މުސްތަޤްބަލް ބިނާވަނީ އިންސާނިއްޔަތުގައި ހުރި ތަފާތުތަކާއެކުވެސް އެންމެން ގުޅިގެން އެއްބައިވަންތަވުމަށް ކުރާ މަސައްކަތުގެ މައްޗަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޑަރބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖުތަމަޢުތައް ބަލިކަށިވެ ބައިބައިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެހެން މީހުންގެ ޙާލަތާއި، އިޙްސާސްތައް ދެނެނުގަތުން ކަމުގައެވެ. އަދި އެކަކު އަނެކަކާމެދު ހަމްދަރުދީވުމަށް ބާރުއެޅުމާއި، ނަސްލީ ތަފާތުކުރުންތައް ހިމެނޭހެން ހުރިހާ ވައްތަރެއްގެ ތަފާތުކުރުންތައް ނައްތާލުމަށް، އެންމެން ޝާމިލުކުރެވޭފަދަ ތަރައްޤީއެއް ޤާއިމުކުރުމާ ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ވަނީ މުޖުތަމަޢެއްގައި ހަމަޖެހުން ޤާއިމުކުރުމަށް އެކިކަހަލަ ފަރަގުތަކާއި ތަފާތުކުރުންތައް ނައްތާލުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އުޖާލާ ކުރިމަގެއް ބިނާކުރުމަށާއި، ކުރިޔަށް އޮތް ޖީލުތަކަށް ތަފާތުކުރުން ނެތް، ހަމަހަމަކަމަށް ލޯބިކުރާ ދަރިންތަކެއް އުފެއްދުމަށްޓަކައި އެއްވެސް ޤައުމެއް ބާކީ ނުކޮށް، ހަމަހަމަކަމާއެކު އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރަން މަސައްކަތްކުރަންޖެހެއެވެ.