ތަނެއްގައިވިއްޔާ، އެ ތަނެއްގައި ތަޢުލީމު ޙާޞިލުކުރާ ޠާލިބުންނާއި ޠާލިބާއިން، އެ މީހުންގެ ދީނީ ކަންތައްތަކުގައި ބައިވެރިވުމުގެ ގަޑިވެސް، ކޮންމެ ހަފްތާއަކު އޮންނަނީ ކަނޑައަޅާފައި. ކޮންމެ މަދަރުސާއެއްގައިވެސް، މިދެންނެވި ހަރުދަނާ ގޮތެއްގައި ހިނގަމުން އަންނަ ކޮންމެ އިނގިރޭސި މަދަރުސާއެއްގައިވެސް އެމީހުން ޤަބޫލުކުރާ ދީނީ އުޞޫލުތަކަށް، ދީނުގެ ކޮންމެވެސް ބާވަތެއްގެ އަޅުކަމެއް ކުރުމަށް ޚާއްޞަކުރެވިފައި ހުންނަ ކުޑަ ޢިމާރާތެއް ނުވަތަ ކޮޓަރިއެއް ހުރޭ. އަދި އެހެނިހެން މާއްދާތައް ކުދިން ކިޔަވަމުންގެންދާ ފަދައިން އަދި އެ މާއްދާތަކަށް ހާޒިރުވާންޖެހޭ ފަދައިން، މިދެންނެވި އަޅުކަމުގެ ގަޑިއަށްވެސް ހާޒިރުވުމަކީ މަޖުބޫރުކަމަކަށް އޮންނަނީ ހަދާފައި. އާދެ، އެހެންވީމާ އެބަ އެނގޭ، ދީނުގެ ކަންތައްތައް އެއީ ކޮންމެ ބަޔަކުވެސް، ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ ކަންތައްތަކެއްކަން.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި އެކަންޏެއްނޫން. ސަރުކާރުގެ ފަރާތުން ދީނީ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި އަދި މަދަރުސާތަކުގައި ކިޔަވާކުދިންނަށް އިސްލާމްދީނާބެހޭ މަޢުލޫމާތާއި، އިސްލާމީ އުޞޫލުތައް ކިޔަވައިދިނުމަށް ބާރުއަޅަމުން މިގެންދަނީ. ކޮންމެ ޤައުމެއްގައިވެސް، އެކަން އޮންނަނީ އެހެން. އޮންނަންވާނީވެސް އެހެން. މި ޙަޤީޤަތަކީވެސް އީ.ޕީ.އެސް ހިންގަވާ ފަރާތްތަކާއި، އީ.ޕީ.އެސް.ގެ ދަރިވަރުން ޤަބޫލުކުރާ ޙަޤީޤަތެއް. އެކަމުގެ ހެކި ކުރިންވެސް އަޅުގަނޑު ދެންނެވީ. އަޅުގަނޑުގެ މިއަދުގެ ވާހަކަ މި މުޚާތަބު ކުރަނީ ހަމައެކަނި މިތަނަށް ވަޑައިގެން ތިއްބެވި ބޭފުޅުންނަކަށް ނޫން. އަޅުގަނޑު މިހުރި މަޤާމުގެ ގޮތުން މިފަދަ ފުރުޞަތެއް ލިބުމާއެކު، އަޅުގަނޑު މި ވާހަކަ މި މުޚާޠަބު ކުރަނީ، ރާއްޖޭގައި ތަޢުލީމީ ކަންތައްތައް ހިންގަވާ ހުރިހާ ފަރާތްތަކަކާ، އާދެ، އަމިއްލަ މަދަރުސާތައް ހިންގަވާ މާލޭގެ އެކިއެކި ފަރާތްތަކާއި، ރާއްޖެތެރޭގެ ފަރާތްތަކާއި، އެ ހުރިހާ ފަރާތްތަކަކާ އަޅުގަނޑު މި މުޚާޠަބު ކުރަނީ. އަދި އެ ހުރިހާ ފަރާތްތަކަކުން އެ ހިންގަވާ ތަފާތު މަދަރުސާތަކާއި ކުލާސްތަކުގައި ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ޠާލިބުންނާއި ޠާލިބާއިންނާ އަޅުގަނޑު މިއަދު މި މުޚާޠަބު ކުރަނީ.

އާދެ، ތަޢުލީމަށް ދައުލަތުންދޭ އަހަންމިއްޔަތުގެ ވާހަކަ އަޅުގަނޑު ކޮންމެހެން ދަންނަވާލާކަށް ނެތިން. ރާއްޖޭގެ އަމިއްލަ މަދަރުސާތަކުގެ ހިންގުން މިހާރަށްވުރެ ފުރިހަމަކޮށް، އެ މަދަރުސާތަކަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިލުމަށްޓަކައި ސަރުކާރުން ގިނަގުނަ އެހީތައް ދަނީވަމުން. އާދެ، މާލެއާއި ރާއްޖެތެރޭގައި ހުރި މަދަރުސާތަކުގެ ތެރެއިން ވަރަށް ގިނަ މަދަރުސާތަކަށް އެކިގޮތްގޮތަށް ސަރުކާރުން އެހީވަމުން ގެންދޭ. 90 މަދަރުސާއަށްވުރެ ގިނަ ތަންތަނަށް ސަރުކާރުން ފައިސާގެ ގޮތުން މިހާރުދަނީ އެހީވަމުން. އެއީ ރާއްޖެތެރޭގެ 84 ތަނަކަށާއި، މާލޭގެ 11 ތަނަކަށް. ފައިސާގެ ގޮތުންވާ އެހީގެ އިތުރަށް، ރާއްޖެތެރޭގެ ބައެއް މަދަރުސާތައް ޢިމާރާތްކުރުމުގައިވެސް ސަރުކާރުން އެހީވެދީފައިވޭ. އެތަނަށް ބޭނުންވާ ގޮނޑި، މޭޒުފަދަ ތަކެތި ހޯދުމުގައި އެހީވެދީފައިވޭ. އަދި މުދައްރިސުން ހޯދައިދިނުމުގައިވެސް ސަރުކާރުގެ ފަރާތުން ދަނީ އެހީވަމުން. މި އުޞޫލުން އީ.ޕީ.އެސް. އިސްތިސްނާ ވެފައެއް ނެތް.

އާދެ، އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް އެނުކުތާ ފާހަގަކުރެއްވި. މިއަދު އަޅުގަނޑުމެން މި ޖަލްސާ މިކުރަމުންދާ ޢިމާރާތަކީ، ސަރުކާރުން އީ.ޕީ.އެސް ސްކޫލަށް ދީފައިވާ ޢިމާރާތެއް. އެ ބޭފުޅުން އެ ވިދާޅުވިފަދައިން، އެއްވެސް ކުއްޔެއްނެތި. ހަމައެފަދައިން މި ޢިމާރާތް މިހުރި ގޯއްޗަކީވެސް ސަރުކާރުން އެކަމަށް ދޫކޮށްފައިވާ ގޯއްޗެއް. އޭގެ އިތުރުން، އީ.ޕީ.އެސް. ސްކޫލްގައި ކިޔަވައިދޭ މުދައްރިސުން ތިބުމަށް ހޮސްޓެލްއެއް ހެދުމަށްޓަކައި ސަރުކާރުން ވަނީ ގޯއްޗެއް ދޫކޮށްފައި. އެ ގޯތި ދޫކުރުމުން، އެތާނގައި މިތާނގެ މުއައްސިސް މެންބަރުން ހެއްދެވި ޢިމާރާތެއްގައި، މިތާނގެ ކިޔަވައިދޭ ޓީޗަރުންގެ ބައެއް މީހުން ތިބުމުގެ ސަބަބުން މި ސްކޫލްގެ ބަޖެޓަށް ލިބިފައިވާ ލުއިކަން އަޅުގަނޑު ހިތުން މި ސްކޫލް ހިންގަވާ ހުރިހާ ފަރާތްތަކަކަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ.

އާދެ، މިކަންތައްތައް ހުރީ މިގޮތަށް. އެހެންވީމާ، ސަރުކާރުން އަމިއްލަ ތަޢުލީމީ މުއައްސަސާތަކަށް ދެމުންގެންދާ އެހީގެ ވަރަށް ބޮޑު ބައެއް މި މަދަރުސާއަށްވެސް ލިބެމުންދާކަން އަޅުގަނޑުވެސް އުފަލާއެކު މިއަދު ފާހަގަކޮށްލަން ބޭނުން. އާދެ، މިއަދުގެ ޖަލްސާ އަދިވެސް ކުރިއަށްދާގޮތަށް އޮތީ. އަޅުގަނޑުގެ ވާހަކައިގެ ފަހުންވެސް ބައެއް ނަންބަރުތައް މިއަދުގެ ޕްރޮގްރާމްގައި އެބައޮތް. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު، ދެން މާދިގުކުރާކަށް ނެތިން. އެހެންނަމަވެސް، އަދި ކުޑަކުޑަ އެއް ވާހަކަ ދަންނަވާލަންޖެހޭ.

އާދެ، އެއީ އުފަންދުވަސް ފާހަގަކުރުމުގެ މުނާސަބަތަކީ، ވަރަށް އުފާވެރި މުނާސަބަތަކަށްވާތީ. އުފަންދުވަހުގެ އިޙްތިފާލަށް ހާޒިރުވާ މީހުން ކޮންމެވެސްކަހަލަ ހަދިޔާއެއް ގެނައުމަކީ އާދައަކަށް ވެފައި އޮންނަ ކަމެއް. އެހެންވީމާ، އަޅުގަނޑުވެސް މިއަދު މި ސްކޫލަށް، ސްކޫލްގެ 20 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ޖަލްސާއަށް އަޅުގަނޑަށް ވިދާޅުވެފައިވާތީ، އަޅުގަނޑު އައި އައުމުގައި ކޮންމެވެސްކަހަލަ ހަދިޔާއެއް ގެނެވޭތޯ ބެލިން. އެހެންނަމަވެސް، އަޅުގަނޑު ގެންނަން ބޭނުންވި ހަދިޔާއަކީ، ރީތި މާޖެހި ކަރުދާހަކުން ޕާރުސަލް ކުރެވިފައި އަދި ރީތި ފީތާފަށަކުން ގޮށްޖަހާލެވިފައި އޮތް ޕާރުސަލަކަށް ހެދޭގޮތެއްނުވި.

އާދެ، އެހެންވީމާ، އަޅުގަނޑު ސަރުކާރުގެ ފަރާތުން މިއަދުގެ މުނާސަބަތުގައި މި ސްކޫލަށް ދޭން ގަސްތުކުރާ ހަދިޔާއެއްގެ ވާހަކަ މި ޖަލްސާގައި ހަމައެކަނި ދަންނަވައިލުމުން ފުދޭނެކަމަށް އަޅުގަނޑު ހީކުރަން. އާދެ، ދެންމެ މި ސްކޫލްގެ ހެޑްމާސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި، އަދި އޭގެކުރިން ސްކޫލްގެ ދަރިވަރަކު ދެއްކި ވާހަކައިގައިވެސް ހާމަކުރި، މި ސްކޫލްގައި ތަޢުލީމީ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ ކަންތައްތައް ހަމަޖެހިފައިވާކަން. އާދެ، އަޅުގަނޑުވެސް ޤަބޫލުކުރަން، މި ސްކޫލްގެ މުއައްސިސުންނާއި އަދި ހިންގަވާ ފަރާތްތަކުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިގެން، މި މަދަރުސާގައި ކިޔަވާ ޠާލިބުންނަށާއި ޠާލިބާއިންނަށް ބޭނުންވާނެ، އެކުދިންގެ ތަޢުލީމު ޙާޞިލުކުރުމުގައި ބޭނުންވާނެ ހުރިހާ ފަސޭހަތަކެއް ވަނީ ހަމަޖައްސަވައިދެއްވާފައި. އެހެންނަމަވެސް، ކުރިން އަޅުގަނޑު ދެންނެވި ސަބަބުތަކަށްޓަކައި އެކަހަލަ ކަންތައްތައް އަޅުގަނޑުމެން އެދޭ ފެންވަރަށް އެއްވެސް މަދަރުސާއެއްގައި ކުރުމަކީ މާފަސޭހަކަމަކަށް ނުވާނެ. އަދި ޕްރިންސިޕަލްގެ ވާހަކައިގައި އެނގުނުފަދައިން، އަޅުގަނޑު މި އިޝާރާތްކުރަން ބޭނުންވާ ކަންތައްވެސް ކުރީ މި ސްކޫލްގެ އިދާރާއިން އަދި ޓީޗަރުން. އަދި ސްކޫލްގައި ކިޔަވާކުދިން ބޭނުންވާ އެންމެ މަތީ ފެންވަރަކަށް ނޫން. އެހެންވީމާ، އެބާވަތުގެ ކަމެއްގައި ސަރުކާރުން އެހީވެދޭން އޮތުމާއެކު، އެ ވާހަކަ އަޅުގަނޑު މިއަދު ހަދިޔާއެއްގެ ގޮތުގައި ދަންނަވާލަން ގަސްދުކުރަނީ.

