ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކާބޯ ވަރޑޭގެ ރައީސް ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ، ރާއްޖެފަދަ ކުދި ޖަޒީރާ އެހެން ޤައުމުތަކަށްވެސް ލިބުނު ހިތްވަރެއްކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ކާބޯ ވަރޑޭގެ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމަކީވެސް ފަތުވެރިކަމަށް ބަރޯސާވެފައިވާ ދެ ޤައުމު ކަމުގައިވާތީ، ކޯވިޑް-19ގެ ސަބަބުން ސިނާއަތަށް ލިބުނު ގެއްލުންތަކާ ބޭހޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ދެ ބޭފުޅުންވެސް ވަނީ މި ދެ ޤައުމުގެވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތައް ފޫބެދެމުންދާކަމަށާއި، އަދި ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލި އަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޝްވަރާތަކަށް ކާބޯ ވަރޑޭގެ ރައީސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ކޮޕް-26 ސަމިޓުގައި އެ ޤައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ކާބޯ ވަރޑޭއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުކަމުން ދެ ޤައުމުންވެސް ދާދި އެއްކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ދެ ޤައުމަށް ފައިދާކުރަނިވި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ކަމާބެހޭ ޢިލްމީ މަޢުލޫމާތު ޙިއްޞާކުރުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކާބޯ ވަރޑޭގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ތެރޭގައި ހިމެނޭ "ސައުތު- ސައުތު ކޯޕަރޭޝަން" ގެ ޤައުމުތަކުގެ ގުޅުން ފާހަގަކުރައްވައި ކުދި ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގައި ހުރިހާ ޤައުމަކުންވެސް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދަރަނި ލުއިކޮށްދިނުމާއި ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ހޯދުމާއި އީ-ކޮމަރސްފަދަ ދާއިރާތަކަކީ 'އެއޯސިސް' ފަދަ ޖަމާޢަތްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކަށް ގެންދިއުން މުހިންމު ދާއިރާތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގާތް ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެ ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ރާއްޖެއިން ކާބޯ ވަރޑޭ އާ ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 2003 ވަނަ އަހަރުގެ އެޕްރީލް މަހުގެ 23 ގައެވެ.