އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޙަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.

ދިވެހިރާއްޖެއާއި ގަޔާނާއާ ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުކަމަށްވެފައި، ކޮމަންވެލްތާއި، އޯ.އައި.ސީ. އަދި އެއޯސިސްގެ މެންބަރު ދެ ޤައުމުކަމަށް ވުމުން، އެދާއިރާތަކުން ދެ ޤައުމަށް މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ގަޔާނާގެ ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަމަށް ދިވެހިރާއްޖެއަށް ވޯޓު ދެއްވީތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ އަދި އިޖްތިމާޢީ ގެއްލުންތަކަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ ޖުލައި މަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާއި ގަޔާނާގެ ރައީސް ވަނީ، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދެ ރައީސުންވެސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާކަމަށް އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވުމުގެ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް، އެއޯސިސް ޤައުމުތަކުގެ ދެ ލީޑަރުންގެ ހައިސިއްޔަތުން ގުޅިގެން ކުރުމަށް ދެބޭފުޅުންވެސް ވަނީ ނިންމަވާފައެވެ. މިގޮތުން، މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ރައީސުންވެސް ވަނީ ދެޤައުމުން ޝައުޤުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.