ޢަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ނުވަތަ މިޞްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މިސްޓަރ ހުޞައިން އަލް ސަހާރޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އެމަނިކުފާނުގެ ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް އެމަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރުން ފާއިތުވި އަހަރުތަކުގައި އެކި ގޮތްގޮތައް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި މިޞްރު ސަރުކާރަށާއި މިޞްރުގެ ސަފީރު އަލް ސަހާރޓީއަށް ޝުކުރުއަދާކުރައްވާފައެވެ.
މިގޮތުން އެމަނިކުފާނު ވަނީ މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި، ރާއްޖެއަށް ބޭނުންވާ އިންސާނީ ވަޞީލަތްތަކުގެ ރޮނގުން މިޞްރު ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ބޭއްވެވި މަތީ ފަންތީގެ ސިޔާސީ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި މިޞްރުގެ ސަފީރު އިތުރަށް މަޝްވަރާކުރެއްވެވި ކަންކަމުގެ ތެރޭގައި އެއް ޤައުމާ އަނެއް ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިސްލާމް ދީނާ ގުޅޭގޮތުން އަދި ދެޤައުމުން ޝައުޤުވެރިވާ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ގުޅޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ވެސް ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުޞަތުތައް ފާހަގަކުރައްވައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއަކީ މިޞްރާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރުގެ ކޮވިޑް ޙާލަތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މިޞްރު ސަފީރު ވަނީ އެ ޤައުމަށް ދަތުރުކުރުމުގައި ރާއްޖޭގެ ކޮވިޑް ވެކްސިން ސެޓިފިކެޓް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި މިޞްރުގެ ސަފީރު އަލް ސަހާރޓީ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މި ސަރުކާރުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެއްވެވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން މިޞްރުގެ ސަފީރު ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި މިޞްރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި މިޞްރުގެ ސަފީރު އަލް ސަހާރޓީގެ ދައުރު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައި އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާފައެވެ.