މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ސުވާލުތައް ދެންނެވީ "ޚާރިޖީ ސިޔާސަތު" ޕްރޮގްރާމް ހުށަހެޅުއްވި އިބްރާހީމް މުނާޒް

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

އެންމެ ފުރަތަމަވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން.

އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަވެސް، ރިޔާސަތާ ޙަވާލުވެވަޑައިގަތުމަށްފަހުވެސް ބެއްލެވީ ދުނިޔޭގެ، މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކާ އެކުގައި މަސައްކަތް ކުރައްވަން. އެއީ، އަޅުގަނޑުމެންނަށް ވަކިވެގަނެގެންނެއް ލިބޭނެ ކުރިއެރުމެއް، ލިބޭނެ މޮޅެއްވެސް ނޯންނާނެ. އެހެންވީމާ، އެގޮތުން މިއަދު އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔާބީއަކީ، އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ކާމިޔާބު ކުރެއްވި ކާމިޔާބު ކުރެއްވުމަކީ، އަޅުގަނޑު ދަންނަވާނީ އެއީ، ރައީސުލްޖުމްހޫރިއްޔާ، މުޅި ސަރުކާރުގެ ސިޔާސަތު ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެކޭ. އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަ ނަމަވެސް، ދުނިޔެ ބަލައިގެންފިކަމުގެ ވަރަށް އަލިގަދަ ހެތްކެކޭ.

ޕްރެޒެންޓަރ:

އާދެ، މި ކާމިޔާބީއަކީ، ޚާއްޞަގޮތެއްގައި، އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު، ރާއްޖެއަށް މި ލިބިގެންދިޔަ ދިއުމުގައި، ކޮބައިބާއޭ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މި ސިފަކުރަމުން މި ގެންދަނީ. މި ކާމިޔާބީއާއެކީގައި ކޮބައިތޯއޭ ރާއްޖެއަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބިގެންދިޔަ ދަރަޖައަކީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެން ބަލަން އެބަޖެހޭ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވީ، އަޅުގަނޑުމެންނަށް ކާމިޔާބު ހޯދެން އޮތީ މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކީ އަޅުގަނޑުމެން މަސައްކަތް ކޮށްގެން. އަޅުގަނޑުމެންނަކީ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ބައެއް. އަޅުގަނޑުމެންގެ ޓޫރިޒަމަށް ބެލިކަމުގައިވިޔަސް އަދި ފޮރިން ކަރަންސީއާ، މި ހުރިހާ ކަމެއް ވަރަށް ބޮޑަށް މިއޮތީ ގުޅިފައި. އެހެންވީމާ، އަޅުގަނޑަށް ޤަބޫލުކުރެވެނީ އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ، މި ދެންނެވި ގޮތަށް، ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި، ދުނިޔޭގެ ކުދި ޤައުމުތަކާއި އަދި ހުރިހާ ޤައުމަކާވެސް އެ ޚާރިޖީ ގުޅުން ވަރުގަދަކޮށް، މިކަހަލަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް މެދުނުކެނޑި ކުރެވިގެންނޭ.

ޕްރެޒެންޓަރ:

އާދެ، ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި، އަޅުގަނޑުމެން މި ކާމިޔާބު ސިފަކުރަމުންދާއިރުގައި، ޚާރިޖީ ސިޔާސަތުގައި، ދެން ސަރުކާރުން ކޮބައިބާއޭ، އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައްތަކަކީ، މި ފާއިތުވެގެންދިޔަ، ދެ އަހަރެއް ނުވަތަ ތިން އަހަރެއްހާ މުއްދަތުގެ ތެރޭގައި، ޚާރިޖީ ދާއިރާއިން ވަރަށް ގިނަ ކުރިއެރުންތައް ނުވަތަ ކާމިޔާބީތައް ލިބިފައިވާކަން ސަރުކާރުން އެބަ ފާހަގަކުރައްވާ. ހަމަމިއާއެކީގައި، ރައީސުލްޖުމްހޫރިއްޔާވެސް، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް، ވަރަށް ގިނަ ޑިޕްލޮމެޓުންނާއި އަދި ޤައުމުތަކުގެ އިސް ލީޑަރުންނާވެސް ބައްދަލުކުރައްވައިފި. މި ފާއިތުވެގެންދިޔަ މުއްދަތުގެ ތެރޭގައި، މި ދާއިރާއިން އެންމެ ބޮޑަށް، ރާއްޖޭގެ ޚާރިޖިއްޔާގެ ދާއިރާއިން އިސްކަންދެއްވި ކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އައިއިރު، އަޅުގަނޑުމެން ވަނީ ބައިނަލްއަޤްވާމީ ބައެއް ޖަމުޢިއްޔާތަކާ ގުޅުންތައްވެސް ކަނޑާލައިފައި. އެނގިވަޑައިގަންނަވާނެ، ކޮމަންވެލްތާއެކީ އޮތް ގުޅުންވެސް ވަނީ ހަމަ ކަނޑާލައިފައި. އަދި ހަމައެއާއެކު، ޢަރަބި ޤައުމުތަކާވެސް އެބަހުރި އަޅުގަނޑުމެން ގުޅުންތައް ކަނޑާލައިފައި. ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި މަސައްކަތަކީ، އެންމެ ފުރަތަމަވެސް ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކާ އެއްކޮށް ގުޅުން ބަދަހިކުރުން. އެގޮތަށް ދޫކޮށްލާފައި ހުރި ފަރާތްތަކާއެކު އަލުން ގުޅުން އިޢާދަކޮށް، އެ ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ފެށްޓެވުން. އަޅުގަނޑުމެން ބަލައިލާއިރު، ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިން ހިމެނޭގޮތަށް، ގާތްގަނޑަކަށް 140 ލީޑަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި. އެ މަސައްކަތްތަކަކީ އެއީ އަޅުގަނޑު ޤަބޫލުކުރާނީ، މިއަދު އަޅުގަނޑުމެންނަށް މި ކާމިޔާބު ލިބުމުގެ އެންމެ ބޮޑު އެއް ސިއްރު ކަމުގައި.

އަޅުގަނޑުމެން މި ސަރުކާރު އައިއިރު، ވަރަށް ގިނަ އަދަދެއްގެ ސިޓީތަކާއި އެއްޗިއްސަށް ޖަވާބުވެސް ނުދީ އެބަހުރި އިނގޭތޯ. ގާތްގަނޑަކަށް 60 އަށްވުރެ ގިނަ ސިޓީތަކަށް، މިގޮތަށް އެކިއެކި ޖަމުޢިއްޔާތަކުން އައިސްފައިހުރި. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެންމެންނަށްވެސް ފެނިގެން މިދަނީ، މުޅި ދިވެހިރައްޔިތުންނަށް ފެނިގެން މިދަނީ ދިވެހި ރައްޔިތުން، އެ ބޭނުންވި ގޮތަށް، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގެ ނަތީޖާއަކަށް މި ކަންތައްތައް ވެގެންދާކަން. ދޭދޭ ޤައުމުތަކާ ގުޅުން ކަނޑައިލުމުން، އަދި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާ ގުޅުން ކަނޑައިލުމުން، އަޅުގަނޑުމެންނަށް ހުރިހާވެސް ދެރައެއް އޮތީ. އަޅުގަނޑުމެންނަށް އެ ލިބޭ އެހީތެރިކަމާއި، އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުން އަބަދުވެސް ނެތިގެން މިދަނީ. އަޅުގަނޑުމެން މި ކޯވިޑުގެ ދުވަސްވަރަށް ހަމައެކަނި ބަލައިލިނަމަވެސް، ފެންނާނެ އެކި ޤައުމުތަކުގެ އެހީތެރިކަން، އެތައް ޤައުމެއްގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިގެންދިޔަކަން. އަދި ހަމަ އެއާއެކު، ވެކްސިންއަށް އަޅުގަނޑުމެން ބަލައިލިކަމުގައިވިޔަސް، ދުނިޔޭގެ ޤައުމުތަކުން އެހެން ޤައުމަކަށް އެންމެ ފުރަތަމަ ވެކްސިން ހަދިޔާކުރި ޤައުމެއް ކަމަށްވަންޏާވެސް، އެ ޤައުމަކަށް މިވަނީ ދިވެހިރާއްޖެ. އިންޑިއާއިން ކަމުގައިވިޔަސް، ޗައިނާވިޔަސް، ޖަޕާނުވިޔަސް، އެމެރިކާވިޔަސް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންނަށް މި އުފެއްދުނު، ޚާރިޖީ ވަރުގަދަ ގުޅުމުގެތެރެއިންނޭ، މި ކާމިޔާބުތައް އަޅުގަނޑުމެންނަށް ހޯދެމުން މިދަނީ.

