ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ ޒުރަބް ޕޮލޮލިކަޝްވިލި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަަލުކުރެއްވުމުގައި، ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި ވަނީ ޓޫރިޒަމް ތަރައްޤީ ކުރުމުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. އެގޮތުން ކޯވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔެއަށް ޓޫރިޒަމަށް ހުޅުވާލި އަވަސްމިނާއި އެކަމުގައި ދިވެހިރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތަށް އެ މަނިކުފާނު ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ދެއްވާ ސަމާލުކަން ހާމަކުރައްވަމުން، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މި ޒިޔާރަތުގައި، ދެ ބޭފުޅުން ވަނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށްޓަކައި މުސްތަޤްބަލުގައި ކުރެވެންހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.