ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ އެސަލަ ރުވަން ވީރަކޫންގެ އަނބިކަނބަލުން، ކްރިޝްނާތީ ވީރަކޫން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އަނބިކަނބަލުން، ވަނީ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ މަޢުލޫމާތު މީހުނަށް ފޯރުކޮށްދީ، އެފަދަ ކަންކަމުން އަރައިގަތުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ދެބޭކަނބަލުން ވަނީ ނަފްސާނީ ކަންކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ސަޕޯޓް ގްރޫޕްގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނާއި، ސަރުކާރުން ކޮވިޑްގެ ޕެންޑެމިކް ތެރޭގައިވެސް ތަޢުލީމީ ދާއިރާ ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ އެދެބޭކަނބަލުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އަނބިކަނބަލުން، ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު އެދެބޭކަނބަލުންނަށް ދިމާވެފައިވާ ބައެއްކަންކަން ޙިއްޞާކުރައްވާފައެވެ. އެގޮތުން ކްރިޝްނާތީ ވީރަކޫން ވަނީ ދިވެހިރާއްޖެއިން ކުރު މުއްދަތެއްގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކުރިގޮތް އޮޅުން ފިލުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ބަދަލު ގެނައުމަށް ސަރުކާރުން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކާއި، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދިނުން ކުރިއަށްގެންދިއުމަށް ކުރެއްވި މަސައްކަތްތައް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަބަންދުގެ ދުވަސްވަރު އެންމެ ބޮޑަށް އުނދަގޫ ވެފައިވަނީ ކުޑަކުދިންނަށްކަމަށް ފާހަގަކުރައްވާ އެކަމުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އަނބިކަނބަލުން، ވަނީ ޑްރަގް ރިހެބިލިޓޭޝަން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޑޮކްޓަރުންނާއި، ސައިކޭޓްރިސްޓުން މަދުވުމުންކުރިމަތިވާ ގޮންޖެހުންތަކާއި، ކުޑަކުދިންގެ ހިޔާފަދަ ކުޑަކުދިން ބަލަހައްޓާ ތަންތަނުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ކޮވިޑް-19 ގެ ޤައުމީ ކެމްޕެއިން ކަމުގައިވާ "ދިފާއު" ކެމްޕެއިންނާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކްރިޝްނާތީ ވީރަކޫން ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާއި، އަމިއްލަގޮތުން އެކިކަންކަމުގައި ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތް މުޅިން ކުރިއެކޭ އެއްގޮތަށް ބަދަލުވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭކަނބަލުން ވަނީ އުފާވެރި ފާގަތި މުސްތަޤްބަލެއް ލިބުމަށް އެދިވަޑައިގެން ކައިރި މުސްތަޤްބަލެއްގައި އަލުން ބައްދަލުވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.