ޕްރެޒެންޓަރ:

އާދެ، ފާހަގަކުރައްވައިފި، މަނިކުފާނު އެތައް ޑިޕްލޮމެޓުންނަކާ ބައްދަލުކުރެއްވިކަމުގެ ވާހަކައެއް. ހަމަ ފާހަގަކުރެއްވީމަ، އަޅުގަނޑު ހިތަށްއަރަނީ ކުރީގެ ޚާރިޖީ ސިޔާސަތުތަކާއި، މި ސަރުކާރުން މި ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ކޮބައިތޯއޭ އެންމެ ބޮޑު ތަފާތަކީ. ކުރީގައި ކޮމަންވެލްތުގެ ވާހަކަވެސް މަނިކުފާނު އިޝާރާތް ކުރައްވައިފި. ކޮބައިތޯ އެންމެ ބޮޑު ތަފާތަކީ، ކުރީގެ ޚާރިޖީ ސިޔާސަތާއި އަދި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެންނަށް އެބަ ފެނެއެއް ނޫންތޯ، ވަރަށް ބޮޑު ތަފާތެއް، އ.ދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށްޓަކައިވެސް، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ. ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އެ ހާމަކޮށްދެއްވީ. ރައީސުލްޖުމްހޫރިއްޔާ ވަރަށް ވަރުގަދަ މެސެޖުތަކެއް، ދުނިޔޭގެ އިސް ލީޑަރުންނާއި، މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކުގެ ލީޑަރުންނަށް، އެ ހާމަކޮށްދެއްވީ، ވަރަށް ކެރިވަޑައިގެން، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާވަރު ފެންވަރަކަށް. އަޅުގަނޑު މި ދެންނެވި ގޮތަށް މީގައި މުހިންމު ކަމަކަށް މިވަނީ، އެއްވެސް ބަޔަކާ އަޅުގަނޑުމެން މިއަދު ދުރުވެ ނުތިބުން. ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ދުނިޔޭގެ ހުރިހާ ޤައުމުތަކާ އެއްކޮށް ކުރިއަށްދާ ބައެއްގެ ގޮތުގައި.

ޕްރެޒެންޓަރ:

އާދެ، ހަމަހަމަ ސިޔާސަތެއް ޚާރިޖީ ދާއިރާއިން ގެންގުޅުއްވާނެ ކަމަށް ސަރުކާރުން، ރައީސް އެންމެ ފުރަތަމަ މަޤާމާ ޙަވާލުވެވަޑައިގެން ދެއްވި ސްޕީޗްގައިވެސް ހާމަކުރައްވާފައިވޭ. އެ ވިދާޅުވިގޮތަށް އެ މަގުން ހަމަހަމަ ސިޔާސަތުގެ ފައިދާ ކިހާވަރަކަށް ރާއްޖެއަށް ކުރަމުންދޭތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެންނަށް މި ލިބޭ އެހީތެރިކަމާއި، ދޭދޭ ޤައުމުތަކުގެ މެދުގައި އަޅުގަނޑުމެންނާއެކީ މި އޮންނަ ގުޅުމުގެ ޙަޤީޤަތަކީ، އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ މި ހުރިހާ ޤައުމުތަކާއެކީ، ޚާއްޞަގޮތެއްގައި މި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެތެރޭގައި އަޅުގަނޑުމެންގެ މި ސަރުކާރުން އިޢާދަކުރެވުނު ގުޅުންތަކުގެ ސަބަބުންނޭ. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފި. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އިތުރު ހަތް ޤައުމަކާއެކު، މި ޑިޕްލޮމެޓިކް ރިލޭޝަންސް ޤާއިމުކުރެވިއްޖެ. އެކިއެކި ޖަމުޢިއްޔާތަކާ ބައްދަލުކުރެވިއްޖެ. ރާއްޖެއަށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އެތައް ބަޔަކު ޒިޔާރަތް ކުރައްވައިފި. އެކިއެކި ބައްދަލުވުންތައް ބޭއްވި، މުޅި ދުނިޔޭގައި ހުރި ކަންބޮޑުވުންތަކުގެ މައްސަލަތަކުގައި މިއަދު ދިވެހިރާއްޖެ ބަސްކިޔާ ޤައުމެއްގެ ގޮތުގައި އެކި ކަންކަމުގައި އެބަ ބައިވެރިވެވޭ. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް.

ޕްރެޒެންޓަރ:

އާދެ، ކުޑަ ޤައުމެއްގެ ހައިސިއްޔަތުން، މިއަދު ބައިނަލްއަޤްވާމީ މަސްރަޙުގައި، މަނިކުފާނު ތިޔަ އިޝާރާތް ކުރެއްވިގޮތަށް ބަސްކިޔުމުގެ ފުރުޞަތު ލިބިގެން ދިއުމާއެކުގައި، ކިހިނެއްބާއޭ ކުރިޔަށް އޮތްތަނުގައި، މި ޤައުމު ބައިނަލްއަޤްވާމީ މައިދާނުގައި ދެން ސިފަވެގެންދާނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ވަރަށް ސާފު. މި ދުނިޔޭގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު އާންމު އެސެމްބްލީގެ ގޮތުގައި އޮތް ޖަލްސާގެ އެ ރިޔާސަތުގައި، ދިވެހިރާއްޖޭގެ ބޭފުޅަކު އިންނެވުމުން، އެބަ ރަމްޒުކޮށްދޭ އަޅުގަނޑުމެންނަކީ، ކިހާވަރެއްގެ ބައެއްކަން މުޅި ދުނިޔެއަށް. ދިވެހިރާއްޖެއަށް އެންމެ މުހިންމު ކަމަކަށް އޮންނަނީ، އެ ޤައުމެއްގެ މައްޗަށް އެހެން ޤައުމުތަކުން ކުރާ އިތުބާރު. އަޅުގަނޑުމެންނަށް މިއަދު މިއިން ދޭހަވެގެން މިދަނީ މުޅި ޤައުމަށް ދުނިޔޭގެ އެހެން ޤައުމުތަކުން އެ ކުރާ އިތުބާރު. އޭގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް، މުޅި ޤައުމަށް، އެތައް ގުނައަކަށް ފައިދާކުރާނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޤައުމަކީ ކުޑަ ޤައުމެއް. އަޅުގަނޑުމެންނަށް އަދިވެސް އެހެން ޤައުމުތަކާއެކީ މަސައްކަތްކޮށް، އަދިވެސް، އެހެން ޤައުމުތަކުގެ އެހީތެރިކަން އެކިއެކި ދާއިރާތަކުން އިންތިހާއަށް އަޅުގަނޑުމެންނަށް ބޭނުންވޭ.

އެހެންވީމާ، ކޮންމެ ކަމަކަށް ވިސްނާލިނަމަވެސް، އެއީ މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމުގައިވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ބޭރު ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ އެހީތެރިކަމާނުލައި އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުވާނެ. އަޅުގަނޑުމެންގެ މީހުން، އިންސާނީ ވަސީލަތުގެ ދާއިރާގައި ކަމުގައިވިޔަސް، މީހުން ބިނާކުރުމުގެ ދާއިރާގައި ކަމުގައިވިޔަސް، މޫސުމަށް އަންނަ ބަދަލުތަކުން އަޅުގަނޑުމެންގެ ޤައުމަށް ލިބެން އޮތް ގެއްލުމާއި، މުޅި ދުނިޔެއަށް ލިބެން އޮތް ގެއްލުމަކީ އެއީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްގެން އޭގެ ނަތީޖާ ހާސިލުކުރަންޖެހޭ ކަމެއް. އެހެންވީމާ، އަޅުގަނޑަށް ޤަބޫލުކުރެވެނީ އަޅުގަނޑުމެންނަށް މިއަދު ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތްގޮތުން މިހާރު ރައީސުލްޖުމްހޫރިއްޔާ އެ ކުރައްވާ މަސައްކަތުގެ ތެރެއިން އޭގެ އިންތިހާ ދަރަޖައަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޤައުމަށް އެތައް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑުމެން ޚާރިޖީ ސިޔާސަތަށް ބަލައިލާއިރުގައި، ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއެކު، އޮންނަ ގުޅުމަކީ ވަރަށް ގާތް، ވަރަށް ބަދަހި ގުޅުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ސިފަވެގެންދަނީ. އެހެންނަމަވެސް، ބައެއް ފާޑުކިޔުންތަކާއި ނުވަތަ އެހެނިހެން ގޮތްގޮތަށް ބަލައިލާއިރުގައި، އެއް ޤައުމަކާ އެކީގައި އޮތް ގުޅުމުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ނުވަތަ ޤައުމަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރޭ. މިހެން މި ދެންނެވީ ފާޑުކިޔާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މިވަނީވެސް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލުގެ ވާހަކަ. އެއް ޤައުމަކާ އެކީގައި ރާއްޖޭގެ ގުޅުން މާބޮޑަށް ބަދަހިވެގެން ދާދިއުމަކީ، އެއްވެސްވަރަކަށް ރާއްޖެއަށް އެކަމުގެ ސަބަބުން އަސަރެއް ކުރާނެ ކަމެއްތޯ. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެންނަށް މިއަދު މަސައްކަތް މި ކުރެވެނީ ދުނިޔޭގެ އެކިއެކި ޤައުމުތަކާއެކު އިނގޭތޯ. ކުރީގައި ޔޫރަޕިއަން ޔޫނިއަންއާވެސް އަޅުގަނޑުމެން އޮތީ ވަރަށް ދުރުގައި. ކޮމަންވެލްތުން މުޅިން އަޅުގަނޑުމެން އޮތީ ނުކުމެފައި. މިއަދު އަޅުގަނޑުމެންނަށް މަސައްކަތް މި ކުރެވެނީ އިންޑިއާ، އެމެރިކާ، ޗައިނާ، އޮސްޓްރޭލިއާ، ސިންގަޕޯރ، އިނގިރޭސިވިލާތް، ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތަކާއެކު. އަޅުގަނޑުމެންނާ ދުރު އެއްވެސް ޤައުމެއް މިއަދަކު ނެތް. ދިވެހިރާއްޖެ މަސައްކަތް މި ކުރަނީ ހުރިހާ ޤައުމުތަކާއެކު. އެހެންވީމާ، އޭގައި އަދި ވަކިބަޔަކު ވަކިގޮތަކަށް ވާހަކަދެއްކި ނަމަވެސް، ކަމުގެ ޙަޤީޤަތް ވަރަށް ސާފު. އެހެންވީމާ، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ. ކުރާ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ.

