ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ފުރަތަމަ ފަހަރަށް ރާއްޖެ ކުޅުނު މެޗު ބައްލަވާލައްވައިފިއެވެ. މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައިވަނީ ނޭޕާލާއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށް ދާ މި މުބާރާތުގައި މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި މި ކުޅެވުނު މެޗަކީ މި މުބާރާތުގެ ދެވަނަ މެޗެވެ. މި މެޗުން 1 ލަނޑު 0 ލަނޑުން ކުރިހޯދާ މޮޅުވެފައި ވަނީ ނޭޕާލްޓީމެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ސަރުކާރުގެ ބައެއް އިސް ވެރިން ދަނޑަށް ވަޑައިގަތެވެ. މީގެ އިތުރުން ދިވެހި ގިނަ ސަޕޯޓަރުން ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވިއެވެ. މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.