بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢްތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދުގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ޤައުމިއްޔަތުގެ އުފާވެރި ޝުޢޫރުތަކުން، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން އިޙްސާސްކުރުވާ މި ހިތްގައިމު ވަގުތުކޮޅު، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މި ޙަފްލާގައި ބައިވެރިވެވަޑައިގަންވާ އެންމެހައި ޢިއްޒަތްތެރިންނަށް، އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުން.

ރާއްޖޭގެ ޤައުމީ ދުވަސް އެ ބަޠަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުން، އާދެ، އުތީމު ބޮޑުތަކުރުފާނުގެ މަތިވެރި ޤައުމީ ޖިހާދުގެ ހަނދާން އައުކޮށް، އެ ހިތްވަރުގަދަ ޤައުމީ ބަޠަލުގެ ފުރާނަފުޅަށް، އެ ރަދުންގެ ޤައުމީ ޖިހާދުގެ އެންމެ އިސް ސަފުގައި، މި ދިވެހި ފަސްގަނޑަށްޓަކައި ޤުރުބާންވެވަޑައިގެންނެވި، ދެ ތަކުރުފާނާއި ދެ ހާޖީންނާއި ދަންޑެހެލު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައުކޮށް، އެ ބަޠަލުންގެ ފުރާނަފުޅަށްވެސް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން.

މިރޭގެ މި ޖަލްސާގައި، ދެން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ދެންމެ ލިބިވަޑައިގެންނެވި، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ޢަބްދުﷲ ޝާހިދަށް، ދިވެހި ދައުލަތުގެ ނަމުގައްޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

މި ޖަލްސާގައި ދެންމެ އަޅުގަނޑުމެންނަށް ފެނުނު ވީޑިއޯ ރިޕޯޓުންވެސް، އެމަނިކުފާނު ދިވެހި ޤައުމަށް، ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކާއި، ރާއްޖެއާއި އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ޤަދަރާއި ހައިބަތު އުފުއްލެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް އެނގިގެން ހިނގައްޖެ.

ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް. ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރެއްވުމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ މަސައްކަތްޕުޅުތަކަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް. އަދި އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތާ ޙަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައިވެސް އެ މަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިރޭގެ މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 4 ބޭފުޅުންނަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މަތީ ދަރަޖަ ހޯއްދަވައިގެން ޚާއްޞަ އިނާމު ޙާޞިލު ކުރައްވާ، ރާއްޖޭގެ ޒުވާން ޢިލްމީ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން.

މި އަހަރު ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ކޮމިޓީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރުން ކޮށްދެއްވި މަސައްކަތްޕުޅުތަކަށްޓަކައި އެ ކޮމިޓީގެ އެންމެހައި މެންބަރުންނަށްވެސް ޝުކުރު ދަންނަވަން.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވެ، ޚާއްޞަ މެޑަލް ޙާޞިލު ކުރައްވާ 11 ޙާފިޡުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި 1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންގެ އަދަދު އިތުރުވެފައިވާކަމީ، އަޅުގަނޑު އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެ ޙާފިޡުންނަށް ކީރިތި ޤުރްއާން ހިތުދަސްކޮށްދެއްވުމަށް މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުދައްރިސުން ކޮށްދެއްވި މަސައްކަތްޕުޅުތައް ހަނދާންކުރަމުން، އެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ، ދައުލަތުގެ ފަރާތުން ޤައުމީ އިނާމާއި، ޚާއްޞަ އިނާމު ދެމުން އަންނައިރު، ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ޚިދުމަތުގައި ދެމިތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކޮށްފައެއް އަދިއެއް ނެތް. އެހެންކަމުން، އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރަން ފެށުމަށް މިހާރުވާނީ ނިންމާފައި.

އާދެ، އަޅުގަނޑުމެން މިރޭ މިތަނަށް އެއްވެ މިތިބީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ފާހަގަކުރަން. އެއީ، އުތީމު މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ދުވަސް. އެ ތާރީޚީ ދުވަހަކީ ހިޖްރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް. އެ ތާރީޚުން ގުނާއިރު މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ބޮޑުތަކުރުފާނު ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވިތާ 462 އަހަރު ފުރޭ، 463 ވަނަ ޤައުމީ ދުވަސް.

އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ، ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އޮތުމަށާއި، އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމަށާއި ސިޔާދަތަށް، އަދި ދިވެހިންގެ ޤައުމިއްޔަތަށާއި، ދިވެހިންގެ ދީނީ ޢަޤީދާއަށްވެސް، އެންމެ ބޮޑު ނަޞްރެއް ލިބުނު ދުވަސް. ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަމަށްވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސް.

އާދެ، މިއީ ދޮށީ ޤައުމިއްޔަތެއް. މިއީ ދިވެހި ކާބަފައިންގެ އެތައް ޖީލެއްގެ ފުށުން އަޅުގަނޑުމެންނަށް ވާރުތަކުރި ވަރަށް މަތިވެރި އަމާނާތެއް. މި އަމާނާތަށް ވަފާތެރިވުމަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް.

މިއަދު އަޅުގަނޑުގެ އެންމެ އިސް ޤައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރުން. ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީވެސް އެއީ. ޤައުމީ ތަރައްޤީއަށްޓަކައި ކުރާ ކޮންމެ ކަމެއް، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ޤާއިމުކުރާ ކޮންމެ ގުޅުމެއް، އަޅުގަނޑުމެން ބިނާކުރަނީ ވަރަށް ވަރުގަދަ ތަރަހައެއްގެ މަތީގައި.

އެއީ، ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ނަގަހައްޓައި ދެމެހެއްޓުން. އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. ހަމައެފަދައިން ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން.

އަދުގެ ދުނިޔެ ދަންނަނީ ޞުލްޙަޔާއި މިނިވަންކަމުގެ ބަސްމަގު. އަދުގެ ދުނިޔެ ގޮވައިލަނީ، އެކުވެރިކަމާއެކު ލާމެހިގެން އުޅެން. އެކަހެރިވުމާއި ވަކިވަކިވެގެން އުޅުމަށް، މިއަދުގެ ވިސްނުން ތަނެއްނުދޭ. އަޅުވެތިކުރުމާއި ގަދަބާރުން ކަންކަން ކުރުމަކީ އަދުގެ ބައިނަލްއަޤުވާމީ މުޖުތަމަޢާ ބީރައްޓެހި ކަންކަން. ބާރާއި ނުފޫޒަކީ، ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރެވޭނެ ވަސީލަތެއް ނޫން. ދުނިޔޭގެ ހުރިހާ ދިމާއަކުން އަޅުގަނޑުމެންގެ ލޯތަކަށް ފެންނަމުން ހާމަވަމުން އެދަނީ މި ޙަޤީޤަތްތައް.

ރާއްޖެއަކީވެސް މި ދެންނެވި އުޞޫލުތަކާއި ހަމަތައް ފުރިހަމައަށް ޤަބޫލުކުރާ ޤައުމެއް. ބައިނަލްއަޤްވާމީ މުޖުތަމަޢާ މުޅިން އެކަހެރިވެފައި އޮތް އަހަރުތަކަކަށްފަހު، މިއަދު ދިވެހިރާއްޖެއަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރާއި ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޤައުމެއް.

ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އިސްވެ ބަސް ބުނުމުގެ ފުރުޞަތު، މި ކުޑަކުޑަ ރާއްޖެއަށް ލިބުނީ، އާދެ، އދ.ގެ ޢާންމު މަޖިލީހުގެ ރިއާސަތު ރާއްޖެއާ ޙަވާލުކުރީ، ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް މުޅި ދުނިޔެ ޤަބޫލުކުރާތީ. އަދި ދިވެހިންނަކީ އެހެން ޤައުމުތަކާއެކު އެކުވެރިކަމާއެކު އެއް ޢާއިލާއެއް ފަދައިން އުޅެން ބޭނުންވާ ބައެއްކަން، ދުނިޔެ ޤަބޫލުކުރާތީ.

ބައެއްގެ މެދުގައި ޤައުމިއްޔަތެއް ދެމިއޮންނާނީ، އަދި އެ ޤައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް، އެ ޤައުމެއް މި ބިންމަތީގައި ވުޖޫދުވެ އޮވެގެން. އަޅުގަނޑުމެންގެ މި ހިތްގައިމު ރާއްޖެއަށް، ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރުނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަނޭ. މިއީ ތޯތޯ ވާހަކައެއް ނޫން، މިއީ ޢިލްމީ ޙަޤީޤަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް.

މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް މި ލިބެނީ، ރާއްޖެފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ޤައުމުތަކަށް. ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި، ރާއްޖޭގެ ޙިއްޞާ ވަރަށް ކުޑަ. ޙަޤީޤަތަކީ މިއީ ކަމުގައިވިޔަސް، ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީވެސް ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތައް.

ބައިނަލްއަޤްވާމީ މުޅި މުޖުތަމަޢާ ގުޅިފައިވާ މިފަދަ ކަންކަމުންވެސް ސާބިތުވަނީ، ހުރިހާ ޤައުމުތަކެއް އެކުގައި އެއް ޢާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަން. މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ، ކިތަންމެ ދުރުގައި ކިތަންމެ ވަކިންއޮތަސް، ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެގެން އުޅެވެން ނެތްކަން.

އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން އެދަނީ އިންތިހާއަށް މަތިވަމުން. މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ ކާރިސާތަކާ ހެދި، އެންމެ ބޮޑެތި ޤައުމުތައްވެސް އެކަމާމެދު ގޮތް ހުސްވެއްޖެ. ވީއިރު، ރާއްޖެފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާމެދު ނިކަން ވިސްނާވަޑައިގަންނަވާ!

ރާއްޖޭގެ ތާރީޚު ލިޔަމުންދާއިރު، އަޅުގަނޑުމެންނަށް މިއަދު ހުއްޓި މި ތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީޚު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެ ފުލުސްޓޮޕާއެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މިޖީލުގެ ދިވެހިން ޖަވާބަކާމެދު ވިސްނަން ޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު.

ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެންނަކީ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ ފުރުޞަތު ލިބޭ، އެންމެފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް. މި ޖަޒީރާތައް ނެތި، ދިވެހިރާއްޖެއެއް ނޯންނާނެ. ދިވެހިރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ޤައުމިއްޔަތެއްވެސް ނޯންނާނެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތް ކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ. ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދުވެސް އެ މައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާޙައުލީ ނިޒާމު، އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކޮށްދިނުމަށް، އާ ޢަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން.

އަޅުގަނޑުމެންގެ ދިގު ތާރީޚެއް އެބައޮތް. މުއްސަނދި ސަގާފީ ތަރިކައަކާއި، ފަޚުރުވެރި ޤައުމިއްޔަތެއް އެބައޮތް. ދިވެހިންނަކީ ޞުލްޙަޔާއި ހަމަޖެހުމާއި މަޑުމައިތިރިކަމުގައި، މުއައްރިޚުން މިސާލުޖަހައި އުޅުނު ބައެއް. ދިވެހިންނަކީ ހަމްދަރުދީއާއި އޯގާތެރިކަމާއި ކުލުނާއި ލޯބީގެ މަތީގައި، ދިރިއުޅުން ބިނާކުރި ބައެއް.

ނަމަވެސް، ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި، އިޖުތިމާޢީ އަދަބު އަޚްލާޤުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތްކުރޭ. މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނެ، އަޚްލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް.

އަޅުގަނޑުމެންގެ ޤައުމީ ވާޖިބަކަށް ހަދަންވީ، ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖުތަމަޢަށް ނެރުމަށް. ދިވެހިވަންތަ ޝަޚްޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަށް.

ޤައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ރޫޙު އުފައްދައި، ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަކީ، މިފަދަ ޤައުމީ މުނާސަބާތަކުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ދިވެހިންގެ ޤައުމިއްޔަތު ދިރުވައި އާލާކުރެވޭނީ، ޤައުމީ ސިފަތަކަށާއި، ޤައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެންކަން ޔަޤީން.

ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ޙިމާޔަތް ކުރުމަށާއި، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި ތައުފީޤު ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން. ދިވެހި ޤައުމިއްޔަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަބަދުމެ އުޖާލާވެފައިވާ ޤައުމިއްޔަތެއް ކަމުގައި ލައްވާށި! ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ޤާބިލުކަމާއި ކެރުމާއި ހެޔޮ ވިސްނުން މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! ދިވެހިރާއްޖެއަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރައްވައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.