ޕްރެޒެންޓަރ:

އާދެ، މަނިކުފާނު ތަންކޮޅެއް ކުރިންވެސް އިޝާރާތް ކުރައްވައިފި، ޚާރިޖީ ސިޔާސަތުގެ ތެރެއިން ވަރަށް ގިނަ އެހީތައް ރާއްޖެއަށް ލިބިގެންދިޔަކަން. ޚާއްޞަގޮތެއްގައި، ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރެއިން ލިބިގެންދިޔަ އެހީގެ ބޮޑުމިންވެސް މަނިކުފާނު ހަމަ ހާމަކުރައްވައިފި. ކޮބައިތޯ މި ޚާރިޖީ ސިޔާސަތު، ޤައުމުތަކާ އެކީގައި ސަރުކާރުން ގެންގުޅުއްވާ ގޮތުގެ ސަބަބުން ނުވަތަ ކާމިޔާބުގެ ސަބަބުން، ރާއްޖެއަށް ލިބިގެންދާ އެންމެ ބޮޑެތި ފައިދާތަކަކީ ކޮބައިތޯ؟ ކޮންކޮން ދާއިރާތަކަކުންތޯ ރާއްޖެއަށް މިހާތަނަށް މައިގަނޑު ގޮތެއްގައި އެހީތައް ލިބިފައި މިހުރީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ވަރަށް ގިނަ ޤައުމުތަކުން ރާއްޖެއަށް ޚާއްޞަކޮށް، ކޯވިޑް-19 ގެ އެކިއެކި އެހީތެރިކަން، ވަރަށް ބޮޑެތި އަދަދުތަކުގެ ގިނަ އެހީތަކެއް ރާއްޖެއަށް ވަނީ ހަމަ ރާއްޖެއާއެކީ މަސައްކަތްކުރާ ބޮޑެތި ހުރިހާ ޤައުމެއްގެ ފަރާތުން ލިބިފައި. އަޅުގަނޑަށް ހީވަނީ އެ މަޢުލޫމާތުތަކަކީ ހަމަ ދިވެހިރައްޔިތުންނަށް ހާމަވަމުންދާ މަޢުލޫމާތުތައްހެން. އަޅުގަނޑުމެން ވިސްނާލަންޖެހޭ، އަޅުގަނޑުމެންގެ މި ގުޅުމުގެ ވާހަކަދައްކާއިރު، އަޅުގަނޑު ފަށަމުންވެސް ދެންނެވިން، ޓޫރިޒަމްގެ މައްޗަށް އަޅުގަނޑުމެންގެ ޤައުމު ވަރަށް ބޮޑަށް ބަރޯސާވެފައި މިއޮތީ. މިއަދުވެސް އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށްޓަކައި، އެކިއެކި ދާއިރާތަކުން އަޅުގަނޑުމެން އިންސާނީ ވަސީލަތް ޤާއިމުކުރުމަށްޓަކައި، މީހުން ބިނާކުރުމަށްޓަކައި ގިނަގުނަ ފުރުޞަތުތަކެއް ވަނީ ލިބިފައި. އެ ފުރުޞަތުތައް އަޅުގަނޑުމެންނަށް އަދިވެސް ބޭނުންވޭ. އެއީ އަދި ކުރިއަށް އޮތް ފަސްއަހަރުގެތެރޭގައިވެސް ނިމުމަކަށް އަންނާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް އޮސްޓްރޭލިއާއިން ލިބޭ ފުރުޞަތުތައް، އަޅުގަނޑުމެންނަށް އިނގިރޭސިވިލާތުން ލިބޭ ފުރުޞަތުތައް، އިންޑިއާއިން ލިބޭ ފުރުޞަތުތައް، ކެނެޑާއިން ލިބޭ ފުރުޞަތުތައް، އެކިއެކި ޤައުމުތަކުން ލިބޭ ފުރުޞަތުތައް، މި ކަންތައްތަކަކީ އަޅުގަނޑުމެންނަށް ދޫކޮށްލާފައި ދެވެން އޮތް ކަންތައްތަކެއް ނޫން.

އެހެންވީމާ، މިއަދު މި ކުރެވޭ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ތަފާތު އެކި އެހީތެރިކަން ލިބޭ. އަދި މޫސުމަށް އަންނަ ބަދަލުތަކާއެކު، އަޅުގަނޑުމެން މިއަދު މުޅިން ބަދަލުވާން އެބަޖެހޭ. އަޅުގަނޑުމެން މި ޖެހެނީ މުޅިން ޓްރާންސްފޯމްވާން. މުޅި ދުނިޔޭގެ ހުރިހާ ލީޑަރުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިހާރު އާންމު ޖަލްސާތަކުގެ ވާހަކަތަކުގައިވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމެއްގެ ގޮތުގައި ކޯވިޑް-19 އިން އަރައިގަތުމުގެ މަސައްކަތުގެ ވާހަކަ. އެއާއެކީ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ މި ދެކެވެމުންދަނީ. ވަކި މުއްދަތެއްގެ ތެރޭގައި ކާބަން މަދުކުރުމުގެ ވާހަކަ. ދޭދޭ ޤައުމުތަކުން އެ އެހީތެރިކަން އިންތިހާ ދަރަޖައަށް އަޅުގަނޑުމެންނަށް ބޮޑުވެގެންދާނެ. އަޅުގަނޑުމެން މި ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް އެ ކަންތައްތައް ހާސިލުކުރެވިގެންދާނެ.

ޕްރެޒެންޓަރ:

އާދެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އަލިއަޅުއްވައިލެއްވި ވާހަކަފުޅުގެތެރެއިން، ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ، ދިވެއްސަކަށް އަދި ދިވެހިރާއްޖެއަށް ނޯވެވުނު ދުނިޔެއެއްގައި އެހެން ޤައުމަކަށްވެސް ނޯވެވޭނެ ކަމަށް. އަދި މިނޫނަސް، ހަމަ ތިމާވެށީގެ ދާއިރާއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެ މަނިކުފާނު ވަރަށް މުހިންމު މެސެޖެއް ދުނިޔެއަށް ދެއްވައިފި. މި މެސެޖް މިއީ ކިހާ މުހިންމު ކަމަކަށްވާނެތޯއޭ، ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ރާއްޖެއިން ތިމާވެށީގެ ދާއިރާއަށް މި ކުރަމުން އަންނަ މަސައްކަތްތަކަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ހަމަ އެންމެ ފުރަތަމަވެސް ދަންނަވާލާނީ، ނޭޗަރ އެއީ ނެގޯޝިއޭޓް ކުރެވޭނެ އެއްޗެއް ނޫން. ނޭޗަރ، މި އެކްޝަން ނަގަންޖެހެނީ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ ފާހަގަކުރެއްވީ، ދުނިޔޭގެ ހުރިހާ ލީޑަރުން، ހުރިހާ ޤައުމުތަކުން މަސައްކަތްތައް ކުރަންޖެހޭ ވަގުތު އައިސްފައޭ މިއޮތީ. މިހާރު އެ ކަނޑައަޅާފައި ހުރި މިންގަނޑުތަކާ ހަމައަށް ވާސިލުވުމަށްޓަކައި އެކްޝަންތައް މިހާރު އަންނަން ޖެހެނީ. އަޅުގަނޑުމެންގެ ޤައުމަށް، ދުނިޔެ ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުސްވުމާ، މި ކަންތައްތަކުން ލިބެން ހުރި ގެއްލުންތައް ލިބޭއިރު، ދުނިޔޭގެ އެހެން ޤައުމުތަކަށް އަޅުގަނޑުމެން ސަލާމަތްނުވާ ވަގުތު، އެހެން މީހުންނަށްވެސް އެކަމުން ސަލާމަތް ނުވެވޭނެ، އެ މެސެޖް ރައީސުލްޖުމްހޫރިއްޔާ ދެއްވީ. އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވީ ތިންވަނައަށް. އެއަށްފަހު، ދުނިޔޭގެ ލީޑަރުން ތަޤްރީރު ކުރެއްވިއިރު، އެންމެ ބޮޑަށް މި އަމާޒުކުރެއްވީ، އެންމެ ބޮޑު ޕްރޮމިސްއެއްގެ ގޮތުގައި، އެންމެ ބޮޑު ކޮމިޓްމެންޓެއްގެ ގޮތުގައި އޮތީ، އެ ކަނޑައަޅާފައި އޮތް ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކާބަން އެމިޝަން ދަށްކުރުމަށާއި، ނެޓް ޒީރޯއަށް ދިޔުމަށްޓަކައި އެ ވަޢުދުވީ.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ، ރާއްޖެފަދަ ޤައުމަކުން މި ވާހަކަ އެހާ ބާރަށް، އެ ޝާޕް މެސެޖް ރައީސުލްޖުމްހޫރިއްޔާ އެ ދެއްވި ދެއްވުމަކީ ވަރަށް މުހިންމު ކަމެއް. އެ އަޑު އަޅުގަނޑު ޤަބޫލުކުރަނީ މުޅި ދުނިޔޭގެ ހުރިހާ ލީޑަރުންނަށް ވަރަށް ރަނގަޅަށް އިވިއްޖެކަމަށް. ދެން އަޅުގަނޑުމެންގެ އުންމީދަކީ މިކަމުގެ އެކްޝަން އައުން. ވާހަކަދައްކަދައްކައި ތިބުން އެއީ، ވަރަށް ކޯސްޓްލީ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ސަލާމަތާއި އަދި ދުނިޔޭގެ އެހެން ހުރިހާ އެންމެންގެ ސަލާމަތަށްޓަކައި އަޅުގަނޑަށް ހީވަނީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މޫސުމީ މައްސަލަތައް.

ޕްރެޒެންޓަރ:

އަޅުގަނޑު ތިޔަބޭފުޅުންނާ ހިއްސާކޮށްލަމުން މިދަނީ ޚާރިޖީ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކާ ގުޅޭގޮތުން. ޚާއްޞަގޮތެއްގައި ސަރުކާރުގެ މި ފާއިތުވެގެންދާ ތިން އަހަރެއްހާ ދުވަހުގެ ތެރެއިން ޚާރިޖީ ދާއިރާއިން ހޯދިފައިވާ މުހިންމު ކާމިޔާބީތަކުގެ މަޢުލޫމާތު، އަޅުގަނޑު ތިޔަބޭފުޅުންނާ ހިއްސާކޮށްލަމުން މިދަނީ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ސިފަކުރެވެނީ، އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބިގެންދިޔަ ދިޔުން. މިގޮތުން އާންމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންނެވިއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދިވެހިބަހުން އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާފައި. މިއީވެސް އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ފަޚުރުވެރިވާނޭ ފަދަ ކަމެއް.

އާދެ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރުގެ ތެރެއިން ތިމާވެށްޓާ ގުޅުންހުރި، ވަރަށް މުހިންމު މެސެޖެއް ދުނިޔެއަށް ދެއްވީ. އަޅުގަނޑުމެންގެ ރާއްޖެއަކީވެސް، ހަމަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަބަދުވެސް ހަމަ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޑުއުފުލާ ޤައުމެއް. އަދި އެކަމާ ގުޅޭ ވަރަށް މުހިންމު މަސައްކަތެއްވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެމުންދޭ. ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައިވެސް، ރާއްޖޭގެ ތިމާވެށީގެ ދާއިރާއިން ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ އަމާޒު ނުވަތަ އެކަމަށް ވާސިލުވުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ ހިއްސާކުރެއްވި. ރައީސުލްޖުމްހޫރިއްޔާ އެ ދެއްވި މެސެޖުގައި، އެ އަމާޒުކުރައްވާފައިވާ އަމާޒަށް ރާއްޖެއިން ދިއުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކިހާވަރަކަށް ކާމިޔާބުތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު މީގައި ހަމަ އެންމެ ފުރަތަމަވެސް ފާހަގަކުރާނީ، ތިމާވެށި ޙިމާޔަތް ކުރުމާއި، ތިމާވެށީގެ ވާހަކަތަކަކީ އެއީ، ދިވެހިރާއްޖޭގައި ވޭތުވެދިޔަ އެތައް އަހަރު ދުވަހެއްގެ ތެރޭގައިވެސް ވަރަށް ބޮޑަށް ދެކެވުނު ވާހަކަތަކެއް. ހަމައެއާއެކު މަސައްކަތްތަކެއް ކުރެވެމުންވެސްދޭ. މިއަދު ތިމާވެށީގެ ވާހަކަ މުޅި ދުނިޔޭގައިވެސް މިހާބޮޑަށް ދެކެވޭއިރު، ޙަޤީޤަތަކީ ދިވެހިރާއްޖެއަށް އަޅުގަނޑުމެންނަށް ލިބިފައި އޮތް މި މުއްސަނދިކަން، ޤުދުރަތީ ރީތިކަމާއި، މި ހުރިހާ ކަމެއް ގުޅިފައި މިވަނީ އަޅުގަނޑުމެންގެ ރީތި ގޮނޑުދޮށްތަކާއި ފަރުތަކާ، މި ހުރިހާ ކަމަކާ. މި ނޭދެވޭ އަސަރުތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވިގޮތަށް، އޭގެ އެންމެ ބޮޑު އެއް ގެއްލުމެއްވާނެ، އެއް ޤައުމުގެ ގޮތުގައި ހަމަ ދިވެހިރާއްޖެވެސް މި ހިމެނިގެން މިވަނީ. އަޅުގަނޑު މީގައި ޤަބޫލުކުރަނީ، މިހާރު ދުނިޔޭގައި މި ކުރެވޭ މަސައްކަތްތަކުން، ދެންމެ ދެންނެވި ގޮތަށް، އެ ކަންތައްތައް އެގޮތަށް ކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އިޤްތިޞާދަށް އަދި އަޅުގަނޑުމެންނަށް މި ލިބެމުންދާ ކަންތައްތަކުގެ ސަބަބުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ބަޔަކަށްވާނީ ދިވެހިރައްޔިތުންކަން.

އެހެންނަމަވެސް، މި މަސައްކަތަކީ އަޅުގަނޑު ކުރީގައިވެސް މި ދެންނެވި، އޭގައި އެކްޝަން އެބަ ބޭނުންވޭ. އަޅުގަނޑުމެން މިއަދު ވިސްނަން އެބަޖެހޭ، ކުޑަ ޤައުމެއްވިޔަސް، އަދި މީސްކޮޅު މަދުވިޔަސް، އަޅުގަނޑުމެން އެކަމުގައި ކުރާ ކަންތައްތަކަކީވެސް މުހިންމު ކަމެއްކަން، ދިވެހި ހުރިހާ ރައްޔިތުން އެގޮތަށް އަޅުގަނޑުމެންގެ ހުރިހާ އުޅުންވެސް ބައްޓަންކުރަން އެބަޖެހޭ. ގޮނޑުދޮށްތަކާއި، ފަރުތަކާއި އަދި އާންމު ދިރިއުޅުމުގައިވެސް އަޅުގަނޑުމެން ހިފާފައި ހުރި ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށްޓަކައި، މިހާރު ސަރުކާރުން އެކުލަވައިލައިފައިވާ މިންގަނޑުތަކާ ހަމައަށް ދިއުމަށްޓަކައި އެކުލަވައިލެވިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އެ އުސޫލުތަކާ އަރައިހަމަކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުންވަނީ، ދުނިޔޭގައި މިގޮތަށް މަސައްކަތްތައް ކުރެވެމުންދާއިރު އަޅުގަނޑުމެންގެ ހިއްސާ، އަޅުގަނޑުމެން، ރައްޔިތުން އެންމެން އެކުގައި އަދާކުރުމަކީ އެއީ، އަޅުގަނޑުމެން އަޅުގަނޑުމެންނަށްޓަކައި އަދި މުޅި ދުނިޔެއަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކޭ. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ މިހާރު ކޮށްފައި ހުރި ކަންތައްތަކުން، އެ ޤާނޫނުތަކާ އެއްގޮތަށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އެ މަސައްކަތަށް ވާސިލުވެވޭނެ ކަމަށް މިކުރާ މަސައްކަތުން.

ޕްރެޒެންޓަރ:

އާދެ، ރައީސުލްޖުމްހޫރިއްޔާ، އާންމު މަޖިލީހުގައި ދެއްވި ތަޤްރީރުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލައްވައިފައިވަނީ ހަތަރު ދާއިރާއަކަށް. އެއީ ކޯވިޑް-19 އާއި، ތިމާވެށްޓާއި މީގެ އިތުރުން، ހަރުކަށި ފިކުރު ނުވަތަ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް. ހަމަ އެހެންމެ ފަލަސްޠީނާއި އަފްޣާނިސްތާނުގެ މައްސަލައަށްވެސް އެ މަނިކުފާނުގެ މި ތަޤްރީރުގައި އަލިއަޅުއްވައިލައްވައިފައިވޭ. އެހެންކަމުން، ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ނުވަތަ ފަލަސްޠީނާއެކު ރާއްޖެއިން އޮންނަ އޮތުމާ ގުޅޭގޮތުން އެމަނިކުފާނު ދެއްވި މެސެޖް މިހާ ހިސާބުން ހިއްސާކޮށްލާނަން.

އާދެ، ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ރާއްޖެއިން ވަރަށް ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނާއެކީގައި ތިބިކަން ހާމަކުރެއްވި. ހަމައެހެންމެ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށް އޮތް ހުރަހަކީ ކޮބައިތޯވެސް އެ މަނިކުފާނު ސުވާލު އަމާޒު ކުރެއްވި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް. ޚާއްޞަގޮތެއްގައި، ކުޑަ ޤައުމެއްގެ ހައިސިއްޔަތުން މި ވާހަކަ ދެއްކުމުގެ ސަބަބުތަކެއް މިއަދު ރާއްޖެއަށް ލިބިފައިވާކަން އެ މަނިކުފާނު ހާމަކުރެއްވި. ފަލަސްޠީނާ އެކީގައި ނުވަތަ ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖެއިން މި ވަކާލާތުކުރާ ކުރުމުގެ ތެރެއިން މިއަދު ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި އ.ދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މި ތަޤްރީރުގެ ސަބަބުން ކޮބައިތޯއޭ މިކަމުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާ ހައިސިއްޔަތަކީ، މި ވާހަކަ ދެއްކުމުގައި އަދި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ކިހާވަރެއްގެ މެސެޖެއްތޯ ރާއްޖެފަދަ ކުޑަ ޤައުމަކުން ދެވިގެން މިދަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، މީގައި އަޅުގަނޑު ހަމަ އެންމެ ފުރަތަމަވެސް ފާހަގަކޮށްލާނަން. ދިވެހިރާއްޖެ އަބަދުވެސް ވަކާލާތުކުރަނީ، ދިވެހިރައްޔިތުންވެސް އަބަދުވެސް ޤަބޫލުކުރަނީ ހަމަހަމަކަން، ކޮންމެ ޤައުމަކަށްވިޔަސް މިނިވަންކަން އޮންނަން ޖެހޭނޭ. މިއަދު ރާއްޖޭގެ މި ސިޔާސަތުގެ ދަށުން، މި ޑިމޮކްރެޓިކް ޕްރިންސިޕަލްތަކަށް ތަބާވެ، އެއާ އެއްގޮތަށް އަޅުގަނޑުމެން އެ މަސައްކަތްތައް ކުރުމުން، މުޅި ދުނިޔެއަށް ފެނިގެން އެބަދޭ، އަޅުގަނޑުމެންނަކީ ކުޑަ ޤައުމަކަށްވިޔަސް، އަޅުގަނޑުމެން މި ދެންނެވި ކަންތައްތަކަށް ބޭނުންވާ މިންވަރު. އަޅުގަނޑުމެންނަކީ އަބަދުވެސް ޞުލްޙަޔަށް ލޯބިކުރާ ބައެއް. ދުނިޔޭގެ ކޮންމެ ޤައުމެއްގައި، ކޮންމެ ބަޔަކަށް ދެރަ ނިކަމެތި ގޮތެއް ދިމާވިޔަސް، ދިވެހިން އަބަދުވެސް އެބަޔަކާއެކީ ތިބޭ. އެއީ، ވޭތުވެދިޔަ އެތައް އަހަރުދުވަހެއްގެ ތެރޭގައިވެސް އެކަންތައްތައް އޮތްގޮތް.

ރައީސުލްޖުމްހޫރިއްޔާ އެ ހާމަކުރެއްވީ ފަލަސްޠީނު ރައްޔިތުންނަށް މިނިވަންކަން، އެމީހުންނަށް ހަމަޖެހުން، އުފާވެރިކަން އޮތުމުން، އެހެން ބަޔަކަށް ލިބޭ ގެއްލުމަކީ ކޮބައިތޯއޭ؟ އަޅުގަނޑުމެން، ދުނިޔޭގެ ހުރިހާ ލީޑަރުންނަށްވެސް އަދި އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ، އެއް ޤައުމެއްގެ ކާމިޔާބީއަކީ އަނެއް ޤައުމެއްގެ ނާކާމިޔާބީއެއް ނޫން. އަޅުގަނޑުމެންނަށް މިއަދު މުޅި ދުނިޔޭގައިވެސް ހުރިހާ ޤައުމުތަކުގައި އަބަދުވެސް އެންމެންނަށް ހަމަހަމަކަން، އެ މިނިވަންކަން އޮންނަންޖެހޭ. އަދި ޚާއްޞަކޮށް، އިންސާނީ ދަރިފަސްކޮޅަށް، އެއީ އޮންނަންޖެހޭނެ އެއްޗެއް.

އެހެންވީމާ، ފަލަސްޠީނުގެ ރައްޔިތުންނަށް އެތައް އަހަރުތަކެއް ވަންދެން، ގެއްލިގެން އެދިޔަ މިނިވަންކަމާއި، އެ ތަޙައްމަލުކުރަމުންދާ އެ އަނިޔާ، އެ ހުއްޓުމަކަށް އަންނަން އެބަޖެހޭކަން. އެކަމަކީވެސް ހަމައެކަނި ދައްކާ ވާހަކަތަކަކުން ޙައްލުކުރެވޭ ކަމެއް ނޫންކަން. ދުނިޔޭގެ ޤައުމުތަކުން އެކަމަށް ތަބާވެ، އެކަމަށް އެކްޝަން ނަގަންޖެހިއްޖެކަން، އެކަމުގެ ވަގުތު އައިސްޖެހިއްޖެކަން. ދިވެހި ދައުލަތް، ދިވެހި ޤައުމު ކިތަންމެ ކުޑަ ނަމަވެސް، ދިވެހި ޤައުމު އަބަދުވެސް އޮންނާނީ، ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ، އެ މިނިވަންކަން ގެއްލިގެންދާ ކޮންމެ ބަޔަކަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި އެންމެ ކުރީސަފުގައި އެކަމަށް ގޮވާލާ ޤައުމެއްގެ ގޮތުގައޭ.

ޕްރެޒެންޓަރ:

އާދެ، ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުން އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ އަނެއް ކަމަކީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތް. އެ އޮއިވަރުގައި މުޅި ދުނިޔެ ޖެހިފައި އޮތްއިރު، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް އޭގެ ނުރައްކާ މިއަދު އޮތް ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވި. ރާއްޖެއަށް މިކަމުގައި ކިހާވަރެއްގެ ނުރައްކަލެއް އެބައޮތްތޯ. ޚާއްޞަގޮތެއްގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން، މި ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކުގައި ކިހާވަރެއްގެ ކުރިއެރުމެއް ކާމިޔާބީއެއް ލިބެމުންދޭތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެންނަށް ބަލައިލީމާ އެބަ އެނގޭ، މި ބާވަތުގެ ކަންތައްތައް ހިނގާ ޤައުމުތަކަށް ލިބިފައި އޮތީ ކޮން ކުރިއެރުމެއްތޯ؟ ޞުލްޙަޔަށް ލޯބިކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އަބަދުވެސް ތިބެން އެބަޖެހޭ. އަޅުގަނޑުމެންގެ އިސްލާމްދީނުންވެސް، އެންމެ ބާރުއަޅާ ކަމެއްގެ ގޮތުގައި މި އޮންނަނީ ޞުލްޙަވެރިކަން، އެކަކުއަނެކަކަށް އިޙްތިރާމުކުރުން. އެއްބަޔަކު އަނެއް ބަޔަކާއެކީ ހެޔޮކަންތައްތައް ކުރުމުގައި މަޝްޣޫލުވެގެން އެގޮތަށް ކަންތައްތައް ކުރުން. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ތަފާތު އެކަހަލަ ފިކުރުތަކުގެ ސަބަބުން އަދި ހަރުކަށި ފިކުރުގެ ސަބަބުން ނުވަތަ އެ ޓެރަރިޒަމުގެ ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންނަށް ހާސިލުވަނީ ކޮންކަމެއްތޯ. އަޅުގަނޑުމެންނަށް ލިބެނީ ކޮން ހިތްހަމަޖެހުމެއްތޯ. ހަމަ ހަލާކުގެ ތެރެއަށް އެކަން ކުރާ ބަޔަކު ދިއުން ނޫން އެހެން އެއްވެސް ކަމެއް، ހަލަބޮލިކަން ނޫނީ ގެއްލުންތަކެއް ލިބުންނޫން އެހެން އެއްވެސް ކަމެއް، އަޅުގަނޑުމެންނަށް، ބަލައިލާ އެއްވެސް ދިމާއަކުން ފެންނާކަށްނެތް.

