بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، މިވަގުތު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި ވަޒީރު، އެފް.އޭ.އެމް.ގެ ރައީސް، ނެޝަނަލް ޓީމުގެ ކުޅުންތެރިން، ކޯޗް އަދި މެނޭޖްމަންޓް ޓީމް؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މާދަމާ މި ފެށޭ ސާފް ޗެމްޕިއަންޝިފްގެ 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ކުރިން އަޅުގަނޑަށް ޓީމާ ބައްދަލުކޮށްލަން މިފުރުޞަތު ލިބުނީތީ އަޅުގަނޑު ވަރަށް އުފާކުރަން. ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑާއި ސަރުކާރުން މިއޮތީ ހަމަ ޓީމާ އެކީގައިކަން.

ކޯވިޑް-19 އާ ގުޅިގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއްގައި ދަތިތަކެއް ކުރިމަތިވި. އެއީ ޢާންމު ދިރިއުޅުމާއި އަދި ކުޅިވަރުގެ އެކި ކަންތައްތައް ޓްރެއިން ކުރުމުގަޔާ އެކީގައިވެސް ކުރިމަތިވި. އެހެންނަމަވެސް، އެކަމުން އަރައިގަނެ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަދު މިވަނީ ޢާންމު ދިރިއުޅުމަކާ ހިސާބަށް އާދެވިފައި. މި މުބާރާތަށް ތައްޔާރުވުމުގެ ކުރިން އަޅުގަނޑަށް އެއްދުވަހު އެފް.އޭ.އެމް.ގެ ރައީސް މެސެޖް ކުރެއްވި، ތިމަންނާމެންނަށް ފުރުޞަތު އެބައޮތޭ، ސާފް ޗެމްޕިއަންޝިފް ރާއްޖޭގައި ބޭއްވުމަށް މިފަހަރު. ކިހިނެއްތޯ މީގައި ކުރިއަށްދާން ފެންނަނީ. އަދި އޭރުގެ ސްޕޯޓްސް މިނިސްޓަރުވެސް އަޅުގަނޑަށް މެސެޖް ކުރެއްވި. އަޅުގަނޑު ދެންނެވިން، ކުރިއަށް ވަޑައިގަންނަވާށޭ، ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަމޭ. އެއާއެކީގައި ޓްރެއިން ކުރުމުގެ މަސައްކަތް، މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފެށިގެން ދިޔައީ. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، މި ލިބުނު ކުޑަ މުއްދަތުގައި، މުބާރާތަށް އެކަށީގެންވާ ތައްޔާރެއް ތިޔަކުދިން، ކުޅުންތެރިން ވެފައި އޮތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.

މިއަދު މި މުބާރާތަށް ނުކުންނައިރުގައި، ރާއްޖޭގެ ޓީމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދުތަކާ ގުޅިފައި އޮތް ޓީމެއް. ފުޓްބޯޅައަކީ، ދިވެހި ރައްޔިތުން ވަރަށް ލޯބިކުރާ، ވަރަށް ޝައުޤުވެރިވާ، ވަރަށް ޖޯޝާއެކީގައި ބަލަމުންދާ ކުޅިވަރެއް. މިއަދު ދިވެހިން މި ބޭނުންވަނީ ތަށި. އެނޫން އެއްވެސް އެއްޗެއް ނެތް. އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ މިހާރު މިއޮތް ޓީމާ އެކީގައި އަދި ކޯޗާއި މުޅި މެނޭޖްމަންޓާ އެކީގައި، ޓްރެއިނިންގ ޓީމާ އެކީގައި މި މުބާރާތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިގެންދާނެ.

ޓީމަށް އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ވާހަކައަކީ މި ސަރުކާރުން، އަޅުގަނޑުމެން ވެރިކަމަށް އައުމާ އެކީގައި، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ. ވަކި ކުޅިވަރެއް ބާކީނުކޮށް، ހުރިހާ ކުޅިވަރެއްގައިވެސް ފެސިލިޓީޒްތަކާއި، ޓްރެއިނިންގއާއި އަދި ބައިނަލްއަޤްވާމީ މުބާރާތްތަކަށް ވަނަ ހޯދުމުގެ އަމާޒު އަޅުގަނޑުމެން ހިފައިގެން ކުރިއަށް މިގެންދަނީ. މިގޮތުން ޚާއްޞަކޮށް، ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ހުރި ފެސިލިޓީޒްތައް އިތުރަށް ރަނގަޅުކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. އެގޮތުން މާލޭގައި މިއޮތް ގަލޮޅު ދަނޑު، ޒަމާނީ ފެންވަރަށް ފެސިލިޓީޒްތަކާ އެކުގައި ތަރައްޤީ ކުރުމުގެ ޕްލޭނެއް އަޅުގަނޑުމެން އެބަ ގެންގުޅެން. އޭގެ ފައިނޭންސާއި ހުރިހާ ކަމެއް މިހާރު ހުރީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ރަނގަޅު ޕްލޭނަކާ އެކީގައި އެ ދަނޑު، ޒަމާނީ ފެންވަރަށް، ފެސިލިޓީޒްއާ އެކީގައި ތައްޔާރުކުރެވިގެންދާތަން، ތިޔަ ކުޅުންތެރިންނަށް ފެނިގެންދާނެ.

އަދި ސަރުކާރުން މިހާތަނަށް އައިއިރުގައި، އަޅުގަނޑުމެން ކުޅުންތެރިންނަށް ހިތްވަރު ދިނުމާއި، ހޯދާ ނަތީޖާތަކާ ގުޅިގެން ދޭ އިނާމުތައް އަޅުގަނޑުމެން މި އަންނަނީ ބޮޑުކުރަމުން، ހުރިހާ ކުޅިވަރެއްގައިވެސް. އެގޮތުން، އިންޑިވިޖުއަލް މުބާރާތްތަކުން، ރީޖަނަލް ސަރަހައްދުގެ މުބާރާތްތަކުން ކާމިޔާބު ހޯދާ ކުދިންނަށް، ކުޅުންތެރިންނަށް މިހާރުވެސް މަދުވެގެން ދެ ލައްކަ ރުފިޔާ ދެމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ، މި މުބާރާތް ފުޓްބޯޅަ ޓީމު ކާމިޔާބުކޮށްފިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، އެވަރުގެ ރަނގަޅު ހަދިޔާއެއް ކުޅުންތެރިންނަށް ފޯރުކޮށްދިނުން. އަދި ކުޅޭ ކޮންމެ މެޗަކުން، މޮޅުވާ ކޮންމެ މެޗަކުން ހަމަ ރަނގަޅު ޢަދަދެއް، ބޯނަސްއެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިންނަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ މިފަހަރު ފޯރުކޮށްދޭނަން.

އެނގިވަޑައިގަންނަވާނެ، ފުޓްބޯޅައަކީ އިންޑިވިޖުއަލް ގޭމެއް ނޫން. ޓީމް ގޭމެއް. މީގައި ހުރިހާ ކުޅުންތެރިންވެސް އެއް ޢަޒުމެއްގައި މަސައްކަތް ނުކޮށެއް ކާމިޔާބެއް ނުވާނެ. އޭގެ އިތުރުން، މިއީ ވަކި ވަގުތަކަށް ޓައިމް ކަނޑައަޅައިގެން ކުޅޭ މުބާރާތެއް، މެޗެއް، ކުޅޭ ކުޅިވަރެއް. އެންމެފަހު ވަގުތާ ޖެހެންދެން ނަތީޖާއާ ދޭތެރޭގައި އަޅުގަނޑުމެން ހިތްހަމަޖައްސާލައިގެން ތިބޭކަށް ނުވާނެ. އެންމެފަހު ސިކުންތަކީވެސް ނަތީޖާ ބަދަލުވެގެން ހިނގައިދާނެ ވަގުތުކޮޅެއް. އެހެންވީމާ، މެޗް ނިމެންދެން އަޅުގަނޑުމެން ފޯރީގައި މޮޅުވަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެ. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، މި ނިމިދިޔަ މުބާރާތްތަކުގައިވެސް، ބޭރުގެ އެކި ބޮޑެތި މުބާރާތްތަކުގައިވެސް އެންމެފަހު ސިކުންތުގައި، އެކްސްޓްރާ ޓައިމްގައިވެސް ނަތީޖާއަށް ބަދަލުތަކެއް އައިސްފައި ހުރިތަން.

