ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު، ދިވެހިރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ފުރާވަޑައިގެންފިއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްއަށް ދިވެހި ސަރުކާރުން ވަނީ ރަސްމީގޮތުން މަރުޙަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވާ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު ކޮށްދެއްވި ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައެވެ.

މި ދަތުރުފުޅުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި، އޮކްޓޫބަރު 7 ވީ ބުރާސްފަތި ދުވަހު ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި ފުޓްބޯޅަ މެޗު ބައްލަވާލައްވާފައެވެ.

އަދި މިއަދު މެންދުރުކުރި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ އަނބިކަނބަލުން ޢާއިޝަތު ސުއިޒާ، ވަނީ އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.