މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންމެ އިސް ޤައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރުންކަމަށާއި އަދި އެއީ ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ނަގަހައްޓައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން އެކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޤައުމީ ދުވަސް އެ ބަޠަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެ ރަދުންގެ ޤައުމީ ޖިހާދުގެ އެންމެ އިސް ސަފުގައި، ދިވެހި ފަސްގަނޑަށްޓަކައި ޤުރުބާންވެވަޑައިގެންނެވި، ފަރާތްތަކުން ވެދެއްވި މަތިވެރި ޤައުމީ ޖިހާދުގެ ހަނދާން އާކޮށް އެ ބަޠަލުންގެ ފުރާނަފުޅަށްވެސް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ.

ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދުވަހަކީ ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަމަށްވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހި ޤައުމިއްޔަތަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އަމާނާތެއްގެ ގޮތުގައި ފާހަގަކުރައްވާ، ދިވެހި އެންމެހާ ރައްޔިތުން މި އަމާނާތަށް ވަފާތެރިވުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

ހަމަ އެއާއެކު އަޚުލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމަށްވެސް އެމަނިކުފާނު މި ރަސްމިއްޔާތުގައި ވަނީ ބާރުއަޅުއްވާފައެވެ. އަދި ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖްތަމަޢަށް ނެރުމަށާއި، ދިވެހިވަންތަ ޝަޚުޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަކީ ޤައުމީ ވާޖިބަކަށް ހެދުމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ޤައުމުގެ އަންނަން އޮތް ޖީލުގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު އުފައްދައި، ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަށްވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކޮށްފައި ނެތްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަދަ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރަން ފެށުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.