ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙްކޮށްދެއްވައިފިއެވެ. މި އެސޯސިއޭޝަން އެކަމަނާ އިފްތިތާޙްކޮށްދެއްވާފައިވަނީ މިއަދު ހަވީރު އެ ކޮލެޖުގެ ފަރާތުން އިންތިޒާމުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޙަފްލާގައެވެ.
ވިލާ ކޮލެޖުގެ ހޯލުގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެ ޚިދުމަތްދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، އޭގެ ސްޓޭންޑަރޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދި ވަޑައިގެންފައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމަނާ ވަނީ ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޤާއިމުކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އެކަމަނާ ވަނީ ކޯޑް އޮފް އެތިކްސް ޤާއިމުވެ އެއަށް ޢަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް މި ޙަފްލާގައި އަލިއަޅުއްވާލައްވާފައެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގައިވެސް ނަފްސާނީ ބަލިމަޑުކަން ތަޙައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިކަމަށް ޙައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އިޙްސާންތެރިވުމުގެ ސިފައަށަގެންނެވުމަށް އެކަމަނާ ބާރުއެޅުއްވެވިއެވެ. އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް މި ޙަފްލާގައި އެކަމަނާ އަލިއަޅުއްވާލެއްވެވިއެވެ.
މިއަދުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެކޮލެޖުގައި ޤާއިމުކުރުމުން އެކަމަށް ތަޢުރީފުކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ކޮލެޖުގެ ސްޓްރޭޓިޖިކް ޕްރަޔަރަޓީއަކަށް ނަފްސާނީ ދުޅަހެޔޮކަންވެ ކޮލެޖުގެ މުސްތަޤްބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް އެކަމަނާ އެދިވަޑައިގަންނަވާކަމަށާ، އަދި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ލީޑިންގ ކޮލެޖަށް ވިލާ ކޮލެޖު ވެގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ ފަރާތްތަކަށާއި، މުޖުތަމަޢުގެ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.