އާދެ، މި ސްކޫލަކީ މިހާރު ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްދޭ ތަނަކަށްވެފައި، އޭގެތެރޭގައި ޖީ.ސީ.އީ އޯ ލެވެލް ޙާޞިލުކުރުމަށްޓަކައި، މި ސްކޫލްގައި ކިޔަވާ ޠާލިބުންނާއި ޠާލިބާއިން ކިޔަވާ މާއްދާތަކުގެ ތެރޭގައި، ސައިންސާބެހޭ ވަރަށް ގިނަ މާއްދާތައް އެބަހުރި. އެ މާއްދާތައް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވޭނީ، އެކަށީގެންވާ ފެންވަރަކަށް ސައިންސް ލެބޯރެޓަރީއެއް ހުރެގެން. އާދެ، މިތާނގައި މިހާރު "މިނީ ސައިންސް ލެބް" އެއްގެ ނަމުގައި ތަނެއް ހުރިކަން އަޅުގަނޑަށް އެނގޭ. އަދި އެތަނަށް ބޭނުންވާ އަސާސީ ބައެއް އެއްޗެތި މި ސްކޫލްގެ ފަރާތުން ހޯއްދަވާފައި ހުރިކަންވެސް އަޅުގަނޑު ފާހަގަކުރަން.

އެހެންވީމާ، މިއަދުގެ މުނާސަބަތުގައި ސަރުކާރުގެ ފަރާތުން އީ.ޕީ.އެސް ސްކޫލަށް ހަދިޔާކުރަން ގަސްދުކުރަނީ، މިތާނގައި ހުރި ސައިންސް ލެބޯރެޓަރީތައް. އާދެ، ފިޒިކްސް ލެބޯރެޓަރީ، ބައިލޮޖީ ލެބޯރެޓަރީ، އަދި ކެމިސްޓްރީ ލެބޯރެޓަރީ. މި ހުރިހާ ލެބޯރެޓަރީތަކެއް، އެކަށީގެންވާ ފެންވަރެއްގައި ހަދައިދިނުމުގެ ހަދިޔާ. އާދެ، ތިޔަބޭފުޅުންގެ ތަރުޙީބުން އަޅުގަނޑަށް ދޭހަވީ އެ ހަދިޔާއަކީ، ތިޔަބޭފުޅުން ޤަބޫލުކުރައްވާ ރަނގަޅު ހަދިޔާއަކަށްވީކަން. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި ސްކޫލްގެ މުއައްސިސް މެންބަރުންނަށާއި، ހިންގުންތެރިންނަށާއި، ޕްރިންސިޕަލަށާއި، ހެޑްމާސްޓަރަށާއި އަދި މި ސްކޫލްގައި ކިޔަވައިދެއްވަމުން ގެންދަވާ ހުރިހާ ޓީޗަރުންނަށާއި، ސްކޫލްގެ ޠާލިބާއިންނާއި ޠާލިބުންނަށް އަދި އެކުދިންގެ ބެލެނިވެރިންނަށާއި މައިންބަފައިންނަށް، އަދިވެސް އެއްފަހަރު މި އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކުބާދީ އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އީ.ޕީ.އެސް ސްކޫލަށް އަދަށްވުރެ ފެހި މާދަމާއެއް ދެއްކެވުން. ތަޢުލީމީ މައިދާނުގައި މި ސްކޫލްގެ ފަރާތުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް އިތުރު ފަހި މަގުތަކެއް اللّـه سبحـانـه وتعـالى މުސްތަޤްބަލުގައި މެދުވެރިކޮށްދެއްވުން. އަދި މި ސްކޫލްގެ ދަރިވަރުންގެ ފަރާތުން، މިހާރުގެ ދަރިވަރުންނާއި، ކުރީގެ ދަރިވަރުންނާއި އަދި މުސްތަޤްބަލްގައި މި މަދަރުސާގައި ކިޔަވަމުން ގެންދާނެ ދަރިވަރުންގެ ފަރާތުން ދިވެހި ޤައުމަށް އެކަށީގެންވާ ފައިދާހުރި ޚިދުމަތްތަކެއް ލިބޭނެގޮތް އެކަލާނގެ މެދުވެރިކުރެއްވުން. އަދި ރާއްޖޭގެ ތަޢުލީމުގެ މައިދާން، މިއަދަށްވުރެ ހުރިހާ ގޮތަކުންވެސް މުސްތަޤްބަލްގައި ފުރިހަމަކުރެވޭތޯ ސަރުކާރުންނާއި އަދި ސަރުކާރު ފިޔަވައި ރާއްޖޭގެ ތަފާތު އަމިއްލަ ފަރާތްތަކުން އެ ކުރައްވާ މަސައްކަތްތައް އެއީ ކާމިޔާބު މަސައްކަތްތަކަކަށް ވުމުގެ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.