އެހެންވީމާ، ކުރިއަރައިގެން އަންނައިރު، އަޅުގަނޑުމެންގެ މިފަދަ ޤައުމެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތައް މިހިރީ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން މިއަދު ދަސްކޮށްދޭންވީ، އެންމެންނާއެކީ އަޅުގަނޑުމެން އުޅެން އެބަޖެހޭކަން. އަޅުގަނޑުމެންނަކަށް، މިއަދު ވަކިވެގަނެގެން، ހަމައެކަނި އަޅުގަނޑުމެންގެ ޤައުމުގެ ވަކި ހިސާބެއްގައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. އަޅުގަނޑުމެން މިއަދު އެމެރިކާއާއެކީވެސް މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެން އިނގިރޭސިވިލާތާއެކީ މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެން އިންޑިއާއާއެކީ މަސައްކަތް ކުރަންޖެހޭނެ. ޗައިނާއާއެކީ މަސައްކަތް ކުރަންޖެހޭނެ. އެހެންވީމާ، އެންމެންގެ ކަންތައްތަކަށް އިޙްތިރާމުކުރާ ބައެއްގެ ގޮތުގައި، އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. ހުރިހާ ޤައުމަކާއެކީ މަސައްކަތް ކުރެވޭކަހަލަ ބަޔަކަށް، ޞުލްޙަޔަށް ލޯބިކުރާ ބައެއްގެ ގޮތުގައި އަބަދު ތިބެން އަޅުގަނޑުމެން ދިވެހިން އެދެނީ. އެއީ އަޅުގަނޑުމެން އަބަދުވެސް ބާރުއަޅަންޖެހޭނެ ގޮތަކީ.

ޕްރެޒެންޓަރ:

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައި އޮތް މަސައްކަތެއްގެ ގޮތުގައި ސަރުކާރުންވެސް އަދި ރައީސްގެ ވާހަކަފުޅުންވެސް ހާމަކުރެއްވި. ޚާއްޞަގޮތެއްގައި، ކޯވިޑުގެ ޙާލަތާއެކީ އިޤްތިޞާދު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިގެންދިޔަވަގުތުވެސް، ރާއްޖެ މިހާރު މިވަނީ ކޯވިޑުގެ ޙާލަތުން އަރައިގަތުމަށްޓަކައި ވަރަށް މުހިންމު މަސައްކަތެއްކޮށް، ކާމިޔާބު ހޯދާފައި. ޚާއްޞަގޮތެއްގައި ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީއާ އެކީގައި މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދު، އަލުން ފަށައިގަނެ އަދި އަޅުގަނޑުމެންނަށް މިއޮތީ ދުނިޔެއަށް މަރުޙަބާ ކިޔުމުގައި ފަތުރުވެރިކަންވެސް ހުޅުވާލެވިފައި. ބޯޑަރުތައްވެސް ބަންދުކުރަންޖެހުނީ ހަމަ އެނޫން ގޮތެއް ނެތިގެންކަމަށް، އެ މަނިކުފާނު ހާމަކުރެއްވި.

މީގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް އެ މަނިކުފާނު ވަރަށް މަރުޙަބާ ވިދާޅުވެ މެސެޖް ދެއްވި. މިހާރު ރާއްޖެ މިއޮތް ޙާލަތުން ޚާއްޞަގޮތެއްގައި ބައިނަލްއަޤްވާމީ މުޖުތަމަޢާ އެކީގައި ކުރެވެމުން އަންނަ މަސައްކަތްތަކުން ކޯވިޑް-19 އިން އަރައިގަތުމަށް މި ކުރެވޭ މަސައްކަތް ކިހާވަރަކަށް މިހާރު މިއޮތީ ކާމިޔާބު ވެފައިތޯ އަދި އެކަން ބައިނަލްއަޤްވާމީ މަސްރަޙުން ދުނިޔޭގެ އެކިޤައުމުތަކުން ކިހާވަރަކަށްތޯ މިކަން ބަލައިގަންނަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި، ދިވެހިރާއްޖެ މި އިޝްތިހާރު ކުރެވެމުން މިދަނީ، ސަނީ ސައިޑް އޮފް ލައިފް. އަޅުގަނޑުމެން މި އަހަރު މިހާ ހިސާބަށް ބަލައިފި ކަމަށްވަންޏާވެސް، އަޅުގަނޑުމެންގެ މި ޤައުމަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިވަނީ ޒިޔާރަތްކޮށްފައި. އެންމެ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި މިއޮތީ ވެކްސިނޭޝަން، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި. ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާނަމަ 85 ޕަސެންޓަށްވުރެ ބޮޑަށް ވެކްސިން ދެވިފައި މިވަނީ.

ދެން، މީގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހެނީ، ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި މިއައި ދަތި އުނދަގޫ ކަންތައްތަކުގެ ވާހަކަ ދެކެވެމުން ދަނީ، އެއިން ލިބުނު ގެއްލުމުގެ ވާހަކަ. އަޅުގަނޑުމެންގެ ޤައުމަށް ލިބުނު ގެއްލުން ކުޑައެއްނޫން. ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް އަޅުގަނޑުމެންގެ ޤައުމަށް، ވެގެން މިދިޔައީ. އެހެންނަމަވެސް، މީގައި ހަމަ އަޅުގަނޑުމެން މިއަދު ފަޚުރުވެރިކަމާއެކު، ފާހަގަކޮށްލަންޖެހޭ ކަމަކީ އެ އޮތް ދަތި ދަނޑިވަޅުގައިވެސް، މިކަމުން ސަލާމަތްވުމަށްޓަކައި، މިކަން މެނޭޖް ކުރަމުން، މަސައްކަތްތައް ކުރެވެމުންދިޔައިރުވެސް، ބޯޑަރު ހުޅުވައިލި. ބޯޑަރު ހުޅުވައިލާފައި، ފަތުރުވެރިންނަށް މަރުޙަބާކިޔައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ހިންގަމުން، ކޯވިޑް މެނޭޖް ކުރަމުން، ހަމައެއާއެކު ސްކޫލްތައް ހުޅުވައިގެން ކިޔަވައިދިނުން.

އެހެންވީމާ، މި އެކްޓިވިޓީ ކުރިއަށް ގެންދެވޭނެފަދަ ގޮތަކަށް ކަންތައްތައް މި ގެންދެވީ. އެއީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވި ކަމަކީ. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ މިއަދު މި ފެންނަނީ އަރައިގަނެވޭތަން. އަޅުގަނޑުމެންނަށް ކުރިއަށްދެވޭތަން މި ފެންނަނީ. އަޅުގަނޑުމެންގެ ވަށައިގެން ހުރި ޤައުމުތަކަށް ބަލައިފި ކަމަށްވަންޏާ، އަދިވެސް ދޮރުތައް ލެއްޕިފައި ހުރީ. ކޯވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރެވެމުން އެދަނީ، މުޅިންހެން ބަންދުކުރެވިގެން. އެހެންނަމަވެސް، މި ޤައުމު މިއޮތީ ހުޅުވައިލެވިފައި. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އަޅުގަނޑުމެން ފަރުވާތެރިވާން އެބަޖެހެއޭ. އަޅުގަނޑުމެން ޒިންމާދާރުކަމާއެކު، އަޅުގަނޑުމެންގެ މަސައްކަތްތައް ގެންދަން އެބަޖެހެއޭ. އަދިވެސް އަޅުގަނޑުމެންނަކަށް މުޅިން މިކަމަކުން އަރައެއްނުގަނެވޭ. އެކުގައި ކުރެވުނު މަސައްކަތެއްގެ ނަތީޖާ މިއަދުވެސް މި ފެންނަނީ. މާދަމާވެސް އަޅުގަނޑުމެންނަށް ފެންނާނީ، މުޅި ޤައުމު، ރައްޔިތުންނާއެކީ މކުރެވޭ މަސައްކަތެއްގެ ނަތީޖާއިން.