އެހެންވީމާ، އަޅުގަނޑުމެންވެސް ކުޅެމުންދާއިރުގައި، އަދި ކުރީގައި އޮތަސް، އަޅުގަނޑުމެންގެ ނަތީޖާ ކުރީގައި އޮތަސް، ނިމޭ ވަގުތާ ޖެހެންދެން ޖެހޭނެ ހިތްވަރުކުރަން. ނަތީޖާ ބަދަލުވެދާނެ، ހަމަ ކޮންމެ ވަގުތެއްގައިވެސް. ހަމަ އެގޮތަށް ފެށިގެން އަންނައިރުގައި، ނިމޭއިރުގައި އަޅުގަނޑުމެންނަށް ނަތީޖާ އަދި ދޭއް ސުމެއް، ނޫނީ އެކެއް ސުމެއް އޮތް ކަމަށްވިޔަސް، އެންމެފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރުކޮށްގެން ނަތީޖާ ބަދަލުކުރުމުގެ ފުރުޞަތު އޮންނާނޭކަން ދެނެގަނެގެން މެޗާއެކު ކުރިއަށްދާންވާނީ. ދިވެހިން ތިބީ ނެޝަނަލް ޓީމާ އެކީގައި. އަޅުގަނޑު ހިތުން ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް މުބާރާތަށް އިރާދަކުރެއްވިއްޔާ މި މުބާރާތް ވެގެންދާނެ.

އަޅުގަނޑު މީގެ ކުޑައިރުކޮޅެއްގެ ކުރިން، މި މުބާރާތުގެ މީޑިއާ ނޫސް، "ޢަދަދު"ގެ ޓީމާ އެކީގައިވެސް ބައްދަލުވުމެއް ބޭއްވިން. އަޅުގަނޑު އަހާލިން، ކިހިނެއްތޯ ފެންނަނީ މުބާރާތާ ދޭތެރޭގައި. އެބޭފުޅުންވެސް ވިދާޅުވި، މި ވެގެންދާނެއޭ މިހާތަނަށް ބޭއްވޭ އެންމެ ފޯރިގަދަ މުބާރާތަށް. ރައްޔިތުން ތިބީ އެ މަންޒަރު ދެކެން. ރައްޔިތުން ސަޕޯޓް ކުރާނެ. އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ، މި މުބާރާތް ތިންވަނަފަހަރަށް ރާއްޖެއަށް ކާމިޔާބުވެގެން ދިޔުން.

ދެންމެ ބައްސާމް އަޅުގަނޑު ކައިރީގައި ވިދާޅުވި، މީގައި ކާމިޔާބުވެދާނެ ކަމުގެ ހެކިތަކެއް ތިމަންނާމެންނަށް ފެންނަން އެބަހުއްޓޭ. މިހާރު 13 ވަނަ މުބާރާތޭ މިއީ. 2008 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރިއިރުގައިވެސް ކެޕްޓަންގެ ޖާޒީ ނަންބަރަކީ 13 އޭ. އަދި 2018 ގައި ކާމިޔާބު ކުރިއިރުގައިވެސް ކެޕްޓަންގެ ޖާޒީ ނަންބަރަކީ 13 އޭ. އަދި މިފަހަރުވެސް ކަންދިމާކުރިގޮތުން އިއްތިފާޤުން މިއޮތީ ކެޕްޓަންގެ ޖާޒީ ނަންބަރު 13 އޭ.

އެހެންވީމާ، އިރާދަކުރެއްވީތީ މި ހުރިހާ ކަމަކާ އެކީގައި، އަޅުގަނޑު އުންމީދު ކުރަނީ، މިފެށޭ މުބާރާތް މިއީ އަޅުގަނޑުމެންނަށް ތިންވަނަފަހަރަށް ސާފް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިގެންދާނެ ފަހަރުގެ ގޮތުގައި.

އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަން. އަޅުގަނޑުގެ އުންމީދަކީ، މާދަމާ ފެށޭ މުބާރާތުގައި އަޅުގަނޑުމެންނަށް އުފާވެރި ނަތީޖާއެއް ލިބިގެން ދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ.