އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި، ވަރލްޑް ވައި.އެމް.ސީ.އޭ، ބީ.އާރު.އޭ.ސީ، އަދި ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓާއި އެހެނިހެން އެކްޓިވިސްޓް ޖަމާޢަތްތައް ގުޅިގެން އިންތިޒާމްކޮށްގެން ވަރޗުއަލްކޮށް ބޭއްވި 'އަންލޮކް ދަ ފިއުޗަރ' ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ވަރޗުއަލްކޮށް ބޭއްވި މި ހަރަކާތުގައި، ޒުވާން ލީޑަރުންނާއި، އެކްޓިވިސްޓުންނާއި، ސަރުކާރުތަކާއި، ނިއުޔޯކުގައި ޤާއިމުކޮށްފައިވާ އ.ދ. ގެ މިޝަންތަކާއި، ޒުވާނުންނާއި މުސްތަޤްބަލުގެ ޖީލުތަކަށް އިސްކަންދޭ ޖަމުޢިއްޔާ ޖަމާޢަތްތައް ބައިވެރިވިއެވެ.

"އަންލޮކް ދަ ފިއުޗަރ ޑެކްލެރޭޝަން" އިފްތިތާޙް ކުރެވުނީ މި ހަރަކާތުގެ ތެރެއިންނެވެ. މީގެ ސަބަބުން، މިހާރުގެ ޒުވާނުން ތަޖުރިބާކުރާ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މުސްތަޤުބަލަށް ގެނެވޭނެ ބަދަލުތައް ދެނެގަނެވި، ޒުވާނުންނަށް އެމީހުންގެ މުސްތަޤްބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ޒުވާނުންގެ ބައިވެރިވުން އިތުރުކުރެވި، ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުންވެސް ލިބިގެންދާނެއެވެ.

އަންލޮކް ދަ ފިއުޗަރ ޑެކްލެރޭޝަން އިފްތިތާޙުކުރުމަށް ބޭއްވެވި މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޒުވާނުން ބާރުވެރިކުރުމާއި އެމީހުން ކަންކަމުގައި އަޑު އުފުލުމަށް ހިތްވަރުދިނުމުގެ ގޮތުން އެކުލަވާލާފައިވާ މި ޑެކްލެރޭޝަންގެ މަސައްކަތުގައި އުޅުއްވި ބައިވެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެއީ ބޮޑު ކާމިޔާބީއެއްކަމުގައި ސިފަކުރައްވާފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އެކި ޤައުމުތަކުގެ އިސްވެރިންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން އަންނަން އޮތް ޖީލުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި، މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ރާއްޖޭގެ ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުންވެސް، ޒުވާން ޖީލަށްޓަކައި ކުރާ މަސައްކަތްތައް މައުނަވީ ގޮތެއްގައި ގުޅިގެން ކުރިއަށް ގެންދިއުމަށް ގޮވައިލައްވާފައިވެއެވެ.

އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ވިލުންތެރި ދުނިޔެއެއް ބިނާކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ރާއްޖެއިން ބަލައިގަންނަކަމަށެވެ. އަދި އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖެއިން އަބަދުވެސް އެންމެންނަށް ފަހި، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނާ ގުޅިގެން މަސައްކަތްކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑު އެހުމާއެކު ކުރިޔަށްދާ ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެކަން ހާމަކުރެއްވިއެވެ.

މި ހަރަކާތުގެ ތެރެއިން، ޒުވާނުންނަށް އަމާޒުކޮށް ތަޢުލީމާއި، ވަޒީފާއާއި، މޫސުމާގުޅޭ ދާއިރާގެ އެކްޝަންތައް ހިމެނޭ ޑިވެލޮޕްމަންޓް ޕްރޮގްރާމް "އަވަރ ފިއުޗަރ އެޖެންޑާ" އިފްތިތާޙް ކޮށްފައިވެއެވެ. މި ރިޕޯޓުގައި "ނެކްސްޓް ޖެނެރޭޝަން"ގެ ބައިވެރިން، މުސްތަޤްބަލުގެ ޖީލުތަކަށް އެކުލަވާލާ ވިޜަންއާއި ޕްލޭންތައް އެކުލަވާލުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ގޮވައިލައްވާފައިވާ ގޮވައިލެއްވުން ހިމަނާފައިވެއެވެ. "ނެކްސްޓް ޖެނެރޭޝަން" އަކީ ޒުވާނުންނާއި މުސްތަޤުބަލުގެ ޖީލުތަކަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށްޓަކައި މަސައްކަތްކުރާ، ޒުވާން އެކްޓިވިސްޓުންގެ މައްޗަށް އެކުވެލޭ ބައިނަލްއަޤްވާމީ ގްރޫޕެކެވެ.