ޕްރެޒެންޓަރ:

އާދެ، މިފަދަ މައްސަލަތަކަށް އަލިއަޅުއްވައިލައްވައިފައިވާއިރުގައި، އަޅުގަނޑުމެންނަށް ހަމައެހެންމެ، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ އެއްކަމެއް މިއީ، މިންތީގެ ހަމަހަމަކަން. ޚާރިޖީ ދާއިރާއިންވެސް މިކަމަށް އެންމެ ބޮޑަށް އިސްކަންދެއްވާ އެއްކަންތައްކަން އަޅުގަނޑުމެންނަށް ހާމަވެގެންދިޔައީ، އާންމު މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމާއެކު، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވެސްވޭ، މިންތީގެ ހަމަހަމަކަން ނެތް މަޖިލީހެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާނެކަން. އާދެ، ސަރުކާރުންވެސް ވަރަށް ބޮޑަށް އިސްކަންދޭ އެއް ދާއިރާ މިއީ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުން. މި ދާއިރާއިން ވަރަށް މުހިންމު މަސައްކަތެއް ކުރަމުންދޭ. ކޮބައިތޯ ސަރުކާރުން މި ކުރަމުންދާ މަސައްކަތްތަކުގައި، އާދެ، ހޯދިފައިވާ ކާމިޔާބީތަކަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، މި ސަރުކާރުން ވާހަކަދައްކަނީއަކީ ނޫން ހަމައެކަނި. މި ސަރުކާރުން ކަންތައްތައް ކުރަނީ. ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ބަލައިލިޔަސް، އަޅުގަނޑުމެންނަށް އެބަ ފެނޭ. ޖެންޑަރ އީކުއަލިޓީ ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތައް. ހަމައެއާއެކު، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ، އަންހެން ބޭފުޅުންގެ ހިއްސާ އިތުރުވެގެންދާކަން. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްއަށް ބަލައިފިކަމަށްވަންޏާ، މިހާރު އެއްވަރެއް މިވަނީ. އަންހެން، ފިރިހެން އެއްވަރު. އަޅުގަނޑުމެން މީގައި ޤަބޫލުކުރަންޖެހޭނެ، މުޖުތަމަޢެއްގެ ތެރޭގައި، ޤައުމަކަށް، ކޮމިޔުނިޓީއަކަށް، ސޮސައިޓީއަކަށް ކުރިއެރުން މި އަންނަނީ ހުރިހާ އެންމެން އެކުއެކީ ކުރެވޭ މަސައްކަތްތަކުން. އޭގައި ޖެންޑަރ އީކުއަލިޓީ، އެ ބެލެންސް އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގެ ތެރެއަށް އަންނަން އެބަޖެހޭ. އަޅުގަނޑުމެން އިންސާނުން ދުނިޔޭގައި ލައްވާފައި މިވަނީ، އަންހެން، ފިރިހެން ހަމަހަމަކޮށް މިތިބީ އެ ނިސްބަތުން އަދަދަށް ބަލައިފި ކަމަށްވަންޏާވެސް ކޮންމެ ޤައުމަކަށް.

އެހެންވީމާ، ކުރިއަށް އޮތްތާނގައިވެސް އިތުރު ހަރުފަތްތަކަށް އަޅުގަނޑުމެންނަށް ދެވެން އޮތީ، މި ހަމަހަމަކަން ޤާއިމުކޮށްގެން. އަދި އަޅުގަނޑުމެން ސަރުކާރުގެ އޮފީސްތަކަށާއި، އެހެން ކަންތައްތަކަށް ބަލައިލިނަމަވެސް، ޚިދުމަތް ދިނުމުގައި އަދިވެސް ގިނައީ، މިހާރުވެސް ގިނައީވެސް، އަންހެން ބޭފުޅުން އިނގޭތޯ. އަޅުގަނޑުމެންނަށް މި ލިބޭ ޚިދުމަތްތަކާ، މި ކަންތައްތަކަށް ބަލާއިރު، އެއީ ހޮސްޕިޓަލެއް ކަމުގައިވިޔަސް، ސަރުކާރުގެ އޮފީހަކަށް ކަމުގައިވިޔަސް، ސްކޫލަކަށް ބެލި ކަމުގައިވިޔަސް، އަންހެން ބޭފުޅުންގެ ހިއްސާބޮޑީ. އެހެންވީމާ، ކުރިއަށް އޮތްތާނގައިވެސް އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ ސިޔާސަތަކަށް ވެގެންދާނީ، މުޅި ދުނިޔެއަށް އެ ނަމޫނާ ދެއްކުން. މުޅި ދުނިޔެއަށް އެ ނަމޫނާ ދިވެހިރާއްޖެއިން ފެނިގެންދާނެ. ޖެންޑަރ އީކުއަލިޓީ އެއީ މަސައްކަތުގެ މައިދާނުގައިވެސް އެ ގޮތަށް އޮންނަންޖެހޭނެ އެއްޗެއް.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑުމެންނަށް ޚާރިޖީ ދާއިރާއިން ލިބިގެން މި ދިޔައީ ހަމަ އަޅުގަނޑުމެން ތަކުރާރުކޮށްވެސް މި ފާހަގަކުރަނީ، ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި. ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުވެސް ދިވެހިބަހުން އާންމު މަޖިލީހުގައި ތަޤްރީރު ކުރެވިގެން މި ދިޔައީ. އަދި ރިޔާސަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިންނަވައިގެންވެސް، ދިވެހިބަހުން މުޚާޠަބު ކުރެއްވި ތަން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. ހަމަ މިއާއެކީގައި މިފަދަ މަތީ މަގާމެއް ރާއްޖެއަށް ލިބިގެން ދިއުމާއެކު، ދުނިޔޭގައި ހުރި މިފަދަ މައްސަލަތައް ޙައްލުކުރުމުގައި، ދުނިޔެއަށް ސުލްހަމަސަލަސްކަން ގެނައުމުގައި، ރާއްޖޭގެ ދައުރު ކިހާވަރަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ފެނިގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އިތުބާރެއް މި އުފެދުނީ. ދިވެހިރާއްޖެއާމެދު ދުނިޔޭގެ ޤައުމުތަކުން އިތުބާރެއް މި އުފެދުނީ. މިއަދު އަޅުގަނޑުމެން ޤަބޫލުކުރަނީ ދިވެހިރާއްޖެއަށް ބަސްކިޔޭނެއޭ. ދިވެހިރާއްޖެއަށް މިއަދު އިރާދަކުރެއްވިއްޔާ، ޚާރިޖީ ސިޔާސަތުގެ ދަށުން އެ ހޯދުނު ކާމިޔާބީތަކުގައި މިއަދު ދިވެހިރާއްޖެއަށް، އެކި ކަންތައްތަކުގައި ދުނިޔެއަށް ޕީސް ގެނައުމަށާއި، ދުނިޔޭގެ އެކި ޤައުމުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމަށާއި، އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި އެ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި މިއަދު ދިވެހިރާއްޖެއަށް ބައިވެރިވެވޭނެ. ދިވެހިރާއްޖޭގެ ބައިވެރިވުން ދުނިޔޭގެ ޤައުމުތަކުން ބަލައިގަންނާނެ.

އަޅުގަނޑުމެން މީގައި ހަމަ ފާހަގަކޮށްލަންޖެހޭ، 76 އަހަރުގެ މި ޙަޔާތުގައި އެންމެ ނާޒުކު ވަގުތު، އ.ދ.ގެ އާންމު މަޖިލީހުގެ އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑެތި ހައްސާސް ނިންމުންތަކެއް، އެ ގައިޑެންސް މުޅި ދުނިޔޭގެ ޤައުމުތަކަށް ދޭން އޮތް ވަގުތު، އެންމެ އުނދަގޫ ދަނޑިވަޅުގައި އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި މި އިންނެވީ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެހެންނަމަވެސް، ވަރަށް ވަރުގަދަ، ވަރަށް ވަރުގަދަ ބޭފުޅެއް. އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް މި ލިބިގެންދާ އިތުބާރަކީ. މުޅި ދުނިޔެ ދިވެހިރާއްޖެއަށް ކުރާ އިތުބާރަކީ.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންވެ އަދި ފަރުމާކުރެވެމުން އަންނަ ގޮތާއެކު، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ރާއްޖެ ކިހިނެއްތޯ ފެނިގެންދާނީ. ކިހިނެއްތޯ މަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާގެ މުސްތަޤްބަލް ސިފަކުރައްވާނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑަށް ހަމަ ފެންނަނީ އިރާދަކުރެއްވިއްޔާ، ވަރަށް އުޖާލާ ފަހި ދުވަސްތަކެއް، ދިވެހިރާއްޖެއަށް ދިވެހިރާއްޖޭގެ ކުރިމަގުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިރާދަކުރެއްވިއްޔާ، މި ކަންތައްތައް ބާރު ސްޕީޑެއްގައި އަޅުގަނޑުމެންނަށް އިތުރަށް ކުރިއަށް ގެންދެވޭނެތަން. އަދި ހަމައެއާއެކު ދުނިޔޭގެ އެކި ޤައުމުތަކުގެ އެހީތެރިކަން އިތުރަށް ލިބި، އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވާ ކަންތައްތައް އިރާދަކުރެއްވިއްޔާ، މުޅި ރާއްޖޭގައި، ދިވެހިރާއްޖޭގެ ރަށްތަކާއި، މުޅި ދިވެހިރާއްޖޭގެ ކަންތައްތައް މަގުފަހިވެ، އަޅުގަނޑުމެންނަކީ، ފުދުންތެރި، ވަރުގަދަ ބައެއްގެ ގޮތުގައި ބަދަލުވެގެންދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ގުޅުންތައް ވަރުގަދަކޮށް، އަޅުގަނޑުމެން ހުރިހާ ބަޔަކާ އެ ގުޅުން ވަރުގަދަކޮށް ބާއްވައިގެން، އަޅުގަނޑުމެންނަށް އެ ކަންތައްތައް ހާސިލު ކުރެވިގެންދާނީ.

ޕްރެޒެންޓަރ:

އާދެ، ހަމައެހެންމެ އަޅުގަނޑު ހިތަށްއަރަނީ އިނގޭތޯ، ބައިނަލްއަޤްވާމީ މައިދާނުގައި މި ކުރަމުން އަންނަ މަސައްކަތްތަކާއި، އަދި ހަމަ ސަރުކާރުގެ މި 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެވެސް ވަރަށް މުހިންމު ލަނޑުދަނޑިތަކެއް އެބަހުރި ހާސިލުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައި. އެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މި ދެންނެވީ އެކިއެކި ދާއިރާތަކުން، ތިމާވެށީގެ ދާއިރާއިން، ޓެރަރިޒަމްގެ ހަރުކަށި ފިކުރު ނައްތައިލުމާއި، ރާއްޖޭގައި އެ ދާއިރާތަކުން އަބަދުވެސް ވަކާލާތުކުރާ ދާއިރާތަކެއް އެބަހުރި. އެހެންވީމާ، މި ހުރިހާ ދާއިރާއަކުން ޖުމްލަ ގޮތެއްގައި ސަރުކާރުގެ މި ފަސް އަހަރު ނިމިގެންދާއިރުގައި ކިހިނެއްތޯއޭ، އެ ދާއިރާތަކުގެ ކާމިޔާބީ ކިހާވަރަކަށް ފެނިގެންދާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުމެންނަށްވެސް އޮތް މައްސަލަ އެއީ މުޅި ދުނިޔެއަށް ކުރިމަތިވި މައްސަލަ. ކޯވިޑް-19 ގެ މި ވޭތުވެދިޔަ ގާތްގަނޑަކަށް 18 ވަރަކަށް މަސްދުވަހުގެ ތެރޭގައި މި މައްސަލަ އޮތުމުން އަޅުގަނޑުމެންނަށްވެސް އެންމެ ބޮޑެތި އެއް ކަންތައްތަކުގެ ގޮތުގައި ހަމަ ސޯޝަލް ކަންތައްތައް، އިޖުތިމާޢީ ކަންތައްތަކަކީ. އެނގިވަޑައިގަންނަވާނެ، ތަފާތު އެކި ކަންތައްތައް އެބަހުރި އަޅުގަނޑުމެން އެ ކަންތައްތަކަށް، ޙަޤީޤަތަކީ އިޖުތިމާޢީ ކަންތައްތަކަކީ އެހާ ބޮޑަށް ސަމާލުކަން ދެވިފައި އޮތް ކަންތައްތަކެއްގެ ގޮތުގައި ފާހަގަކޮށް، އެ މަސައްކަތް އެ ގޮތަށް ކުރެވިފައި ނެތް އިނގޭތޯ. އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި މިއޮތީ މަސްތުވާތަކެތީގެ މައްސަލަތައް. އަބަދުވެސް ބެލެވިފައި އޮންނަނީ ތަރައްޤީއަކީ އެއީ ތަންތަން ހެދުން، މީހުންގެ ލޮލަށް ފެންނަކަހަލަ ޢިމާރާތްތައް. ނޫނީ އެކަހަލަ ފެންނަ ކަންތައްތަކަށް ބޮޑަށް އަޅުގަނޑުމެންނަށް އަބަދުވެސް އިންވެސްޓް ކުރެވެނީ.

އެހެންނަމަވެސް، އަޅުގަނޑުމެން މުޅިން އެ ބަދަލުކޮށްލަން އެބަޖެހޭ. ރަނގަޅު ދަރީންތަކެއް ތައްޔާރުކުރުމަށްޓަކައި، ރަނގަޅު ތަޢުލީމު ދިނުން، ޞިއްޙީ ނިޒާމު ވަރުގަދަކޮށް ކަންތައްތައް ކުރުން. އަޅުގަނޑުމެންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މި ކަންތައްތަކުން ޒުވާނުން ސަލާމަތްކޮށް، ޒުވާނުންނަށް މުޖުތަމަޢުތެރޭގައި އުޅޭނެ ގޮތްތައް ހެދުން. ހަރުދަނާ ޖީލެއް އުފެއްދުމަށްޓަކައި ބިނާކުރަނިވި ބަޔަކު އަޅުގަނޑުމެން ތައްޔާރުކުރުން. މިއީ އަޅުގަނޑުމެން މިއަދު އިސްކަންދޭންޖެހޭ ކަންތައް. އެހެންނަމަވެސް، މިއަދު މި ކަންތައްތައް ކުރުމުގައި އަޅުގަނޑުމެންނަށް އެބަޖެހޭ އެންމެން އެކުގައި މި މަސައްކަތްތައް ކުރެވެން. ޤައުމަކީ އެންމެ މުހިންމު ތަނެއްކަން، ރައްޔިތުންގެ ކުރިއެރުމަކީ، އެއީ ކޮންމެ މީހެއްގެވެސް ކުރިއެރުންކަން ދަނެގެން އަޅުގަނޑުމެން މިއަދު އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. އެ ވަގުތު އަޅުގަނޑުމެން މިއަދު ޤައުމަށް ދޭންޖެހެނީ. އަޅުގަނޑަށް ހަމަ ޔަޤީންކުރެވޭ އިރާދަކުރެއްވިއްޔާ މިގޮތަށް އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނެ. އަދި މި މަސައްކަތަކީ، ދުވަހަކުވެސް ނިމުމެއް އަންނާނެ ކަމެއް ނޫން. އަބަދުވެސް ކަންތައްތައް ރަނގަޅުކުރުމުގެ ވަގުތު އޮންނާނީ. ދުވަހަކުވެސް ރަނގަޅުކުރުމަކީ އެއީ ނިމުމެއް އަންނާނެ ކަންތައްތަކެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެންގެ ހުރިހާ އެންމެން ރައްޔިތުންގެ އެ މަސައްކަތާއެކު، ނަތީޖާ ރަނގަޅުވެގެން ދިއުން. އަދި ކުރިއަށް އޮތް ތާނގައިވެސް ކުރެވޭ މަސައްކަތްތަކުން، އިތުރަށް ކަންކަން ފުރިހަމަ ވެގެންދިއުން.

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑު ހަމަ މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ ވަގުތުވެސް ކުޑަތަންވަމުން ދިޔުމާއެކު، ނިންމާލުމުގެ ގޮތުން އަޅުގަނޑުމެންގެ ޚާރިޖީ ދާއިރާއިން މި ހޯދަމުންދާ ކާމިޔާބީތަކާއި އަދި ހޯދިފައި ހުރި ކާމިޔާބީތަކާ ގުޅޭގޮތުން މަނިކުފާނު ދެއްވާނެ މެސެޖެއްގެ ގޮތަށް ފާހަގަކުރައްވާނެ ކަމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ނިންމާލަމުން އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން، ނިންމާލަމުންވެސް. ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް. ވަރަށް ބުރަ މަސައްކަތްތަކެއް ފޮރިން ސަރވިސްގެ ޓީމު، ދިވެހިރާއްޖެ ތަމްސީލު ކުރައްވަން ބޭރުގެ ޤައުމުތަކުގައި ތިއްބެވި ސަފީރުން، ގިނަ މަސައްކަތްތަކެއް ކުރައްވައިފި. އޭގެވެސް ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ. ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ދެކެން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ގިނަ ޤައުމުތަކަކާއެކު އަޅުގަނޑުމެން ގުޅުން ބަދަހިކުރެވި، ގިނަ ކާމިޔާބުތަކެއް ދިވެހިރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބިގެންދާތަން.

ޕްރެޒެންޓަރ:

އާދެ، ވަރަށް ޝައުޤުވެރި އަދި ވަރަށް މުހިންމު ވާހަކަފުޅުތަކެއް މަނިކުފާނު އަޅުގަނޑުމެންނާ ތިޔަ ހިއްސާކޮށްލެއްވީ. ޚާއްޞަގޮތެއްގައި، ޚާރިޖީ ދާއިރާއިން ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް. އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީވެ، އަދި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންދެއްވީތީވެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޝުކުރިއްޔާ!